އެމްޑީއޭގެ ލީޑަރު އަޙުމަދު ސިޔާމް މުޙައްމަދު - ފޮޓޯ: އެމްޑީއޭ
ދުރާލާ ރޭވިގެން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އާދައިގެ ކަމަކަށް މިއަދު ވެއްޖެ
ނުފޫޒާއި ބާރު ހުރި ފަރާތްތަކުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކަށް އެކަށީގެންވާ ފިޔަވަޅު އެޅެމުންދާތަނެއް ނުފެނޭ - ސިޔާމް
ޖުނާން އަޙުމަދު 24 އޯގަސްޓް 2025 (އާދީއްތަ)   21:14
ދުރާލާ ރޭވިގެން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ރާއްޖޭގައި މިއަދު އާދައިގެ ކަމަކަށް ވެއްޖެ ކަމަށާ، ނުފޫޒާއި ބާރު ހުރި ފަރާތްތަކުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކަށް އެކަށީގެންވާ ފިޔަވަޅު އެޅެމުންދާތަން ފެނިގެން ނުދާކަމަށް، އެމްޑީއޭ (މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލާޔާންސް) ގެ ލީޑަރު، އަދި ދ.މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދަކީ ރާއްޖޭގެ ގައުމީ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބާގައި ސިޔާމް ދެއްވި ހިތާބެއްގައި ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރާއިރު ވަށައިގެން ހިނގަމުންދާ ކަންތައްތަކާމެދު ފުންކޮށް ވިސްނައި ފިކުރު ކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށާ، އެގޮތުން ދުރާލާ ރޭވިގެން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އެއްވެސް ޖެހިލުމެއް ނެތި ކުރުމަކީ އާދައިގެ ކަމަކަށް މިއަދު ވެފައިވާއިރު، އެފަދަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ދައުލަތުގެ އިދާރާތަކުން އެ ކަންކަމާމެދު އެކަށީގެންވާ ސަމާލުކަމެއް ދެމުން ނުދާ ކަމަށެވެ.

އަދި ނުފޫޒާއި ބާރު ހުރި ފަރާތްތަކުން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅެމުންދާތަން ނުފެންނަކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވެ، މިއީ ދިވެހީންގެ މިނިވަންކަމާއި ގައުމިއްޔަތަށް އޭގެ ނުރައްކާ އިންތިހާއަށް ބޮޑު ކަންކަން ކަމަށާ، އެފަދަ އަމަލުތައް ހުއްޓުވުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން ސިޔާމް ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށާ، ދެމެހެއްޓެނިވި އަދި ފުދުންތެރި އިގްތިސޯދެއް ގާއިމުކުރުމަށްޓަކައި މި ގައުމުގެ އެންމެހާ ޒުވާނުން މިއަދު ކަމަރު ބަނދެ، އާ ހިތްވަރަކާއި ފޯރިއާއެކު، ދެމެހެއްޓެނިވި އަޒުމެއްގައި ހިތްވަރާއެކު މަސައްކަތްކުރުމަށް ވެސް ގޮވާލާފަ އެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށާއި ދެމެހެއްޓެނިވި އަދި ފުދުންތެރި އިގުތިސޯދެއް ގާއިމުކުރުމަށް ޓަކައި މި ގައުމުގެ އެންމެހާ ޒުވާނުން މިއަދު ކަމަރު ބަނދެ، އާ ހިތްވަރާއި ފޯރިއާއެކު ދެމެހެއްޓެނިވި އަޒުމެއްގައި ހިތްވަރާއެކު މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަމެވެ." ސިޔާމްގެ ހިތޯބުގައި ވިދާޅުވިއެވެ.

ސިޔާމްގެ އިތުރުން އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އަދި އަމާޒަކީ ރައްޔިތުންނަށް އެ މީހުންގެ ނޭއްގާނީ ވާހަކަތައް ނޭނގުން ކަމަށާ، ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ އެފަދަ ވެރިން ކުރާ ކަމެއް ކަމަށެވެ.

"ސިޔާސީ މީހުންގެ އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެން، ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެނެއް ނޫން. އަނިޔާވެރި ދޮގުވެރިން އެ މީހުންގެ ނުބައިކަމާއި ވައްކަމުގެ ވާހަކަ ދައްކާ ނޫސްވެރިންނާއި ނޫސްތައް ބަންދުކޮށް، ރައްޔިތުންގެ މިނިވަންކަން ނިގުުޅައިގަންނާނެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް މުއިއްޒުގެ ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނަން." ފައްޔާޒް ވިދާޅުވިއެވެ.

އަދި އެއީ މީގެ ކުރިން ވެސް ވެރިޔަކު ކުރެއްވި މަސައްކަތެއް ކަމަށާ، އޭރުވެސް އެކަން ކާމިޔާބު ނުވާކަމަށް ވިދާޅުވެ އިރާދުކުރެވިއްޔާ މިފަހަރު ވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ކޮމެންޓް