މި ސަރުކާރުން ޑޮލަރުގެ ރޭޓް މައްޗަށް ނާރާނެ ކަމަށް ބުނެ، ސިޔާސަތު އެކުލަވާލި ފަހުން ޑޮލަރުގެ ރޭޓް މަތިވަމުން އައިސް ޑޮލަރު ވިއްކާ އަގު 19 ރުފިޔާ އާއި 20 ރުފިޔާ އާ ދެމެދުގައި ގިނަ ދުވަސް ތަކަކު ހުރުމަށްފަހު، ރާއްޖޭގެ ތާރީހުގައި ވެސް ޑޮލަރުގެ އަގު މި މިންގަނޑަށް ދިޔަ މިއީ ފުރަތަމަ ފަހަރުކަމަށް ވިޔަފާރިވެރިން މައުލޫމާތު ދެއެވެ.
ވިޔަފާރިވެރިން ބުނާގޮތުން އަދިވެސް ލަފާކުރެވެނީ ޑޮލަރުގެ އަގު ތިރިނުވެ މިއަށް ވުރެވެސް މަތިވާނެ ކަމަށް ފެންނަކަމަށެވެ. އަދި ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ ވަރަށް މި އަގަށް ވެސް ޑޮލަރު ނުލިބިގެން ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޑޮލަރު ރޭޓު މިހާ މަތިވެފައިވާއިރު، ސަރުކާރުން ވަނީ ބީއެމްއެލްގެ ދިވެހި ރުފިޔާ ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭ ލިމިޓު 500 ޑޮލަރަށް އާންމުންނަށް އިތުރު ކޮށްދީފައެވެ.
އަދި ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު ޓީޓީތަކަށް ދޭ ޑޮލަރު ސަޕޯޓު 30 ޕަސެންޓާ ހަމައަށް ބޮޑު ކޮށްދީފައި ވެސް ވެއެވެ.
މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ. އެ ދުވަސްވަރު ދުބާއީގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.
އޭގެ ފަހުން ރައީސް މުއިއްޒު ވެސް ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާ "ދެން ދާނީ ތިރިއަށް" ކަމަށް ވިދާޅުވެފައެވެ. އަދި މިދިޔަ އޭޕްރީލް މަހު އެމަނިކުފާނު ވަނީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައި ކަން ފާހަގަކޮށްލެވެއެވެ.
ޑޮލަރު ތާށިކަމާ މެދު އާންމުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުރިނަމަވެސް ސަރުކާރާއި މައުކަޒީ ބޭންކު (އެމްއެމްއޭ) އިން ވެސް ބުނަނީ، ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ތިރިކުރެވޭނީ މިހާރު ތަންފީޒުކުރަމުން އަންނަ ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމަށެވެ.
ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭންކުން އެކަށީގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ.
އަދި ރާއްޖެއަކީ އުފެއްދުންތެރިކަށް ދަށް ގައުމަކަށް ވުމުގެ ސަބަބުން ޑޮލަރުގެ އަގު ބޮޑުވުމަކީ އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމަކަށް ވެއެވެ. ސަބަބަކީ ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލޭ ސަބަބަކަށް އެކަންވެއެވެ.
ޑޮލަރުގެ އަގު ބޮޑުވުމުން ވިޔަފާރިވެރިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމުން އަންނައިރު، ބޭސްފަރުވާ ފަދަ މުހިންމު ކަންކަމުގައި ރާއްޖެއިން ބޭރަށްދާ ނިކަމެތި އާންމުންނަށްވެސް ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމުން އެކަމުގެ ނުތަނަވަސްކަން މިވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށް އާންމުން ބުނެއެވެ.
މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދު ކުރާ ވަރު ދަށްވެ، ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.