ރިޕޯޓްތައް ބުނާ ގޮތުގައި ބުރްކިނާގެ ރައީސް ޓްރައޯރޭ، އެގައުމުގައި 200 މިސްކިތް އެޅުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހުސްވި ހަފްތާ ތެރޭގައި ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހައްދަވާފަ ވިދާޅުވެފައި ވަނީ، ބުރްކިނާ ފާސޯގައި މިހާރުވެސް އެކަށީގެންވާ އަދަދަކަށް މިސްކިތްތައް ހުރި ކަމަށާ، އޭގެ އިތުރަށް އެ ގައުމުގައި ހާމަ ތަންތަނުގައި ވެސް ނަމާދު ކުރެވިދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންނަށް ބޭރުގައި (ހާމަކަން ބޮޑު ބިންތަކުގައިވެސް) ނަމާދު ކުރެވޭނެ. އޭގެ ބަދަލުގައި މި ފައިސާ ފަލަސްތީނަށް، ޣައްޒާގައި ބަނޑުހައިހޫނުކަމުގައި ތިބި އަޚުންނަށް ފޮނުއްވައި ދެއްވާ." ރައީސް ބުރްކިނާ ސައުދީ ރަސްގެފާނަށް ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.
ރައީސް ބުރްކިނާ މިހެން ވިދާޅުވެފައި ވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގެ 641،000 މީހުން މަރުވުމުގެ ބިރު އެބައޮތް ކަމަށް، ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާއި ކާނާ ނުލިބުމުގެ ސީރިއަސްކަން ގިންތިކޮށް ތަހުލީލުކުރުމަށް އދ. އާއި ގުޅިގެން މަސައްކަތްކުރާ އައިޕީސީ (އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލަސިފިކޭޝަން) އިން ވެސް މިއަދު ހާމަކޮށްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.
އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން އާއި، ވޯލްޑް ފުޑް ޕްރޮގްރާމް، އަދި ޔުނިސެފް، އާއި، ޑަބްލިޔުއެޗްއޯ ވެސް ހިމެނޭ ގޮތަށް އދ. ގެ އޮނިގަނޑުގެ ތެރޭގައި ގުޅިލާމެހިގެން މަސައްކަތްކުރާ އައިޕީސީން، ޣައްޒާ އަކީ ބަނޑަށްޖެހިފައިވާ ތަނެއް ކަމަށް ރަސްމީކޮށް މިހާރު ކަނޑައަޅާފައި ވާއިރު، މިއީ މެދުއިރުމަތީގެ ބަޔަކު ބަނޑަށްޖެހިފައިވާކަން ރަސްމީ ކޮށް އިޢުލާންކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.