ޖުލައިމަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދުތަކުގެ ތަފާސްހިސާބު މީރާއިން އާއްމުކޮށްފައިވާ އިރު، އެމަހުގެ ނިޔަލަށް ޑޮލަރުން ލިބުނު އާމްދަނީ 880.5 މިލިޔަން ޑޮލަރަށް އަރައެވެ. މިއީ ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 242.6 މިލިޔަން ޑޮލަރުގެ އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް، ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި 440 މިލިޔަނަށްވުރެ ގިނަ ޑޮލަރު ލިބުނުއިރު، ޓުއަރިޒަމް ދާއިރާ މިފަހަރު ވެސް ވެފައި މިވަނީ ޑޮލަރުން އެންމެގިނައިން އާމްދަނީ ލިބުނު ދާއިރާއަށެވެ. އެ ދާއިރާއިން މިދިޔަ އަހަރު އެ އަދަދު އުޅެނީ 427 މިލިޔަން ޑޮލަރުގައެވެ.
ޓީޖީއެސްޓީ ފިޔަވައި ދެން އެންމެގިނައިން ބޭރުފައިސާގެ ގޮތުގައި އާމްދަނީ ލިބިފައިވަނީ، އިންކަމް ޓެކްސް، ގްރީންޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓްފީ އަދި ޓޫރިޒަމް ލޭންޑް ރެންޓުން ކަމަށް މީރާގެ ތަފާސްހިސާބުތައް ދައްކައެވެ.
މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު ޑޮލަރުން 880.5 މިލިޔަން ލިބުނުއިރު، އޭގެތެރޭގައި އެންމެ ގިނައީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު އަދަދެއްވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 700.2 މިލިޔަން ޑޮލަރު ލިބިފައި ވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 180.2 މިލިޔަން ޑޮލަރު ލިބުނުކަމަށް މީރާގެ ތަފާސްހިސާބުތައް ދައްކައެވެ.
ބޭރުފައިސާގެ އިތުރުން ދިވެހި ރުފިޔާއިން ލިބުނު ޖުމްލަ އާމްދަނީ 6.6 ބިލިއަން ރުފިޔާގައި އުޅޭ އިރު، ޓެކްސް އާއި އެހެނިގެން ގޮތްގޮތުން 20.1 ބިލިއަން ރުފިޔާ އަހަރުގެ މިހާތަނަށް މީރާއަށް ވަނީ ބަލައިގަނެފައެވެ. އަދި މިއީ ހުސްވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި 17.6 ބިލިއަން ރުފިޔާގައި ފެންނަންއޮތް އަދަދެއްކަން ފާހަގަކޮށްލެވެއެވެ.