އިނގިރޭސިވިލާތުން މިކަން ރަސްމީކޮށް އިއުލާންކުރީ އެގައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ދެއްވި ވީޑިއޯ ބަޔާނަކުންނެވެ.
"ފަލަސްތީނާއި އިޒްރޭލު ރައްޔިތުން ސުލްހަޔަށް ކުރާ އުންމީދު ދިރުވުމަށާއި ދެ ދައުލަތުގެ ހައްލު ހޯދައިދޭން ކުރާ މަސައްކަތުގައި މިއަދު އިނގިރޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފިން،" އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވިއެވެ.
މިކަން އިއުލާނުކުރައްވާފައި މި ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓުމަކަށް ނުގެންނަ ނަމަ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް މިދިޔަ ޖުލައި މަހު އިއުލާނުކުރެއްވުމަށް ފަހު އެވެ.
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ މިއަދު އިއުލާން ކުރެއްވީ އެ ގައުމުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަތްކަމާއި، ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްހަ ބިނާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. "ކެނެޑާއިން ފަލަސްތީނު ދައުލަތް ބަލައިގަނެ، ފަލަސްތީނު ދައުލަތާއި އިސްރާއީލު ދައުލަތަށް ސުލްހަވެރި މުސްތަގުބަލެއް ބިނާކުރުމުގައި އަޅުގަނޑުމެންގެ ބައިވެރިވުން ހުށަހަޅަމެވެ،" ކާނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައި ވެއެވެ.
ކެނެޑާއިން ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނާނެ ކަމަށް މީގެ ކުރިންވެސް ވަނީ އިއުލާންކޮށްފައެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އަދި ފޮރިން މިނިސްޓަރ ޕެނީ ވޯންގ ގުޅިގެން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޣައްޒާގައި ހަނގުރާމަ ހުއްޓާލައި އަސީރުން ދޫކޮށްލުމާއެކު ދެ ދައުލަތުގެ ހައްލަކަށް އަލުން މަގުފަހިކުރުމުގެ މަސައްކަތުގެ ތެރެއިން އޮސްޓްރޭލިއާއިން ވަނީ ކެނެޑާ އަދި އިނގިރޭސިވިލާތާއެކު ފަލަސްތީނު ބަލައިގަނެފައި ކަމަށެވެ.
މި ތިން ގައުމު ގުޅިގެން ފަލަސްތީނު ބަލައިގަންނަން ނިންމިއިރު، މިއީ ދެ އަހަރު ވާން ގާތްވެފައިވާ ގާޒާ ގަތުލުއާންމާ ގުޅިގެން، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކާ މެދު ދުނިޔެ ނުރުހުންވެ، އިޒްރޭލާ މެދު ހުޅަނގުގެ ގައުމުތަކުން ގެންގުޅުނު ޒަމާންވީ ސިޔާސަތު ބަދަލުވަމުންދާ ކަން އަންގައިދޭ ކަމެކެވެ.
އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އާއި ކެނެޑާއިން މިކަން ނިންމުމުގެ ކުރިން، ސްޕެއިން އާއި ފަރަންސޭސްވިލާތް (ފްރާންސް) އިން ވެސް ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމާފަ އެވެ. މި ގައުމުތަކާއެކީ ފަލަސްތީނު ބަލައިގަންނަ އދ. ގެ މެންބަރު ގައުމުތަކުގެ އަދަދު ވަނީ 75 ޕަސެންޓުން މައްޗަށް ޖެހިލާފަ އެވެ.
އޭގެ އިތުރުން، މިއީ އެމެރިކާއިން މި ނިންމުމާ ދެކޮޅު ހަދަމުން ދަނިކޮށް ނިންމިނިންމުމެކެވެ. އެމެރިކާ އާއި އިޒްރޭލުން ވެސް ބުނަނީ މިއީ ހަމާސްގެ އަނިޔާވެރިކަމަށް ހުޅަނގުގެ ގައުމުތަކުން ދޭ އިނާމެއް ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ މިނިވަންކަން ބަލައިގަތް ހުރިހާ ގައުމަކުން ވެސް ބުނަނީ، ފަލަސްތީނުގެ މުސްތަގުބަލުގައި ހަމާސްގެ އެއްވެސް ދައުރެއް އަދި އެއްވެސް ރައްކާތެރިކަމެއް ނުލިބޭނެ ކަމަށެވެ.