ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދުމުގެ އިތުރުން މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން.--
ފިރިހެނަކު ބްލެކްމެއިލްކޮށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި
މަރްޔަމް މުޙައްމަދު 3 އޯގަސްޓް 2025 (އާދީއްތަ)   13:46
އޮރިޔާންކާޑު ހުރި ކަމަށް ބުނެ ދިވެހި ފިރިހެނަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފިރިހެނަކު ބްލެކްމެއިލްކޮށްގެން މިހާ ގިނަ ފައިސާ ހޯދި ކަމުގެ މައްސަލައެއް، ފުލުހުން މިއަދު ބުނި ގޮތުގައި، ފުލުހަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ގަ އެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ ފިރިހެން މީހާއަކީ އިތުރު އަންހެނަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެކެވެ. ދެ މީހުން ވެސް އިއްޔެ ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ވަނީ ކޯޓުން ޖަހައިފަ އެވެ.

މި ދެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އައްޑޫ ފޭދޫ/ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒު ލުތުފީ (32އ) އާއި، މއ.ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33އ) އެވެ.

މި ދެ މައްސަލައާ ގުޅިގެން، ދެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެއްކުރި ކަންކަމަށް ބަލައިލާއިރު، ފަވާޒު ހުޅުމާލޭގައި ދިރިއުޅޭ ކަމަށް ބެލެވޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، ސިމް ކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް، ފައިނާޒް ލައިގެން ހުރި އަންނައުނުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކްރިމިނަލް ކޯޓާ ހަވާލާދީ ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ބްލެކްމެއިލްކޮށްގެން ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވަކި ދެ މައްސަލައިގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް