ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް 2014، ފަލަސްތީނުން ފިލިޕީންސް ބަލިކޮށް ތަށި އުފުލައިލަނީ - ފޮޓޯ: އޭއެފްސީ
ފަލަސްތީން ފުޓުބޯޅަޓީމު ރާއްޖޭގައި ކޭމްޕް ކުރަނީ
މިއީ އެފްއޭއެމުން ސަރުކާރުގައި ދަންނަވައިގެން، ސަރުކާރުގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ ކޭމްޕެއް
ޖުނާން އަޙުމަދު 2 ސެޕްޓެމްބަރ 2025 (އަންގާރަ)   21:57
ފަލަސްތީނުގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމުގެ ތަމްރީނު ތަކަށްޓަކައި ޓްރެއިނިންގ ކޭމްޕެއް ރާއްޖޭގައި ކުރިއަށްގެންދެވޭނެގޮތް، އެފްއޭމް އިން ދިވެހި ސަރުކާރުގައި ދަންނަވައިގެން، ސަރުކާރުގެ އެއްބާރުލުމާއެކު ހަމަޖައްސައިދީފިއެވެ.

ނިރުބަވެރި ޔަހޫދީން ފަލަސްތީނުގައި ކުރަމުންދާ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ފުޓުބޯޅަ ޓީމުތަކަށް އެ ގައުމުގައި ޓްރެއިނިންތައް ކުރިއަށްނުގެންދެވުމުގެ ސަބަބުން، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިސްނަގައިގެން އެކި ގައުމުތަކުގައި ޓްރެއިނިންތައް ކުރިއަށް ގެންދެއެވެ.

އެގޮތުގެ މަތިން، މި ފަހަރު އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ރާއްޖޭގެ އެހީތެރިކަމަށް އެދުމުން، އެ އެދުމަށް، އެފްއޭއެމުން އިޖާބަދީ، ދިވެހި ސަރުކާރުގައި ދަންނަވައިގެން އެފްއޭއެމުން ފެށި މަސައްކަތް މިއަދު ކާމިޔާބުވެފައި ވާއިރު، ފަލަސްތީނުގެ މި ޓްރެއިނިން ކޭމްޕްގެ ކަންކަން ހަމަޖެއްސުމަށް ސްޕޮންސަރުން ހޯދުމުގެ ކަންކަން ވެސް އެފްއޭއެމް އިން ފެށުމަށް ނިންމާފައި ވާކަމަށް އެ އެސޯސިއޭޝަނުން މީޑިއާއަށް މައުލޫމާތު ދެއެވެ.

ފަލަސްތީނުގެ މި ޒުވާން ޓީމަކީ މި އަހަރު ބާއްވާ، އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވާ ޓީމުކަމަށް ވާއިރު، އެފްއޭއެމްގެ ރައީސް އަޙުމަދު ތޯރިގު (ޓޮމް) އާއި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު (ރާއްޕެ) ވަނީ މި ޓްރެއިނިން ކޭމްޕާ ގުޅޭގޮތުން މިއަދު ބައްދަލުވުމެއް ބާއްވަވާފައެވެ.

އެ ބައްދަލުވުމަށްފަހު ސްޕޯޓްސް މިނިސްޓްރީން، މީސް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ބުނެފައި ވަނީ، މި ބައްދަލުކުރެއްވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށާ، މި ބައްދަލުވުމުގައި އެކަމުގެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އަދި މިއީ ފަލަސްތީނާއި ރައްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ނިންމޭ މުހިންމު ނިންމުމެއް ކަމަށް ވެސް ސްޕޯޓްސް މިނިސްޓްރީން، މީސް މީޑިއާގައި ބުނެފައި ވެއެވެ.

މިކަމާ ގުޅޭގޮތުން އެފްއޭއެމްގެ ރައީސް އަޙުމަދު ތޯރިގު (ޓޮމް) ވިދާޅުވެފައި ވަނީ، ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕްކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ލިބިގެންގޮސްފައިވާ ކަމަށާ، އެހެންކަމުން، އިރާދަކުރެއްވިއްޔާ ފަލަސްތީނުގެ ޒުވާންޓީމާއި ރާއްޖޭގެ ޒުވާން ޓީމާ ދެމެދު 12 އަދި 14 ނޮވެންބަރުގައި އެކުވެރި ކަމުގެ ދެ މެޗް ކުޅެވިގެންދާނެ ކަމަށެވެ.

ފަލަސްތީނުގެ ގައުމީ ފުޓުބޯޅަ ޓީމެއް ރާއްޖޭގައި އެންމެފަހުން ކުޅެފައި ވަނީ 2014 ވަނަ އަހަރުއެވެ. އެއީ އެ އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕްގައި ފަލަސްތީނުގެ ގައުމީ ސީނިއާ ފުޓްބޯޅަ ޓީމު ބައިވެރިވި ބައިވެރިވުމެވެ.

ކޮމެންޓް