ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި - ފޮޓޯ:ޕީއެންއެފް
ކާޑެއްދޫ އެއާޕޯޓުގައި ޤާސިމްގެ އެއްވެސް އިންވެސްޓްމެންޓެއް ނޯންނާނެ
އެއީ ސަރުކާރުން ހަދާފައި އޮތް އެއާޕޯޓެއް، އެއްވެސް ބަދަލެއް ޤާސިމަށް ދޭކަށް ނުޖެހޭނެ - ރައީސް ޔާމީން
ޖުނާން އަޙުމަދު 25 އޯގަސްޓް 2025 (ހޯމަ)   12:43
މިމަހުގެ 21 ވަނަ ދުވަހުރޭ ޕީއެންއެފް އިން ބޭއްވި "ވޭކް އަޕް" ޖަލްސާގައި ރައީސް ޔާމީން ދެއްކެވި އެންމެބޮޑު އެއް ވާހަކައަކީ ކާޑެއްދޫ އެއާޕޯޓާ ގުޅުވައި ސަރުކާރުން ޤާސިމަށް ބަދަލު ދޭން އުޅޭކަމުގެ ވާހަކަ އެވެ. އެ ވާހަކައަކީ ވިލާ އެއާގެ ދަށުގައި އޮތް ކާޑެއްދޫ އެއާޕޯޓަށް އެ ކުންފުނިން ވައުދުވި ތަރައްގީ ނުގެނެސް އޮއްވައި، ލީސް އެގްރިމަންޓު ބާތިލުކޮށް ދައުލަތަށް އެއާޕޯޓު ނެގުމަށްޓަކައި ވިލާއަށް 18 މިލިއަން ޑޮލަރު ދޭން ސަރުކާރުން ހުށަހަޅައިފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ޔާމީން ދެއްކެވި ވާހަކައެކެވެ.

ޔާމީންގެ އެ ތުހުމަތާއެކު، ޤާސިމް ވަނީ ސަރުކާރުން އޭނާގެ ވިލާ އެއާ ކުންފުންޏަށް ހުށަހަޅާފައިވާ ޑީލް ފެންނަން އޮތް ސިޓީއެއް ވެސް އާންމު ކުރައްވާފައެވެ. މިމަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހުން ފޮނުވާފައިވާ އެ ސިޓީ، ޤާސިމް އާންމުކުރެއްވީ ޔާމީން ހައްދަވަނީ ދޮގު ކަމަށް ވިދާޅުވެއެވެ.

އެއަށްފަހު ވެސް، ރައީސް ޔާމީނަށް ރައްދު ދެއްވުމުގެ ގޮތުން ހޮނިހިރު ދުވަހުގެރޭ ޤާސިމް އަނެއްކާ ވެސް ބަޔާނެއް ނެރުއްވިއެވެ. އެ ބަޔާނުގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޤާސިމް ވިދާޅުވީ، ވިލާއިން ކާޑެއްދޫ އެއާޕޯޓާ ހަވާލުވުމަށް ފަހު ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ މިންގަނޑުގައި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށްޓަކައި އެއާޕޯޓަށް އަލަށް ގެންނަންޖެހޭ ކިތަންމެ ބަދަލުތަކެއް ވެސް ގެނެސްފައިވާނެ ކަމަށާ، އެއާޕޯޓަށް ބޭނުންވާ މަރާމާތާއި، ހިންގުމުގެ ހަރަދުތައް ވެސް ހުއްޓުމެއްނެތި ކުރަމުން ގޮސްފައި ވާނެ ކަމަށެވެ.

ޤާސިމްގެ މި ވާހަކަތަކާއި ނެރުއްވި ބަޔާނަށް ރައްދުދެއްވާ، ޕީއެންއެފްގެ ރޭގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަމުން ރައީސް ޔާމީން ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓުގައި ޤާސިމްގެ އިންވެސްޓްމެންޓެއް ނޯންނާނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ޤާސިމްގެ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓު އަތުލަން ޖެހުނީ އެތަނުގައި އެކަށީގެންވާ މަސައްކަތެއް ނުކުރުމުގެ ސަބަބުން، ޤާސިމްގެ އަތުގައި އެ އެއާޕޯޓު އޮންނަން ނުޖެހޭތީ ކަމަށެވެ.

