ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށްޓާއެކު ދިވެހި ގައުމީ ޓީމް އުފާފާޅުކުރަނީ.--
ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެއަށް
ފިޔެސް 10 ސެޕްޓެމްބަރ 2025 (ބުދަ)   06:11
ސްރީލަންކާގައި ކުރިއަށްގެންދިޔަ، ދެ ލެގުގެ އެގްރިގޭޓުން ސްރީ ލަންކާގެ މައްޗަށް ކުރި ހޯދައި އެ ގައުމުން އިންތިޒާމުކުރި ''ސައުތު އޭޝިއަން ސުޕަ ކަޕް 2025'' ގެ ތަށި ދިވެހި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ހޯދައިފިއެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ކުރީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ހަތަރު ގައުމު ވާދަކުރާ ކުރު މުބާރާތެއް ބޭއްވުމަށެވެ. އެކަމަކު އެ ގައުމުގެ އެފްއޭއިން ދައުވަތު ދިން ބައެއް ގައުމުތަކުން ދައުވަތު ގަބޫލު ކުރެވެން ނެތްކަން އެންގި އެވެ. އޭރުވެސް ރާއްޖޭން ވަނީ ދައުވަތު ގަބޫލުކޮށް މުބާރާތުގައި ބައިވެރިވާނެކަން އަންގައިފަ އެވެ.

ރާއްޖޭން ބައިވެރިވުމުން، ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ބާއްވަން އުޅުނު މުބާރާތް ކެންސަލްނުކޮށް، ދެ މެޗު ރާއްޖެއާ ދެކޮޅަށް ކުޅޭށެވެ. އަދި ދެ މެޗުގެ ނަތީޖާއިން މޮޅުވާ ޓީމަކަށް ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ތައްޔާރު ކުރި ތަށި ދިނުމަށް ވެސް ނިންމި އެވެ.

ދެ މެޗަކަށް ކުޅުނު މި މުބާރާތުގެ ފަހު މެޗް އިއްޔެ ކުޅެފައިވާއިރު އިއްޔެގެ މެޗު އެއްވަރުވީ 1-1 އިންނެވެ. ފުރަތަމަ މެޗުގައި ރާއްޖޭން ހޯދި ތިން ލަނޑުގެ މޮޅާ އެކު ރާއްޖޭން ކުރި ހޯދީ 4-1 ގެ އެގްރިގޭޓް އެގްރިގޭޓުންނެވެ.

މި މެޗުތައް ކުރިއަށް ދިޔައިރު ރާއްޖެއަށް ސަޕޯޓުކުރުމަށް ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ދަނޑަށް ދިޔައެވެ.

މި މުބާރާތުގައި ރާއްޖެއިން ހޯދި ކާމިޔާބު ފާހަގަ ކުރައްވައި އެކަމަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުވެސް ވަނީ ޓީމަށް "އައްސަރިބަހާއި ސާބަސް" ވިދާޅުވެފައެވެ.

ކޮމެންޓް