ފުޓްސަލް ލެޖެންޑް ރިކާޑީނިއޯ ރާއްޖޭގެ ކްލަބް އެޗްޑީސީއަށް ސޮއިކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: އެޗްޑީސީ
ފުޓްސަލް ލެޖެންޑް ރިކާޑީނިއޯ ރާއްޖޭގެ ކްލަބް އެޗްޑީސީއަށް ކުޅެނީ
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދާފައިވާ ރިކާޑީނިއޯ ވެގެންދާނީ، ރާއްޖޭގައި މިހާތަނަށް ކުޅޭ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިޔާއަށް
ޖުނާން އަޙުމަދު 24 އޯގަސްޓް 2025 (އާދީއްތަ)   12:52
ކުރިއަށް އޮތް ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ވާދަކުރާ އެޗްޑީސީ (ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން) ގެ ޓީމަށް ކުޅުމަށްޓަކައި، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ ޕޯޗުގަލްގެ ރިކާޑީނިއޯ އާއެކުގައި އެއްބަސްވުން ހެދުމަށްފަހު އެ ޓީމަށް ގެނެސްފިއެވެ.

ރިކާޑީނިއޯ އެޗްޑީސީގެ ކްލަބަށް އިއްޔެ ގެނެސްފައި ވއިރު، މިއީ 2005 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ކުލަބު މޯލްޑިވްސްގެ ތާރީހުގައި ކުލަބަކުން މިހާތަނަށް ގެނައި އެންމެ ހައި ޕްރޮފައިލް ކުޅުންތެރިޔާ ކަމަށް ކުޅިވަރުގެ ދާއިރާގެ ގިނަ ފަރާތްތަކަކުން ފާހަގަކުރެއެވެ.

އުމުރުން މިހާރު 39 އަހަރު ވެފައިވާ ރިކާޑީނިއޯގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ވަނީ 2021 ވަނަ އަހަރު ފީފާ ފުޓްސަލް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދާފައިވާ ރިކާޑީނިއޯ ވެގެންދާނީ، އެއްވެސް ކުޅިވަރެއްގައި ރާއްޖޭގައި މިހާތަނަށް ކުޅޭ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިޔާ އަށް ކަމަށް ފުޓްސަލްގައި ފުންނާބު އުސް އޮފިޝަލުން ބުނާއިރު، ރިކާޑީނިއޯގެ ސޮއި ހޯދަން އެޗްޑީސީން ވަރަށް ބޮޑު އަގެއް ދޭން ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އެހެން ނަމަވެސް އެޗްޑީސީން އޭގެ އެކަމުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

your imageފުޓްސަލް ލެޖެންޑް ރިކާޑީނިއޯ ރާއްޖޭގެ އެއާޕޯޓުގައި - ފޮޓޯ: އެޗްޑީސީ

ކްލަބް މޯލްޑިވްސް ކަޕްގައި އެޗްޑީސީން މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ވާއިރު، މިހާރު ވެސް އެޗްޑީސީގެ ސްކޮޑުގައި ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ވެސް ހިމެނެއެވެ.

ކުލަބު މޯލްޑިވްސް ކަޕުގައި އެޗްޑީސީ ވާދަކުރާނީ ބޮޑު މުބާރާތުގައި ކަމަށް ވާއިރު، އެ މުބާރާތް ފަށާނީ އަންނަ މަހުގެ 28 ވާ އާދީއްތަ ދުވަހުއެވެ.

ކޮމެންޓް