ހަންބޯ ކުންފުންނާއި ދެކޮޅަށް ޢަލީ އާދަމް ގ. ކަކާގެއާގެ، ހުށަހެޅި އެ މައްސަލައިގެ ދައުވާގެ ހުލާސާގައި ބުނެފައިވަނީ، ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅަންޖެހުނީ ޢަލީ އާދަމް އާއި ހަންބޯ ކުންފުންޏާ ދެމެދު 3 އޭޕްރިލް 2023 ވަނަ ދުވަހު ވެފައިވާ އެޕާޓްމެންޓް ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން ދައުވާ ލިބޭ ފަރާތުން އަދާކުރަން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްފައި ނުވާތީ ކަމަށެވެ.
އެހެންކަމުން މި މައްސަލައަކީ، އެ އެއްބަސްވުމާ އެއްގޮތަށް ހުޅުމާލޭ ޕްލޮޓް ނަންބަރު D2-1(b) ގައި އިމާރާތްކޮށްފައިވާ ކޭ-ޕާކް ރެސިޑެންސުން އެއްބަސްވުމުގެ ޖަދުވަލު 2 ގައި ހިމަނާފައިވާ 5 ވަނަ ފަންގިވިލާގައި ހަދާފައިވާ 2 އެޕާޓްމެންޓާއި 7 ވަނަ ފަންގިފިލާފައިވާ 2 އެޕާޓްމެންޓް ހަވާލު ކުރުމަށް ނުވަތަ ދައުވާ ކުރާ ފަރާތުން ދައްކާފައިވާ 2،900،00 ރުފިޔާ އަނބުރާ ދެއްކުމަށް އަމުރުކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
ސިވިލް ކޯޓުން އިއްޔެ ނިންމި އެ މައްސަލައާއެކު ދެ ފަރާތުގެ ދެމެދުގައި 3 އޭޕްރިލް 2023 ވަނަ ދުވަހު އެޕާޓްމެންޓް ގަނެވިއްކުމުގެ އެއްބަސްވުމެއް ވިއްކާ ފަރާތުގެ ހައިސިއްޔަތުން ހަމްބޯ ކުންފުނީގެ ޑިރެކްޓަރު، ހަސަން މަމްދޫހު (މަންޑޭ) ސޮއިކޮށް، އެ ކުންފުނީގެ ސިއްކަ ޖަހާފައިވާކަމާއި، އަދި އެޕާޓްމެންޓް ގަންނަ ފަރާތެއްގެ ހައިސިއްޔަތުން އަލީ އާދަމް ސޮއިކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.
ޝަރީއަތަށް ފާހަގަކުރެވުނު ކަންކަމަށް ބަލައި، އަލީ އާދަމް ގަނެފައިވާ ހަތަރު އެޕާޓްމެންޓް 30 ދުވަހުގެ ތެރޭގައި ހަވާލު ކުރުމަށާ، އެ މުއްދަތުގައި އެޕާޓްމެންޓް ހަވާލު ނުކުރެވޭނަމަ 4 އެޕާޓްމެންޓް ގަތުމަށް ހަންބޯ ކުންފުންޏަށް ދައްކާފައިވާ 2.900،000 ރުފިޔާ 30 ދުވަހުގެ ތެރޭގައި އަނބުރާ ޢަލީ އާދަމްއަށް ދެއްކުމަށް، މައްސަލަ ބެއްލެވި ގާޒީ މުޙައްމަދު އީސާފުޅު ކުރެއްވި ހުކުމުގައި ވަނީ އަމުރުކޮށްފައެވެ.
ސިވިލް ކޯޓުން މި ހުކުމް ކޮށްފައިވާއިރު، ކޭ-ޕާކްގެ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތަކައި ކުރި ޖިނާއީ ދައުވާތަކުގެ އިތުރު ޝަރީއަތްތަކެއް އަދިވެސް ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.
އަދި ކޭ-ޕާކް އެތައް ބަޔަކަށް އޮޅުވާލަައިގެން، ކޭ-ޕާކްގެ ތަންތަން ވިއްކުމުގައި މަކަރާ ހީލަތް ހެދި މައްސަލައިގައި ދައުވާތަކެއް އުފުލާފައިވާ ޙަސަން މަމްދޫހު (މަންޑޭ) އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަހަރުގެ ޖޫންމަހު ތެރޭ އަމުރުކޮށްފައި ވެއެވެ.
އަދި މީގެ އިތުރުން، ކޭ-ޕާކް ރެޒިޑެންސްގެ ފްލެޓުތައް ވިއްކުމުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، އަދިވެސް ގިނަ ބަޔަކަށް އިންސާފު ނުލިބި ދިގުލައިގެން ދާތީ މަޖިލިސް މެންބަރުން އެކަމުގައި ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށްޓަކައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވަނީ މަޖިލީހަށް ގަރާރެއްވެސް ޖުލައި މަހުގެ 21 ވަނަ ދުވަހު ހުށަހެޅުއްވާފައެވެ.
އެ ގަރާރުގައި ވަނީ ކޭޕާކުން ފްލެޓު ގަނެފައިވާ މީހުން ސޯޝަލް ހައުސިންއަށް ޝަރުތު ހަމަނުވާ މައްސަލައިގައި ހައްލެއް ހޯދަން އެދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގައި އާދޭސް ކުރަމުން ދިޔަ ނަމަވެސް މިހާތަނަށް އެމީހުންނަށް އެއްވެސް ހައްލެއް ލިބިފައި ނެތް ކަމަށެވެ.