ހއ. ބާރަށް - ފޮޓޯ: ގޫގުލް މެޕް
ބާރަށުން ގޯތި ދިނުމުގައި ނާއިންސާފުން ކަންތައްތަކެއް ހިންގާކަމުގެ ބޮޑެތި ތުހުމަތުތަކެއް
ގޯތިކެނޑުމުގައި ބައެއް ގޯތި ވަނީ ބޮޑުކޮށްފައި، ބައެއް މީހުންނަށް ގޯތި ދެމުންދަނީ ރަނގަޅު ލޮކޭޝަންތަކުން، ގުރަކާވެސް ނުލާ – އާންމުން
ޖުނާން އަޙުމަދު 23 އޯގަސްޓް 2025 (ހޮނިހިރު)   13:18
މިއަހަރުގެ ކުރީކޮޅު ހއ.ބާރަށު ކައުންސިލުން އެރަށުގެ ލޭންޑްޔޫސް ޕްލޭނަށް ގެނައި ކުއްލި ބަދަލު ތަކަކާއެކު އެރަށުގެ ބައެއް ރައްޔިތުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، އެ ބަދަލުތައް ގެނައި ސަރަހައްދުން މިހާރު ގޯތި ދިނުމުގައި ނާއިންސާފުން ކަންތައްތަކެއް ހިންގާކަމުގެ ތުހުމަތުތަކެއް ބާރަށުގެ އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ކުރަން ފަށައިފިއެވެ.

ފިޔެސްއާ މައުލޫމާތު ހިއްސާކުރަމުން އެރަށުގެ ބައެއް އާންމުން ބުނެފައި ވަނީ، ބާރަށު ކައުންސިލުން ގޯތިކެނޑުމުގައި ބައެއް ގޯތި ކަނޑާފައި ވަނީ ބޮޑުކޮށް ކަމަށާ، އަދި އެ ގޯތިތަށް ލިބޭމީހުންގެ ތެރެއިން ބައެއް މީހުންނަށް ގޯތި ހަވާލުކުރަމުން ދަނީ ގުރު ނެގުމަކާ ވެސް ނުލާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބާރަށު ކައުންސިލުން އެ ގޯތިތަކުގެ ކަންމުޑިރާނާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ގެންގޮސްފައި ވާއިރު، ބާރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ ހައްގު އެކަމުގެ ސަބަބުން ގެއްލިގެންދާ ކަމަށް ބުނެ ބާރަށު ކޯޓަށް ވެސް މިހާރު ވަނީ އެ މައްސަލަ ހުށަހަޅާފައި ކަމަށް އެމީހުން ބުނެއެވެ. އަދި މީގެ އިތުރުން ވެސް އެކަމުގެ ޝަކުވާ މިހާރު އެމީހުން ވަނީ ކަމާގުޅޭ އިދާރާތަކަށް ވެސް ހުށަހަޅާފައެވެ.

އެގޮތުން އެކަމުގެ ޝަކުވާ އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ޕްލޭނިންގ މިނިސްޓްރީ އަށާއި، އަތޮޅުކައުންސިލްގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން، އަދި ރައީސް އޮފީހުގެ ވެސް ސަމާލުކަމަށް މިހާރު ވާނީ ގެނެސްފައި ކަމަށް ވެސް އެމީހުން ބުނެއެވެ.

އަދި މީގެ އިތުރުން ބާރަށު ކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވާއިރު، އެ އަޑުއެހުމުގައި ބާރަށު ކައުންސިލުން ބުނެފައި ވަނީ، ގޯތި ދިނުމުގެ ކަންކަމުގައި އިންސާފުނެތް ނަމަ އެކަން މަޑުޖައްސާލުމަށް ކޯޓުން އަންގައިފި ނަމަ އެކަން މަޑުޖައްސާލާނެ ކަމަށެވެ. ނަމަވެސް ގޯތިދިނުން މަޑުޖައްސާލުމަށް ބާރަށު ކޯޓުން އަދި އަމުރު ނުކުރާކަމަށް ފިޔެސްއާ ވާހަކަ ދެއްކި ބާރަށުގެ ރައްޔިތުންތަކެއް ބުންޏެވެ.

your imageބާރަށުން މިހާރު ގޯތިތަށް ކަނޑަމުން ދަނީ ބައެއް ގޯއްޗަށް ބޮޑުކޮށް - ފޮޓޯ: ބާރަށު ރައްޔިތެއް

ހައްގު ގެއްލިގެންދާ ކަމުގެ ޝަކުވާ ކުރަމުންދާ ރައްޔިތުންގެ ތެރެއިން ފިޔެސް އަށް މައުލޫމާތު ދިން މީހުން ބުނަނީ މައްސަލަ ދިމާވެގެން އުޅެނީ އެންމެފަހުން، ހުސްވި އަހަރު އެރަށުން ގޯތި ދޫކުރި އިރުގައި ދޫކޮށްފައިވާ ގޯތިތަކެއް ހިމެނޭ ކޮއްޓެއްގައި ކަމަށެވެ.

