ރ. އަތޮޅު ކައުންސިލްގެ "އަރުތަ ފުޓްސަލް 2025" ގެ ފައިނަލް މެޗު ހަމަ ނުޖެހުމަކަށް - ފޮޓޯ: މީސްމީޑިއާ
ފުޓްސަލް މުބާރާތެއްގެ ފައިނަލް މެޗު ބޮޑު ހަމަ ނުޖެހުމަކަށް
ދަނޑުމަތީ ހުރި އޮފިޝަލެއްގެ ގައިގައި ސުޕާރި ފުޅިއަކުން ޖެހުމުން އޭނާ ވެއްޓުނު
ޖުނާން އަޙުމަދު 14 އޯގަސްޓް 2025 (ބުރާސްފަތި)   09:19
ރ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅު ރަސްމާދޫގައި ކުރިއަށް ގެންދާ "އަރުތަ ފުޓްސަލް 2025" ގެ ފައިނަލް މެޗުގައި ރޭ ބޮޑު ހަމަ ނުޖެހުމެއް ހިންގައިފިއެވެ.

މި ހަމަނުޖެހުން ހިންގީ ފައިނަލް މެޗުގައި ބައްދަލުކުރި އިނގުރައިދޫ އާއި، ދުވާފަރު، މި ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައިކަމަށް ފިޔެސްއަށް މައުލޫމާތު ލިބެއެވެ.

އެރަށުން ފިޔެސްއަށް މައުލޫމާތު ދިން މީހަކު ބުނީ، ހަމަނުޖެހުމާހެދި ރޭ 10:30 ހާއިރު މެޗު މެދުކަނޑާލިއިރު 4-2 އިން ކުރީގައި އޮތީ އިނގުރައިދޫ ކަމަށެވެ. އެ މެޗު 8:50 ގައި ފެށި ނަމަވެސް މަޝްރަހު ހޫނުވެ މެޗަށް 6 ގަޑިއިރު، ވީއިރު ވެސް ވަނީ ނިމޭވަރު ނުވެފައެވެ.

10:30 ހާއިރު މެދުކަނޑާލި މެޗު 12:20 އިރު ފެށޭ ތޯ މަސައްކަތް ކުރި ނަމަވެސް ސަޕޯޓަރުން ދަނޑަށް ފުޅިއާއި ގާ އުކުމުގެ ސަބަބުން ދެވަނަ ފަހަރަށް ވެސް އެ މެޗު މެދު ކަނޑާލިއެވެ. އަދި ދަނޑަށް އުކާފައިހުރި ތަކެތި ނަގައި ސާފުކޮށް މެޗް ފެށޭތޯ 1:20 ގައި މަސައްކަތް ކުރިނަމަވެސް އަނެއްކާވެސް ދަނޑަށް އެއްޗެހި އުކުމުގެ ސަބަބުން މެޗް ފެށޭގޮތް ވަނީ ނުވެފައެވެ.

މި މެޗުގައި ދަނޑަށް ފުޅިއާއި ގާ އުކުމުގެ ސަބަބުން އެކަކަށް ވަނީ އަނިޔާވެ އެމްބިއުލާންސްގައި އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ވެސް ދީފައެވެ. ފަރުވާ ދީފައިވަނީ ދަނޑުމަތީ ހުރި އޮފިޝަލަކަށެވެ. އޭނާއަށް އަނިޔާވީ އޭނާގެ ގައިގައި ސުޕާރި ފުޅިއަކުން ޖެހުމުގެ ސަބަބުންނެވެ.

މެޗު ދިގުލައިގެން ގޮސް ރޭ މެންދަމުން އަލިވެ 04:25 ވީ އިރު ވެސް މެޗް ކުރިއަށް ގެންދެވޭގޮތް ނުވުމުން މެޗް ނިމިފައިވާކަމަަށާ، މުބާރާތުގެ ޗެމްޕިއަންކަން އިނގުރައިދޫން ހޯދާފައިވާކަން އަތޮޅު ކައުންސިލުން ފޭސްބުކްގައި އިއުލާނުކުރިއެވެ.

ކޮމެންޓް