އަޝްފާ މިއަދު ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަލްސަންގެ ވަކިވުމަކީ މަންމަ އާއި ބައްޕައަށް އުފުލޭ ވަރަށް ވުރެ މާ ހައިބަތު ބޮޑު ހިތްދަތި ކަމެއް ކަމަށެވެ.
މަންމަ އާއި ބައްޕަގެ ހިތާމަތަކާއި ރިހުންތަކަށް ކިރިޔާ ވެސް ލުޔެއް ލިބެނީ މާތްﷲ އާއި ދަރިފުޅު ދެކެ ވާ ލޯބީގެ ހައްގުގައި ކުރާ ނަމާދާއި ކުރާ ދުއާ އާއި ޒިކުރުތަކާއި ކީރިތި ގުރުއާނުގެ އާޔަތްތަކުގެ އެހީ އާއި މަދަދުން ކަން އިހްސާސްކުރެވޭ ކަމަށް އަޝްފާ ލިޔެފައި ވެއެވެ.
އުމުރުން އެންމެ 17 އަހަރުގެ އަލްސަން ނިޔާވީ މިދިޔަ މަހު 14 ވަނަ ދުވަހުގެ ރެއެވެ.
އަލްސަން ނިޔާވީ މާލޭ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުގައި އޭނާ ދުއްވި ސައިކަލު، މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި، ޕިކަޕެއްގައި ޖެހި ލިބުނު އަނިޔާގަ އެވެ.
އަޝްފާ ބުނެފައިވަނީ މަންމަ އާއި ބައްޕަ އަދި ދެ ފަރާތުގެ މުޅި އާއިލާ އާއި އަލްސަންގެ އެންމެ ގާތް އެކުވެރިންނާއި އެ ކުދިންގެ މައިންބަފައިން ވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ.
"އެ ހުރިހާ ހިތްތަކެއްގައި ދަރިފުޅަށްޓަކާ ހާއްސަ ޖާގައެއްވާ ކަން ދަރިފުޅުގެ ވަދާއީ ވަގުތުކޮޅުގައި ވެސް ފެނިގެންދިޔަ. އިހުސާސް ކުރެވިގެން ދިޔަ،" އަޝްފާ ލިޔެފައި ވެއެވެ.
"އެވަރުގެ ޖަނާޒާއަކާއި އެވަރުގެ ކަށުނަމާދެއް ދަރިފުޅަށް މިންވަރުކޮށްދެއްވި ކަމަށްޓަކާ اللہ سبحانہ وتعالیގެ ހަޒްރަތައް ހަމްދާ ޝުކުރު ކުރަން."
މަރްހޫމް އަލްސަންގެ ޖަނާޒާ ބޭއްވީ މާލޭ އާސަހަރާގަ އެވެ. އެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.