އެ ކޮށީގައި ދިމާވެގެން އުޅޭ މައްސަލަ ތަކަކީ، ކޮށީގައި ހިމެނޭ ގޯތިތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ވާނޭހެން ހިނގާބިނގާވެ އުޅުމަށް ކަނޑާފައިވާ މަގުތަކުގެ ތެރެއިން މަގެއް، ކުރިން އެ މަގު ކަނޑާފައިވާ ތަން ނޫން އެހެންތަނަކަށް ބަދަލުކުރުމުން، ކުރީގައި އޮތް މަގު ހިއްސާކުރާ ގޯތި ތަކުގެ ރައްޔިތުން އެމީހުނަށް ލިބިފައިވި މަގުގެ ތަނަވަސްކަމުން މަހުރޫމްވެ އެމީހުންގެ ހައްގުތަކެއް ގެއްލެމުންދާ ކަމުގެ ޝަކުވާއެވެ.

އަދި އެމަގުގެ ފުޅާމިން އެކަށީގެންވާ ވަރަށްވުރެ ހަނި ކަމަށް ވެސް ބާރަށު ކައުންސިލުން ކުރިން ބުނި ނަމަވެސް، އެ މަގުގެ ބަދަލުގައި ފަހުން އެ ސަރަހައްދުގެ އެހެން ހިސާބެއްގައި، ހަދާފައި ވަނީ އަދި އެއަށްވުރެ މާ ހަނި މަގެއް ކަމަށާ، މިކަންކަމުގެ ސަބަބުން ރަށުގެ ކައުންސިލްގެ އިސްވެރިން މިކަންކަން ކުރަމުންދަނީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ ނިޔަތެއް ވަރަށްބޮޑަށް އޮވެގެން ކަމަށް ވެސް އެރަށުގެ އާންމުންގެ ތެރެއިން ބައެއް މީހުން ތުހުމަތު ކުރެއެވެ.

your imageބާރަށުގެ މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: އެމްވީޓީ

ބާރަށު ލޭންޑްޔޫސް ޕްލޭނަށް އެރަށު ކައުންސިލުން ފުރަތަމަ ބަދަލު ގެނެސްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ބަދަލު ގެނައުމުން އޭރު، ބާރަށު ކައުންސިލްގެ ރައީސް ސޮއްފަތު މުޙައްމަދު އަށް ފިޔެސް އިން ފޯނުން ގުޅުމުން ސޮއްފަތު ވިދާޅުވެފައި ވަނީ، ފަހުން ދޫކުރި ގެވަޅުތަކެއް ހިމެނޭ ކޮއްޓެއްގައި ކަނޑާފައިވާ މަގެއް ކައުންސިލުން ބަދަލުކުރުމުން އެ މަގު ހިއްސާކުރާ ގެވަޅުތަކުގެ ރައްޔިތުންގެ ހައްގުތަކެއް ގެއްލޭކަމުގެ ޝަކުވާ އެ އިދާރާއަށް އަންނަމުންދާތީ އެ ކޮށީގެ ގެވަޅުތައް ހަވާލުކުރުން ވަގުތީގޮތުން މަޑުޖައްސާލާފައި ވާކަމަށެވެ. އަދި މައްސަލަ ހައްލުކުރުމުގެ ގޮތުން ޝަކުވާ އުފުލަމުންދާ ރައްޔިތުންނާއެކު މަޝްވަރާކުރައްވާފައި މެނުވީ ގޮތެއް ނުނިންމަވާނެ ކަމަށް ވެސް ސޮއްފަތު އޭރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ފިޔެސް އާ ވާހަކަދެއްކި ބާރަށުގެ ރައްޔިތުންތަކެއް ބުނީ، މިހާރު 8 މަހެއްހާ ދުވަސް ފާއިތުވެ، މިހާތަނަށް އައި އިރު ވެސް އެމީހުންނާ އެކަމުގައި ކައުންސިލުން މަޝްވަރާއެއް ކޮށްފައި ނުވާކަމަށާ ފަހުން ވެސް އެކަމާ ގުޅިގެން ކައުންސިލް އިދާރާގައި އެ ރައްޔިތުންގެ ޝަކުވާ ދެންނެވުމުން ކައުންސިލް އިދާރާއިން އެކަމަށް އެއްވެސް އިޖާބައެއް ދެއްވާފައި ނުވާކަމަށެވެ.

