ލައިސަންސް ނެތި ސައިކަލް ދުއްވައިގެން އެކްސިޑެންޓްތައް އިތުރުވަނީ
މުޙައްމަދު ޤާސިމް 12 އޯގަސްޓް 2025 (އަންގާރަ)   14:04
ލައިސަންސް ދޫނުކުރާ އުމުރުގެ ކުޑަކުދިން ވެހިކަލް ދުއްވުން، ހާއްސަކޮށް ސައިކަލް ދުއްވުން މިހާރު ވަރަށް ބޮޑަށް އާންމުވެ، ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް އަންނަނީ ހިނގަމުންނެވެ.

ލައިސަންސް ނެތް ކުޑަކުދިންނާ ސައިކަލު ހަވާލުކުރާ ފަރާތްތަކާއި އެފަދަ ކުދިން ބެލެހެއްޓުން ހަވާލުވެފައިވާ ފަރާތްތަކުން ވެސް ޒިންމާ އަދާކުރެވޭތަން ފެނިގެން ނުދާއިރު، ފުލުހުން ބުނަނީ، މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ދިމާވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކުރެވެނީ ލައިސަންސް ނެތި ދުއްވުމާއި، ދުއްވާއިރު ފަރުވާކުޑަކޮށް ނުވަތަ އާދަޔާހިލާފު ބާރު ސްޕީޑްގައި ދުއްވުން ކަމަށެވެ.

އަދި އާންމުކޮށް، މިފަދަ ބާރު ސްޕީޑުގައި ދުއްވަމުން އަންނަނީ، ފާހަގަކޮށްލެވޭ ގޮތުގައި ޒުވާން ނުވަތަ ހަގު އުމުރުފުރާގެ ޒުވާނުނާއި ކުޑަކުދިންކަން ފާހަގަކޮށްލެވެއެވެ. ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓުތައް ފުލުހުންނަށް ރެކޯރޑް ކުރެވިފައި ހުރި މިންވަރަށް ބަލާއިރުގައި 90 އިންސައްތަ މައްސަލަ ހުރީ ބާރު ސްޕީޑުގައި ދުއްވައިގެން ދިމާވާ އެކްސިޑެންޓްތަކުގެ މައްސަލަތައް ކަމަށް ފުލުހުން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 18 އަހަރުން ދަށުގެ ކުދިން ލައިސަންސް ނެތި ސައިކަލު ދުއްވައި، އެކްސިޑެންޓުތައް ހިނގާ މިންވަރު މިފަހުން އިތުރުވެ، އައްޑޫ ސިޓީ، ހިތަދޫގައި އާދީއްތަ ދުވަހުގެރޭ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާއިރު މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވީ އަންހެނެއް ކަމަށާއި އަނެއް ސައިކަލު 15 އަހަރުގެ ފިރިހެން ކުއްޖަކު ދުއްވަން އިންއިރު އެ ސައިކަލު ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަން ފާހަގަކޮށްލެވެއެވެ.

އަދި މި މަހުގެ ހަވަނަ ދުވަހު ފުވައްމުލަކު ސިޓީގައި 17 އަހަރުގެ ކުއްޖަކު ސައިކަލު ދުއްވާފައި ދަނިކޮށް ފާރެއްގައި ޖެހި އެކުއްޖާ ވަނީ ނިޔާވެފައިވެއެވެ. އަދި މިދިޔަ މަހުގެ 13ވަނަ ދުވަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް 17 އަހަރުގެ ކުއްޖަކު ސައިކަލު ދުއްވަނިކޮށް އެކްސިޑެންޓުވެ، ނިޔާވެފައި ވާއިރު، އެ ސައިކަލުގެ ފަހަތުގައި ވެސް އިނީ 16 އަހަރުގެ ކުޑަކުއްޖެކެވެ.

މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ރ. ފައިނުގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި ވާއިރު، އެ އެކްސިޑެންޓުވީ، 18 އަހަރު ނުވާ ދެ ފިރިހެން ކުދިން ވަރަށް ބާރަށް ސައިކަލު ދުއްވާފައި ދަނިކޮށް، ކަސްރަތަށް ނުކުމެ ހިނގަން ތިބި ދެ ފިރިހެނުންގެ ގައިގައި ޖެހިގެންނެވެ. އެއީ ފައިނު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެކެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 2،885 އެކްސިޑެންޓް ހިނގާފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،725 އެކްސިޑެންޓް ވަނީ ހިނގާފައެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުދިންނަށް ސައިކަލް ދުއްވުމުގެ ފުރުސަތު ލިބެނީ ބޮޑު މީހެއްގެ ސަބަބުން ކަމަށްވާއިރު ކުޑަކުދިންނަށް މިފަދަ ނޭދެވޭ ކަންކަމަށް މަގުފަހިކޮށް ދިނުމުން އެތަކެއް ފުރާނައެއް މި ދުނިޔެއާއި އަލްވަދާއުކިޔަމުން ދާއިރު މަގުމަތީގެ އަމަން އަމާންކަން ބަލަހައްޓާ ފުލުހުން ވެސް މިކަމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުން މުހިންމެވެ.

ކޮމެންޓް