ރައްޔިތުންގެ މަލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އިއްޔެ އާންމުކުރަން ފަށާފައި ވާއިރު، އޭގެތެރެއިން ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބިވަޑައިގެންފައި ވާކަމަށާ، އަދި ފްލެޓާއި ރޯ ހައުސް އަދި އަގުބޮޑެތި މުދާތައް ހިލޭ ލިބިވަޑައިގެންފައިވާ ކަމަށް މާލީބަޔާނުގައި ވަނިކޮށް، ނަފާ ނަސީމް މިހެން ވިދާޅުވީ އެކްސްގައި އެ ބޭފުޅާ ކުރެއްވި ޕޯސްޓެއްގައެވެ.
ނަފާ ނަސީމްގެ އެކްސް ޕޯސްޓްގައި، ސަރުކާރުގެ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ހަދިޔާއަށް ޓިކެޓާއި، ފައިސާ އާއި ފުލެޓު ނުދިނުމަށާ، އަދި ސަރުކާރު މުވައްޒަފުން އެފަދަ ހަދިޔާ ގަބޫލު ވެސް ނުކުރުމަށް އިލްތިމާސްކުރައްވާ އޭނާ ވިދާޅުވެފައިވަނީ، ދީނުގައި އެއީ މަނާކަމެއް ކަމަށާ އަދި ގާނޫނުގައި އެއީ ރިޝްވަތު ކަމަށެވެ.
ނަފާ ނަސީމްގެ ޕޯސްޓްގައި އިސްލާމީ ތާރީހުން މިސާލު ދައްކަވާ ވިދާޅުވެފައި ވަނީ، ކީރިތި ރަސޫލާ ﷺ ބަނީ ސުލައިމް ގަބީލާގެ މުސްލިމުންގެ އަތުން ޒަކާތް ނެގުމަށް ފޮނުއްވި އިބްނު އައްލުތުބިއްޔާއަށް ހަދީސް ކުރެއްވި ޞަޙީޙުލް ބުޚާރީގައި ވާރިދުވެފައިވާ ބަސްފުޅެވެ.
އިބްނު އައްލުތުބިއްޔާ އެ ރަށުން ލިބުނު ޒަކާތުގެ މުދާތައް ހިފައިގެން ދުރުވެ، ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި ދެބަޔަށް ބަހައްޓަވާފައި ދެންނެވިއެވެ. "މިބަޔަކީ ޒަކާތަށް ލިބުނު ބައެވެ. ދެން މި ހިރަބަޔަކީ، މިއީ އަޅުގަނޑަށް ހަދިޔާއަށް ދިން ބައެވެ."
އެހިނދު ކީރިތި ރަސޫލާ ﷺ މިންބަރަށް އަރާވަޑައިގެން ކޯފާވެ ވަޑައިގެން ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ރައްޔިތުންނަށް ޚިދްމަތްކުރަން ފޮނުވާ މީހަކު، އެނބުރި އައިސް މި ހުރީ ބައިތުލްމާލަށޭ، ދެން މިހުރީ ތިމަންނައަށް މީހުން ދިން ހަދިޔާއޭ، ބުނީމާ ވާނީ ކިހިނެއްހެއްތޯއެވެ؟ އޭނާގެ މައިގޯތީގައި (މަންމަގެ ގޭގައި) ނިދާފައި އޮތް ނަމަ މީހުން އޭނާއަށް އެ ހަދިޔާ ދިނީސްތޯއެވެ؟"
ނަފާ ނަސީމް، މި ހަދީސްފުޅުން އިޝާރާތް ކުރެއްވީ، ދައުލަތުގެ ވަޒީފާގައި ތިބޭއިރު، އެމީހުންނަށް ހަދިޔާ ނުދިނުމަށާ، އެމީހުން ހަދިޔާ ނުހިފުމުގެ މައްޗަށެވެ.