އަދި ލޭންޑްޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލް ގެނައުމުގެ މަރުހަލާ އާއި އެކަމާގުޅިގެން މިހާތަނަށް ހިނގާ ދިޔަ ކަންތައްތައް ކުރަމުން ދަނީ، ކައުންސިލްގެ މައްޗަށް ސިޔާސީ ނުފޫޒެއް ވަރަށް ބޮޑަށް އޮވެގެން ކަމުގެ މައުލޫމާތު އެ ރައްޔިތުންނަށް ލިބިފައިވާ ކަމަށް ވެސް ބާރަށުގެ ރައްޔިތުންތަކެއް ބުންޏެވެ.

ދިމާވެގެން އުޅޭ މައްސަލައާ ގުޅިގެން ބާރަށުގެ ރައްޔިތުންތަކެއްގެ މެދުގައިވާ ހަމަޖެހުން ގެއްލި ނުތަނަވަސްކަން ފޯރާފައި ވާކަމަށް ބާރަށުން ފިޔެސްއަށް މައުލޫމާތު ދިން ރައްޔިތުން ބުނަމުން ދާއިރު، މި ކަމާގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދާލުމަށް ބާރަށު ކައުންސިލްގެ ރައީސް ސޮއްފަތު މުޙައްމަދަށް ފިޔެސް އިން މިއަދު ފޯނުން ގުޅުމުން އެބޭފުޅާ ވިދާޅުވީ، ހުންނެވީ ޗުއްޓޫއެއްގައި މާލެވަޑައިގެން ކަމަށާ، ރަށުކޮޅުގެ ކަންކަން މިހާރު ކުރިއަށް ގެންދަނީ ކައުންސިލްގެ ނައިބުރައީސް އިސްވެ ހުންނަވައިގެން ކަމަށެވެ.

އެހެންކަމުން ބާރަށު ކައުންސިލްގެ ނައިބުރައީސް ޢަލީ އަމީޒް އަށް ފިޔެސް އިން ފޯނުން ގުޅުމުން އެބޭފުޅާ ވިދާޅުވީ އެކަންކަން ކުރިއަށް ގެންދިޔުމުގައި މިވަގުތު މަސައްކަތްތަކެއް ކުރެވެމުންދާތީ އަދި ވަކި ގޮތަކަށް ކަންކަން މުޅިން ނިމިފައި ނުވާތީ ވަކިއެއްޗެއް ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް ގޯތި ދިނުމުގައި ބާރަށު ކައުންސިލުން އަމަލުކުރަމުން ދާނީ އެ ކައުންސިލުން ނިންމާ ގޮތަތަކުގެ މައްޗަށް ރިއާޔަތްކޮށް ކަމަށް ވެސް ޢަލީ އަމީޒް ވިދާޅުވިއެވެ.

އެމީހުނަށް ހައްގުވާ މަގެއް އެތަނުގައި ނުބާއްވާން ކައުސިލުން ނިންމާހާ ދުވަހަކު އަދި ގޯތި ދިނުމުގެ މިންތަކާއި އެހެނިހެން ކަންކަން ވެސް، އިންސާފުން ނުގެންދާހާ ދުވަހަކު އަމިއްލަ ހައްގުގައި އެމީހުން ތެދުވާނެ ކަމަށް ވެސް ފިޔެސް އާ ބާރަށުން ވާހަކަދެއްކި މީހުން ނުރުހުންވެ ތިބެ ބުނަމުން ގެންދިޔައެވެ.

މައްސަލަ ދިމާވެގެން އުޅޭ ކޮށީގައި ހިމެނޭ އެއް ގޯއްޗަކީ، ގޯތި ބަދަލުކުރުމަށް ކައުންސިލުން ދިން މުއްދަތުގެ ތެރޭގައި، ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 14ވަނަ ދުވަހު ބާރަށު ކައުންސިލް މެދުވެރިކޮށް އެހެން ކޮށްޓެއްގެ ގޯއްޗަކާ ބަދަލުކޮށްފައިވާ ގޯއްޗެކެވެ. ގޯތި ބަދަލުކުރި ފަރާތުން ބުނަނީ އޭނާ ގޯތި ބަދަލުކުރީވެސް އެ ގޯތި އޭރު ހިމެނެނީ މަގަކާއި ގޯޅިއެއްގެ ކަންމައްޗަކަށް ވާތީ އެ ސަބަބަށްޓަކައި ކަމަށެވެ. އެހެންކަމުން ލޭންޑްޔޫސް ޕްލޭނަށް ފަހުން ގެނައި ކުއްލި ބަދަލާ ގުޅިގެން އޭނާގެ ހައްގު މާބޮޑަށް ވެސް ގެއްލިގެން ދާކަމަށް ގޯތި ބަދަލުކުރި މީހާ ފިޔެސް އާ ވާހަކަދައްކަމުން ބުންޏެވެ.

ކޮމެންޓް
ޕުޝްޕާ
1 week ago
ބާރަށު މައިކް ނުފޫޒް ހުރިހާ ތަނަކަށް.