ހުސެން، މުޒާހަރާ އެއް ކަވަރު ކުރަނިކޮށް ހައްޔަރުކުރަނީ.--
އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު ހުސައިން ހަސަން ހައްޔަރުކޮށްފި
10 ސެޕްޓެމްބަރ 2025 (ބުދަ)   23:53
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މެންބަރު، ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން ހައްޔަރުކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވިލިނގިލި ދާއިރާ ތަމްސީލު ކުރާ ހުސައިން ހައްޔަރުކުރީ މީގެ ކުޑަވަގުތުކޮޅެއް ކުރިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. 

ފިޔެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސައިން ހައްޔަރުކުރީ ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އިންފޯސްމަންޓް އޮޕަރޭޝަނެއްގެ ފޮޓޯ ނަގައިގެންނެވެ. 

ފުލުހުން އެ އޮޕަރޭޝަން ހިންގަމުން ދިޔައީ ސަރަހައްދު ވަކިކުރަން ޓޭޕު ދަމައިގެން ނޫންކަމަށާ، އެ ތަނުގެ ފޮޓޯއެއް ނެގުމުން ފުލުހުން ހުސައިންއަށް އިންޒާރު ދީ އޭނާއަށް އަނިޔާކޮށް ހައްޔަރުކޮށްގެން ގެންދިޔައީ ކަމަށް މައުލޫމާތު ލިބެއެވެ. 

ހުސައިން ހައްޔަރު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ އޭނާ ދޫކޮށްލަން ގޮވާލަމުންނެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވަނީ އެއްވެސް ޝަރުތަކާ ނުލައި ހުސައިން ވަގުތުން ދޫކޮށްލަން ގޮވާލައްވާފައެވެ. 


ފުލުހުން ރޭ 12:23 ގައި ހުސައިން ހައްޔަރު ކުރުމާ ގުޅޭ ގޮތުން ބުނީ އޭނާ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރި ވުމުން އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް ސީން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވާތީ، އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި،" ކަމަށެވެ.

ކޮމެންޓް