ހުޅުމާލޭގައި އިމާރާތްކުރަން ފަށާ ހުއްޓިފައި ހުރި ސިޓީ ހޮޓާ.-- ފޮޓޯ: އެޗްޑީސީ
އެތައް އަހަރެއްވީ ސިޓީ ހޮޓާ އަހަރެއްތެރޭ ނިންމަން ހަވާލުކޮށްފި
ފަސް ތަރީގެ ހޮޓަލުގެ އިތުރުން އެ އިމާރާތުގައި މީޑިއާ ވިލެޖަކާއި ގައުމިއްޔަތު އިންސްޓިޓިއުޓް އާއި އެމްއެންޔޫ މެޑިކަލް ކޮލެޖް ހިމެނޭ
ފިޔެސް 21 އޯގަސްޓް 2025 (ބުރާސްފަތި)   12:23
އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތް ކުރަން ފަށާ އެތައް އަހަރެއް ވެފައިވާ ސިޓީ ހޮޓާ އިމާރާތް އަހަރެއްތެރޭ އެއްކޮށް ނިންމައި ހުޅުވަން އެޗްޑީސީން ބަޔަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯ އިން ރާއްޖެ އަށް އެތެރެކުރާ ކާޑާއި ތެލާއި އަދި އެހެނިހެން ބާވަތްތަކުގެ މުދާ ގަންނަން ބޭނުންވާ ޑޮލަރު ހޯދުމުގެ ބޭނުމުގައި ހުޅުމާލޭގައި ހޮޓަލެއް އިމާރާތް ކުރަން ނިންމައި އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހޯދީ 2007 އެވެ. އަދި އެމެރިކާގެ ކާލްސަން ގުރޫޕާ އެކު 2011 ގައި ޕާޓްނާޝިޕް އެއްބަސްވުމެއް ހަދައި، 34 މިލިއަން ޑޮލަރު ހަރަދު ކޮށްގެން 250 ކޮޓަރި ހިމެނޭ ގޮތަށް "ރެޑިސަން ބްލޫ ހޮޓެލް" ގެ ނަމުގައި އެ ތަން އިމާރާތް ކުރަން ފެށި އެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާހުރެ އެމަސައްކަތް ހުއްޓި، އެންމެ ފަހުން އެ ހޮޓާ ވިއްކާލަން 2018 ގައި އެސްޓީއޯ އިން ނިންމިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ހޮޓަލާ މެދު ސަރުކާރުން ގޮތެއް ނިންމުން ދިގުލައިގެން ގޮސް، އެސްޓީއޯ އިން ނިންމީ ހުޅުމާލެއިން 40،000 އަކަފޫޓްގެ ބިމަށް އެޗްޑީސީ އަށް ހޮޓާ ދޫކޮށްލާށެވެ. ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ބިން ހަމަޖައްސައިދީ ހޮޓަލަކީ އެޗްޑީސީގެ އިމާރާތެއްގެ ގޮތުގައި ކަނޑައަޅައި އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، އެތަނުގެ ހިންގުން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކުރުމަށް ނިންމިކަން 2025 މެއި 2 ގައި އެޗްޑީސީން އިއުލާންކުރިއެވެ.

ރޭ މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހުޅުމާލޭގެ ސިޓީ ހޮޓާ ޕްރޮޖެކްޓް ހަވާލުކުރީ ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީން ހަދާފައިވާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާ އެވެ. "މެންހެޓަން ގްރޭންޑް ހޮޓެލް" ގެ ނަމުގައި ހަދާ ފަސް ތަރީގެ އެ ހޮޓަލުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ. ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރީ ސީއީއޯ ފަހިޔަސް ޕަންގަޓް އެވެ.

ފަސް ތަރީގެ ހޮޓަލުގެ އިތުރުން އެ އިމާރާތުގައި މީޑިއާތަކަށް ހާއްސަ މީޑިއާ ވިލެޖަކާއި ގައުމިއްޔަތު އިންސްޓިޓިއުޓް އާއި އެމްއެންޔޫ މެޑިކަލް ކޮލެޖް އަދި ޔޫތު ސެންޓަރަށް ހާއްސަ ޖާގައެއް ކަނޑައަޅާނެ އެވެ. އެ ތަންތަން ނިންމަން ފަސް މަސް ދުވަސް ވަނީ ދީފަ އެވެ. އެ ހަތަރު ތަނަށް ދޭ ޖާގަ ހެދުމަށް ހަތް މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.  

your imageއެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އެޗްޑީސީ 

ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުގެ ސީއީއޯ ފަހިޔަސް ޕަންގަޓް ވިދާޅުވީ، އެ ޕްރޮޖެކްޓްގެ ދަށުން ހަތަރު ކެޓަގަރީއެއްގެ ކޮޓަރި ހަދާނެ ކަމަށާއި އެ ހޮޓަލުން އެންމެ ޒަމާނީ ލަގްޒަރީ ހިދުމަތްތައް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ޕްރޮޖެކްޓްގެ މަސައްކަތް ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް ނިންމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތެވެ.

ހުޅުމާލޭގައި ހަދާ މެންހެޓަން ގްރޭންޑް ހޮޓަލުގައި 158 ކޮޓަރި ހިމެނޭއިރު ކޮންފަރެންސާއި މަޕްޓި ޕާޕަސް ހޯލާއި ސުވިމިން ޕޫލްގެ އިތުރުން ދުނިޔޭގެ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ފުޑް އައުޓްލެޓަށް ޖާގަ ލިބޭނެ އެވެ. އަދި ޖިމާއި ސްޕާގެ ހިދުމަތް ވެސް އެ ހޮޓަލުން ލިބޭނެ އެވެ.

ހޮޓާ ނިންމަން އެއް އަހަރުގެ މުއްދަތެއް ވަނީ ކަނޑައަޅައިފަ އެވެ. އެޗްޑީސީން ބުނީ، އެ ހޮޓާ ވާނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅާ ލެވޭނެ ހޮޓަލަކަށް ކަމަށެވެ. އެގޮތުން 12 އެއާލައިނަކާ އެކު އެއްބަސްވުންތައް ހަދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ ޕްރޮޖެކްޓާ އެކު، އެޗްޑީސީ އަށް ބިމުގެ އަގުގެ ގޮތުގައި 11 މިލިޔަން ޑޮލަރު (170 މިލިއަން ރުފިޔާ) ލިބޭނެ އެވެ. އަދި ކޮންމެ އަހަރަކު ކުލީގެ ގޮތުގައި 14.4 މިލިޔަން ރުފިޔާ ލިބޭނެ އެވެ.

އެ ހޮޓާ ހަދާ އިރު ސީއެސްއާރުގެ ދަށުން ސަރުކާރަށް ދޫކުރާ ހަތަރު ތަނުގެ ފެނާއި ކަރަންޓާއި މެއިންޓަނެންސް ހަރަދު ދާއިމީ ގޮތެއްގައި ހަމަޖައްސާނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ކަމަށް އެޗްޑީސީން މީޑިއާއަށް މައުލޫމާތު ދީފައި ވެއެވެ.

ކޮމެންޓް