ހޯޕް ޓްރެވަލްސްގެ ފެރީއެއް، ހޯޕް ޓްރެވަލްސްގެ ހަރަކާތް މީރާގައި ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހިންގި ކަމަށް މީރާއިން ބުނޭ.-- ފޮޓޯ: ހޯޕް ޓްރެވަލްސް
ހޯޕް ޓްރެވަލްސްގެ މައްޗަށް ޓެކުހަށް މަކަރު ހެދުމުގެ ދައުވާކުރަން ފޮނުވައިފި
މަރްޔަމް މުޙައްމަދު 17 އޯގަސްޓް 2025 (އާދީއްތަ)   18:42
ހޯޕް ޓްރެވެލްސްގެ ނަމުގައި ށ. އާއި ނ. އަތޮޅަށް ލޯންޗު ފެރީގެ ހިދުމަތް ދެމުންދާ ހޯޕް ޓްރެވަލްސްއިން ގަސްދުގައި ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މީރާ އިން ފޮނުވައިފި އެވެ.

މީރާ އިން ބުނީ 2020 ޖުލައި 1 ކުން 2023 މެއި 31 ގެ ނިޔަލަށް ހިމެނޭ ޓެކްސް ނެގޭ މުއްދަތު ތަކަށް އެ ކުންފުނިން މީރާއަށް ހުށަހަޅާފައިވާ ޖީއެސްޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020 އަދި ޓެކްސް އަހަރު 2021 އަށް ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

މީރާ އިން ބުނި ގޮތުގައި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭތީ އެކަމުގެ ތަހުގީގު ކުރިއަށް ގެންދިޔައިރު، އެ ތަހުގީގުން ފާހަގަވީ އެ ދެ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ބަޔާންތަކުގައި 29 މިލިއަން ރުފިޔާގެ އާމްދަނީގެ ގޮތުގައި ހިމަނާފައިނުވާކަން ކަމަށް މީރާއިން ބުންޏެވެ.

މީރާ އިން ބުނީ ހޯޕް ހޯލްޑިންސް ޕާޓްނާޝިޕް މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވީ ނަމަވެސް އެ ވިޔަފާރީގެ ދަށުން ހިންގާ "ހޯޕް ޓްރެވެލްސް" ގެ ހަރަކާތް މީރާގައި ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހިންގި ކަމަށެވެ. އަދި އެ ތަހުގީގު ކުރި މުއްދަތުގައި ފާހަގަވީ އެ ވިޔަފާރި ހިންގައިގެން ލިބިފައިވާ ޖުމްލަ އާމްދަނީގެ 89 ޕަސެންޓް މީރާއަށް ހުށަހަޅާފައިވާ ޖީއެސްޓީ ބަޔާންތަކުގައި ނުވާ ކަން ކަމަށް މީރާ ބުންޏެވެ.

"މިގޮތުން މި މުއްދަތަށް ޓެކްސް ދައްކާ ފަރާތަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 މިލިޔަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި ތިން މިލިޔަނަށް ވުރެ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ،" މިރާއިން ބުންޏެވެ.

މީރާއިން ވަނީ ތަހުގީގުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރިއާ ގުޅޭ ލިޔުންތައް ބަލަހައްޓާ އެ ފަރާތުގެ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގާފައި ކަމަށް ބުނެފަ އެވެ.

އެ ތަހުގީގަށް ފަހު މީރާ އިން ދައުވާކުރަން ފޮނުވީ ހޯޕް ހޯލްޑިންސް ވިޔަފާރީގެ ޕާޓްނަރެއް ކަމަށްވާ ޝަހުދު އިބްރާހިމްމަނިކާއި ވިޔަފާރީގައި އިސްކޮށް އުޅޭ މުހައްމަދު އަލީ ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

މީރާ އިން ބުނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަން ޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ކުރުމަށް މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެއް ކަމަށާއި އެފަދަ ކަމެއް މީހަކު ކުރާ ނަމަ، އެ ފަރާތްތަކާ މެދު މީރާ އިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ކޮމެންޓް