މިކަމާގުޅިގެން އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައިވަނީ، މި ހޮޓަލް މަޝްރޫޢު އެޗްޑީސީއަށް ހަވާލުކުރުމަށް އެއްބަސްވެފައިވަނީ 20 މިލިޔަން ޔޫއެސް ޑޮލަރަށް އަގުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.
އަދި މި މުއާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، 2025ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމަނާނެކަމަށާ، މި އިއުލާނު ކޮށްފައިވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒްގެ ސީޑީއޯއައި ރެގިއުލޭޝަންގެ ދަށުންކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ވެސް ހިމެނޭގޮތަށް ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، އެ މަސައްކަތާ ކުރިން ހަވާލުވެފައި އޮތް އެސްޓީއޯއާއެކު ސެޓަލްމަންޓް އެގްރީމަންޓަކަށް ދިއުމަށްފަހުގައި ކަމަށެވެ.
ހުޅުމާލޭގައި މި ތަރައްގީކުރެވޭ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. މިތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 4 މަސް ދުވަހުގެ ތެރޭގައެވެ.
މީގެ އިތުރުން ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑާރޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ.
'މެންހަޓަން ގްރޭންޑ ހޮޓެލް' ގެ ނަމުގައި ވޯރލްޑް އޮފް ބިޒްނަސްއިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓާއެކުއެވެ. މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ 'ޑީޕް ސީފުޑް ކޮމްޕެނީ' އިންނެވެ.
މިދިޔަ ސަރުކާރުގައި 2023 ވަނަ އަހަރު އެސްޓީއޯއަށް ބަދަލު ލިބޭ ގޮތަށް އެ ހޮޓަލުގެ މިލްކުވެރިކަން އެޗުޑީސީއަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައި ވާއިރު، އެސްޓީއޯއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މި ފަސް ތަރީގެ ހޮޓަލް އަޅަން ފެށީ 2011 ގައެވެ.