އެމްޑީޕީ ގއ. ވިލިނގިލި ދާއިރާ ތަމްސީލު ކުރާ ހުސައިން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފޮޓޯ ނެގި މަގަކީ ހުޅުވާލާފައި އޮތް މަގެއް ކަމަށާ، އޭނާ ނެގީ އެމަގުން ހައްޔަރުކުރި ދެ ބިދޭސީއެއްގެ ފޮޓޯ ކަމަށެވެ.
"އެއީ ހުޅުވާލާފައި އޮތް މަގެއް. ހިނގާބިނގާވެ، ދުއްވާ އެއްޗެހި ދަތުރު ކުރަމުންދިޔަ މަގެއް. އެ މަގުން ހައްޔަރު ކުރި ދެ ބިދޭސީއެއްގެ ފޮޓޯ އަޅުގަނޑު ނެގިން. ފޮޓޯ ޑިލީޓް ކުރަން އިންކާރުކުރުމުން، ފުލުހުން ކޯޓުގައި އެދުނީ 15 ދުވަހަށް ބަންދުކުރަން. ގާޒީ ނިންމެވީ ދޫކޮށްލަން. ހުސައިން ލިޔުއްވާފައި ވެއެވެ.
ހުސައިން ރޭ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލާފައެވެ.
ހުސައިން މިރޭ ވަނީ އޭނާއަށް ކްރިމިނަލް ކޯޓުން ޝަރުތު ކަނޑައަޅައި ކޮށްފައިވާ އިޤުރާރު އާންމު ކުރައްވާފައެވެ.
އެ ލިޔުމުގައި ވާގޮތުން ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރި މައްސަލައިގެ ބާވަތަކީ ވާޖިބަށް ހުރަސް އެޅުމާއި، އުމުރަށް ނުކިޔަމަންތެރިވުމާއި މާރާމާރީ އެވެ.
ހުސައިންގެ މައްޗަށް 4 ޝަރުތެއް ކޯޓުން ކޮށްފައި ވެއެވެ. އެ ޝަރުތުތަކަކީ؛
ފުލުހުން ރޭ 12:23 ގައި ހުސައިން ހައްޔަރު ކުރުމާ ގުޅޭ ގޮތުން ބުނީ އޭނާ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރި ވުމުން އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް ސީން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވާތީ، އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި،" ކަމަށެވެ.
ހުސައިންގެ ގާނޫނީ ވަކީލު، އިބްރާހިމް ޝިޔާމް މިއަދު މީޑިއާއަށް ވިދާޅުވީ ފުލުހުން ހުސައިން ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.
"ހުސެއިން ހައްޔަރު ކުރީ ކުށެއްގެ ތުހުމަތުގައެއް ނޫން، ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫނީ މީހެއްގެ ގައިގައި އަތްލާ ހައްޔަރު ކުރުމުގެ ގާނޫނީ ބާރެއް ފުލުހުންނަކަށް ލިބިގެނެއް ނުވޭ، އެހެންވީމާ ހުސެއިން ހައްޔަރު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް، ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާނަން،" ޝިޔާމް ވިދާޅުވެފައި ވެއެވެ.