ހުރިހާ ސަރުކާރެއްގައި ވެސް ޤާސިމަށް ބައި އަޅައިގެން ކަންކަން ކޮށްދޭންޖެހޭ ކަމަށާއި އެކަން އެގޮތަށް ނުކޮށްފިނަމަ މައްސަލަ ޖެހޭ ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ދޫކޮށްލާ މަތިން ވިލާއަށް ބަދަލުދިނުމުގެ ސެޓެލްމެންޓް އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ކުރިން ކޮށްފައި ހުރި އިންވެސްޓްމެންޓްތަކާއި ލިޔެކިޔުންތައް ހިފައިގެން ދައުލަތުން ބަދަލު ގޮތުގައި ފައިސާތަކެއް ދޭންޖެހޭކަން ކޯޓެއްގައި ސާބިތުކުރަންޖެހޭނެ ކަމަށެވެ.

"ސެޓެލްމެންޓް އެއްބަސްވުންތަކަކީ އޭގެ ޒާތުގައި ދެ ފަރާތަށް ބައި އެޅޭ އެއްޗެއް، ކާޑެއްދޫ އެއާޕޯޓުން ޤާސިމަށް އެކައްޗެއް ވެސް ލިބޭކަށް ނުޖެހޭނެ."

"ސެޓެލްމެންޓް އެއްބަސްވުންތަކަކީ އޭގެ ޒާތުގައި ދެ ފަރާތަށް ބައި އެޅޭ އެއްޗެއް، ކާޑެއްދޫ އެއާޕޯޓުން ޤާސިމަށް އެކައްޗެއް ވެސް ލިބޭކަށް ނުޖެހޭނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ވިލާ އެއާ އާ ހަވާލުކޮށްފައިވަނީ 50 އަހަރުގެ މުއްދަތަކަށް 2013 ވަނަ އަހަރުއެވެ. ނަމަވެސް ޖެނުއަރީ 2017 ގައި ރައީސް ޔާމީންގެ ވެރިކަމުގައި އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް ވަނީ އަތުލާފައެވެ. އެހެން އެކަންއޮއްވާ، އެ އެއާޕޯޓް ވިލާ އާ އަނބުރާ ހަވާލުކުރުމަށް ސިވިލް ކޯޓުން 2018 ގައި ކުރި ހުކުމާ ގުޅިގެން އެތަން ވިލާ އެއާ އާ ހަވާލުކުރީ 2022 ވަނަ އަހަރުގެ މާރިޗު މަހުއެވެ.

އޭގެފަހުން ޖެހިގެންއައި އަހަރު އޮތް ރިޔާސީ އިންތިހާބުގައި ޤާސިމް ވާދަކުރެއްވުމަށް ކުރިއަށްގެންދިޔަ ކެންޕޭނުގެ ތެރޭގައި ޤާސިމް ވިދާޅުވެފައި ވަނީ، ސަރުކާރުން އެ އެއާޕޯޓު ހިލޭ ދޭށޭ ބުނި ނަމަވެސް ފަންވަތެއްގެ މިންވަރުވެސް، ނުގެން ގޮސް އެތަން ހިލޭ ހަވާލުކުރާނެ ކަމަށެވެ.

"ކާޑެއްދޫ އެއަރޕޯޓް، ހޯޑެއްދޫ މަސް ފެކްޓްރީ، އަޅުގަނޑު މިހިރީ އިހްލާސްތެރިކަމާއި އެކީގައި ސަރުކާރުން ބޭނުމިއްޔާ އެތަން ދިނުމަށް ތައްޔާރަށް. އެންމެ ބޮޑު ލާރިއެއްވެސް ދެއްވާނެ ކަމެއް ނެތް. އަޅުގަނޑު މިހިރީ ހަމަ ދޭން ތައްޔާރަށް. ހިލޭ ދޭށޭ ބުނަބަލަ ސަރުކާރުން. ނުދޭތޯ. ފަންވަތެއްގެ މިންވަރުވެސް، ނުގެންދާނަން. ހުރިހާއެއްޗެއް ދޫކޮށް ނިކުމެގެން ދާނީ." ޤާސިމް ވިދާޅުވިއެވެ.

މިހެން މިކަން އޮއްވައި މިތަނަށް އަގެއް ކިޔައި ބަދަލު ނަގައިދޭ ގޮތަށް ދޫކޮށްލުމަށް ޤާސިމް އާއި މަޝްވަރާ ކުރެއްވީ ސީދާ ރައީސް މުއިއްޒު ކަމަށާ، 276 މިލިއަނުން 150 މިލިއަން މުއިއްޒު އަށް ދޭން ޖެހޭ ގޮތަށް އެ މަޝްވަރާތައް ކުރިއަށްގެންދިޔަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް