ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަޙްމަދު ޝަމްހީދު - ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހަކީ ޕީއެންސީގެ ގޮތްޕެއް ނޫން
އެމްޑީޕީ ގިނަ މެންބަރުން ރާއްޖެއިން ބޭރުގައި ތިއްބެވި ދަނޑިވަޅުބަލައި ދައުރުން ބޭރު ޖަލްސާ ބާއްވަން މި ނިންމީ އިދިކޮޅުގެ އަޑުކަނޑުވާލަން - ޝަމްހީދު
ޖުނާން އަޙުމަދު 4 ޖެނުއަރީ 2026 (އާދީއްތަ)   19:49
ދައުރުން ބޭރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ޕީއެންސީން ރާވައިގެން ބޭއްވުމުގެ އެންމެބޮޑު މަގުސަދަކީ އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް، ކަމަށާ، މަޖިލިސް ޗުއްޓީއާއި ދިމާކޮށް އެމްޑީޕީ ގިނަ މެންބަރުން ރާއްޖެއިން ބޭރުގައި ތިއްބެވި ދަނޑިވަޅުބަލައި ދައުރުން ބޭރު ޖަލްސާ ބާއްވަން މި ނިންމީ އިދިކޮޅުގެ އަޑުކަނޑުވާލުމަށް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ޝަމްހީދު ކުރެއްވި ޕޯސްޓެއްގައި މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ޕީއެންސީގެ ގޮތްޕެއް ނޫން ކަމަށާ، މި ސަރުކާރުން މިދަނީ މުޅި ޑިމޮކްރަސީގެ ނިޒާމު ފުނޑާލަމުން ކަމަށެވެ.

"އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް، މާދަމާ ކުއްލި ޖަލްސާއެއް އެބަ ބާއްވާ. ހެނދުނު 9 ޖަހާއިރު އޮންނަ ޖަލްސާގެ ނޯޓިސް ފޮނުވީ މިއަދު ހެދުނު." - ޑރ.ޝަމްހީދު

އަދި މިފަދައިން ކަންކަން ކަންކުރާއިރު، ގައުމުތަކުގެ ހުދުމުހުތާރު ވެރިންގެވެސް ނިމުން އަންނަކަން ހަނދާންކުރަން ޖެހޭ ކަމަށް ވިދާޅުވެ، އިއްޔެވެސް އެ މަންޒަރު ފެނިގެން ހިނގައްޖެ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

"މަޖިލިސް ޗުއްޓީއާއި ދިމާކޮށް އެމްޑީޕީ ގިނަ މެންބަރުން ރާއްޖެއިން ބޭރުގައި ތިއްބެވި ދަނޑިވަޅުބަލައި ދައުރުން ބޭރު ޖަލްސާ ބާއްވަން މި ނިންމީ އިދިކޮޅުގެ އަޑުކަނޑުވާލަން. ރައްޔިތުންގެ މަޖިލީހަކީ ޕީއެންސީގެ ގޮތްޕެއް ނޫން. މި ސަރުކާރުން މިދަނީ މުޅި ޑިމޮކްރަސީގެ ނިޒާމު ފުނޑާލަމުން. މިހެން ކަންކުރާއިރު ހަނދާންކުރަން ޖެހޭ، ގައުމުތަކުގެ ހުދުމުހުތާރު ވެރިންގެވެސް ނިމުން އަންނަކަން. އިއްޔެވެސް އެމަންޒަރު ފެނިގެން ހިނގައްޖެ." - ޑރ.ޝަމްހީދު

ދައުރުން ބޭރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ހުށަހަޅާ ތާވަލުކޮށްފައިވާ އެންމެ މުހިންމު އެއްކަމަކަށް އޮތީ، ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅުމެވެ.

ދެ އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުގެ ބިލު މަޖިލިހަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޕީއެންސީގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައި ކަަމަށެވެ.

ގާނޫނަށް މި ބަދަލު އައިސްފިނަމަ، 20 ވަނަ މަޖިލީހުގެ އުމުރު ދެން ހަމަވާނީ 2028 ޑިސެމްބަރު 1، އަށެވެ. އެ ދުވަހުގެ ކުރިން އާ މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން 6 މަސް މަދުވެގެން ވެސް ދާނެއެވެ.

ޕީއެންސީއިން ހުށަހަޅައިގެން މާދަމާ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާގައި އެ ދެ އިންތިހާބު އެއްކޮށްލާ ބިލުގެ ފުރަތަމަ ކިޔުމާއި އިބްތިދާއީ ބަހުސްވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

ކޮމެންޓް