
މިއަދަކީ އަދާލަތަށް 20 އަހަރު ފުރުނު ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި އިމްރާން ވިދާޅުވީ ވޭތުވެދިޔަ 20 އަހަރު ރާއްޖޭގެ ގިނަ ރައްޔިތުން ގުޅިގެން ހިންގި ކޮންމެ ބޮޑު ހަރަކާތެއްގައި އަދާލަތު ޕާޓީ މުހިންމު ދައުރެއް އަދާކޮށްފައިވާނެ ކަމަށާ، މެދުކެނޑުމެއްނެތި އަދާލަތު ޕާޓީގެ ފަރާތުން އެ މުއްދަތުގައި އިޖުތިމާއީ، ދީނީ އަދި އިސްލާހީ ގިނަ މަސައްކަތް ތަކެއް ވެސް ކޮށްފައިވާ ކަމަށެވެ.
އިލްމުވެރިންގެ މެދުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ސިޔާސީ ޕާޓީއެއް އުދެއްދުމުގެ މަސައްކަތް ފެށީ 2005 ވަަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާއްސަ ގަރާރަކުން ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދިނުމުން. ގިނަ އަދަދެއްގެ އިލްމުވެރިންނާއި މަދަނީ ތައުލީމުގެ ބޭފުޅުން ގުޅިގެން ކުރި މަސައްކަތުން 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18 ދުވަހު ރަސްމީކޮށް އަދާލަތު ޕާޓީ ރަޖިސްޓްރީ ކުރެވިގެންދިޔަ. މިއަދަކީ އެ ބޮޑު ތާރީހީ މަސައްކަތަށް 20 އަހަރު ފުރޭ ޚާއްސަ މުނާސަބާ،" އިމްރާން ވިދާޅުވިއެވެ.
އަދި މިއިން ކޮންމެ ކަމެއް ކާމިޔާބު ވެފައިވަނީ އަދާލަތު ޕާޓީގެ މެންބަރުންގެ މިންނެތް މަސައްކަތުން ކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ، ޕާޓީގެ އިދާރީ ގުނަވަންތަކާއި މެންބަރުންގެ ރޫހާއި އިހުސާސްތަކާއި ގުޅި ލާމެހިގެން ހިންގުނު ކޮންމެ ހަރަކާތަކީ އެމައްޗަށް ފަހުރުވެރިވުން ހައްގު މަސައްކަތެއް ކަމަށެވެ.
"މިއަދު އަދާލަތު ޕާޓީގެ މެންބަރުން އެންމެ އުފާކޮށް ފަޚުރުވެރިވާންވީ ކަމަކީ ވޭތުވެދިޔަ 20 އަހަރު މެދުކެނޑުމެއްނެތި ރާއްޖެއަށް ޙިދުމަތް ކޮށްފައިވާ ހަމައެކަނި ދެ ޕާޓީގެ ތެރެއިން އެއްޕާޓީއަކީ އަދާލަތު ޕާޓީ ކަމުގައި ވާތީ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ވެރިކަމުގެ ސިޔާސަތު ތަގައްޔަރުވެ، ސިޔާސީ ޖައްވު ކިލަނބުވެ ފަސާދަވެ ގިނަ ރައްޔިތުންގެ ހައްގާއި މަސްލަހަތު ގެއްލޭ ކޮންމެ ހިނދަކު ރައްޔިތުންގެ ދިފާއުގައި ތެދުވެ، ސާބިތުކަމާ އެކު އިސްސަފުގައި އަދާލަތު ޕާޓީ މަސައްކަތްކޮށްފައިވާނެ ކަމަށާ، ވޭތުވެ ދިޔަ ތަނުގައި ކަންކުރި ފަދައިން، މިއަދުވެސް އަދާލަތު ދެމިއޮންނާނީ އަދުލު އިންސާފުގެ މަތީގައި ސާބިތުވެ، ހައްގައް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.




