ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން.--
ރަނގަޅު ގޮތެއް ހޯދަން އިސްލާހީ ހަރަކާތް ފެށިއްޖެ
ޖުނާން އަޙުމަދު 26 އޯގަސްޓް 2025 (އަންގާރަ)   12:20
ގާނޫނުއަސާސީގައި ހުރި އުސޫލުތަކާއި ހަމަތަކާ ޚިލާފަށް ވެރިކަމުގެ ބާރުތަކުން އަމަލުކުރަމުންދާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ނިކަމެތިކަމުން އަރައިގަތުމަށް "ރަނގަޅު ގޮތެއް ހޯދަން" އިސްލާހީ ހަރަކާތުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

ރޭ މޫކައި ހޮޓެލް ގައި ބޭއްވި މި ބައްދަލުވުން އިންތިޒާމު ކުރެއްވުމުގެ އިސްކޮށް އުޅުއްވި އެއް ބޭފުޅެއް ކަމަށްވާ ގާނޫނީ ވަކީލް މުޙައްމަދު ނިޝާން އިބްރާހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ބައްދަލުވުން ސިފަ ކުރައްވާފައި ވަނީ ރަނގަޅު ގޮތެއް ހޯދަން ޝިޢާރުގެ ހަރަކާތުގެ ފެށުމުގެ ގޮތުގައެވެ.

"ޤާނޫނީ ހީލަތާއި، ހަމަމަގު ގެއްލި ދިޔުމާއި، ދިވެހިން ބަޅި ތަންޑު އަޅުވަންކުރާ މަސައްކަތާއި ދެކޮޅު ހެދުމަށް މިނިވަން ބަހުޘްކުރުމާއި، ހަމަ ނޭވަޔާއި ހަމައަށް ތެދުވެ،ބަސްނޭހުމަކަށް ދިޔުމަށްޓަކާ #ރަނގަޅުގޮތެއްހޯދަން ޝިޔާރުގެ ހަރަކާތް ފެށުން" ނިޝާން ލިޔުއްވާފައި ވެއެވެ.

މި ހަރަކާތާ ގުޅޭގޮތުން ފިޔެސް އަށް މައުލޫމާތު ދެއްވަމުން ނިޝާން ވިދާޅުވީ މިއީ ވަކި ޕާޓީއަކުން ނުވަތަ ވަކި މީހަކު ލީޑުކުރާ ހަރަކާތެއް ނޫން ކަމަށެވެ. ނިޝާން ސިފަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ އެކި ކަންކަމާ އެކި މީހުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ކޮފީ މޭޒު ދޮށުން އުފެދިގެން އައި ހަރަކާތެކެވެ.

"މިހާރު މިއޮތީ ބިންގާ އެޅިފައި. ދޯންޏެއް ބަންނަ އުސޫލުން ބުނާނަމަ އެއް މަޑޫ މައްޗަށް އަނެއް މަޑޫ ޖަހަމުން މިދަނީ" ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވިގޮތުގައި ރައީސް މައުމޫންގެ ވެރިކަމުގައި އިސްލާހީ ހަރަކާތް ފެށިގެން އައީވެސް މިފަދަ ގޮތަކަށެވެ. ފުރަތަމަ ބައްދަލުވުމުގައި އޮތީ އެމީހަކަށް ފެންނަ ހިޔާލެއް ފާޅުކުރުން ކަމަށާ، އެކި މީހުންގެ އެކި ހިޔާލުތައް އެއްތަން ކުރީމާ "ފުދޭ ވަރަކަށް ބަރު ވާހަކަތައް ހުންނާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

your imageރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން.--

ރޭ ބޭއްވި ބައްދަލުވުމުގައި ހިޔާލުފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި ގާނޫނީ ވަކީލުން ހިމެނެއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި ކުރީގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ އެ ބައްދަލުވުމާ ގުޅޭގޮތުން ސޯޝަލްމީޑިއާގައި ޕޯސްޓް ކުރައްވާފައެވެ.

"ރައީސް މުއިއްޒު، އޭނާގެ އަތްމައްޗަށް ރާއްޖޭގެ ހުރިހަ ބާރުތަކެއް ކަހާލާ، މި ލޮބުވެތި ވަތަނުން ދައުލަތެއްގެ ސިފަ ކަނޑުވާލާ، ރައްޔިތުންގެ އަސާސީ ހައްގުތަކުގެ މައްޗަށް ވެރިވެގަނެ، ރައްޔިތުން ދުވަހެއް ދުވަހަކަށް ފަގީރުކުރުވާ، ނޫސްވެރިކަމުގެ މިނިވަންކަން ނެތިކޮށްލާ، އަޅުގަނޑުމެން މި ގާނޫނުއަސާސީން ގެނެސްދިން ރައްޔިތުންގެ އުންމީދުތައް ފުނޑާލަން އެކުރާ މަސައްކަތް "ކުޅި ބަލަން ނުތިބޭނެ" ކަމަށް އަޒުމް ކަނޑައަޅާ އަޅުގަނޑުމެން މިތިބީ ނުކުމެ" މާރިޔާ ލިޔުއްވާފައި ވެއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ކޮންމެ ބަޔަކު ވެރިކަން ކުރިޔަސް، ނިގުޅައި ނުގަނެވޭނެ ހައްގުތަކާއި ބާރުތަކެއް ދިވެއްސަކަށް ވީތީ އޮންނަކަން ވެރިންނަށް ހަނދުމަކޮށްދިނުމަކީ އެ ހަރަކާތުގެ މަގުސަދު ކަމަށެވެ. އަދި އެހަރަކާތަކީ "ދިވެހިންނަށް ހެޔޮއެދޭ ދިވެހި ރައްޔިތުންގެ ޚާދިމުންގެ ހަރަކާތް" ގޮތުގައި މާރިޔާ ސިފަކުރައްވާފައި ވެއެވެ.

ކޮމެންޓް