ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހ.ފިލިމާގޭ އުމުރުން 18 އަހަރުގެ އައިކް ހައިޝަމް ޙަސަން އެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި ހައިޝަމް ވަނީ ރޭ ހުޅުމާލޭގައި ނުރައްކާތެރިކޮށް ދުއްވައި ފުލުހުން މަޑުކުރަން އެންގުމުންވެސް ފުލުހުންގެ އަމުރަށް ކިޔަމަންނުވެ ފިލަން މަސައްކަތްކޮށްފައެވެ. ކާރު މަޑުނުކޮށް ބާރު ސްޕީޑްގައި ފޭސް އެކެއް އަދި ފޭސް ދޭއްގައި ދުއްވަމުން ދިޔުމުން ފުލުހުން އެ ކާރު ފަހަތުން ދާތީ ފުލުހުންގެ ސައިކަލުގައި ޖައްސާ ވައްޓާލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ސައިކަލްގައި ތިބި ދެ އޮފިސަރުންގެ ތެރެއިން އެއް އޮފިސަރަށް ލިބުނު އަނިޔާތަކާ ގުޅިގެން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ. އަނިޔާވި ފުލުސް އޮފިސަރު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، ލިބުނު އަނިޔާތަކަށް އިތުރު ފަރުވާދިނުމަށް ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް ވަނީ އިރުޝާދުދީފައެވެ.
މިހާދިސާގައި ކާރު ދުއްވި ފިރިހެން މީހާއާ ކާރުގައި އިން އަންހެން މީހާ ރޭ ހައްޔަރު ކުރިއެވެ. ހައްޔަރު ކުރުމަށްފަހު އަންހެން މީހާ ދޫކޮށްލި ނަމަވެސް ކާރު ދުއްވި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރިއެވެ. އެކަމަކު ފުލުހުން މިރޭ ބުނި ގޮތުގައި ކޯޓުން އޭނާ އަށް ޝަރުތު ކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.