އެކްސިޑެންޓް ހިނގުމާއެކު އަނިޔާ ލިބުނު މީހުންނަށް އެހީތެރިވަނީ.-- ފޮޓޯ: ސޯޝަލްމީޑިއާ
ސައިކަލަކުންޖެހި އުމުރުން 64 އަހަރުގެ އަންހެނަކު ނިޔާވެއްޖެ
15 އޯގަސްޓް 2025 (ހުކުރު)   23:34
ލ. ކައްދޫ އެއާޕޯޓް ކައިރިން ސައިކަލަކުން ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި އުމުރުން 64 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

މިރޭ 7:18 ހާއިރު އެ އެކްސިޑެންޓު ހިނގީ ލ.ކައްދޫ އެއާޕޯޓު ކައިރިން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. މި ސައިކަލް ދަތުރުކުރީ ލ. ފޮނަދޫ އިން ގަމަށެވެ.

މި އެކްސިޑެންޓްގައި ޒެބްރާ ކްރޮސް އިން މަގު ހުރަސްކުރި 2 އަންހެނަކަށާއި ސައިކަލްގައި ތިބި 2 މީހުންނަށް އަނިޔާވެގެން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދިނެވެ.

އެ ހާދިސާގައި ފަރުދާދެމުން އައީ މަގު ހުރަސް ކުރަން އުޅުނު އުމުރުން ދުވަސްވީ އަންހެންމީހާ އާއި އޭނާގެ މާމަ ދަރިފުޅުގެ އިތުރުން ސައިކަލު ދުއްވަން އިން ފިރިހެން މީހާ އާއި އެ ސައިކަލު ފަހަތުގައި އިން އަންހެން މީހާ އަށެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް، ލ. މާވަށު، މަރިޔަމް މޫސާ ނިޔާވެފައިވާ ކަމަށް ގަން ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ހާމަކުރިއެވެ.

އެކްސިޑެންޓުގައި އަނިޔާވި ބާކީ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ނަމަވެސް އެ މީހުންގެ އުމުރާއި ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް