ކައުންސިލްތަކުގެ ޖަމިއްޔާއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ލޯކަލް ކައުންސިލް އެސޯސިއޭޝަން
ލާމަރުކަޒީ އިސްލާހު އަނބުރާ ގެންދިއުމަށް ގިނަ ކައުންސިލްތަކަކުން ގޮވާލައިފި
މަރުކަޒީ ސަރުކާރަށް ހިފެހެއްޓުމެއް ނެތުމުގެ ނަތީޖާއަކަށްވާނީ ނުފޫޒު ބޭނުން ކޮށް އިންތިހާބު އަނބުރާލުމުގެ ފުރުސަތު ލިބުން - ކައުންސިލްތަކުގެ ޖަމިއްޔާ
ޖުނާން އަޙުމަދު 5 އޯގަސްޓް 2025 (އަންގާރަ)   16:13
ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ހަނިވާގޮތަށް، ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ނިގުޅައިގަތުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަނބުރާ ގެންދިއުމަށް ގިނަ ކައުންސިލްތަކަކުން ސަރުކާރަށް ގޮވާލައިފި އެވެ.

ގިނަ ކައުންސިލްތަކަކުން މިކަމާގުޅޭ ގޮތުން ނެރުނު ނޫސް ބަޔާންތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ލާމަރުކަޒީ ގާނޫނުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމުގެ ފުރުސަތު އޮތް ކަމަށާ، ކައުންސިލްތަކުގެ މާލީ ހާލަތު އޮތްގޮތުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ މަސައްކަތްތައް 10 މިލިއަނަށްވުރެ ބޮޑުވުމަކީ ނާދިރު ކަމެއްކަމަށެވެ.

މީގެއިތުރުން މަރުކަޒީ ސަރުކާރަށް އެއްވެސް ހިފެހެއްޓުމެއް ނެތުމުގެ ނަތީޖާއަކަށްވާނީ ސަރުކާރުން ފައިސާއާ ނުފޫޒު ބޭނުން ކޮށްގެން ސަރުކާރު ބޭނުންވާ ގޮތަށް އިންތިހާބު އަނބުރާލުމަށް ފުރުސަތު ލިބުން ކަމަށް ބުނެ ކައުންސިލްތަކުގެ ޖަމިއްޔާއިން ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޖަމިއްޔާއިން ދެކޭ ގޮތުގައި ބިލު ފާސްކުރުމުން ނަތީޖާއަކަށް ވާނެ ކަންތައްތަކެއް އެބަހުއްޓެވެ.

އެގޮތުން އެޖަމިއްޔާއިން ފާހަގަކުރި ކަންކަމަކީ:

  1. ކައުންސިލްތަކުގެ ކުންފުނިތަކުން ސިޓީތަކާ، އަތޮޅުތަކާއި ރަށްތަކުގައި ރައްޔިތުންގެ ރައުސުލްމާލު އިތުރުކުރުމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ ހުރިހާ މަސައްކަތެއް ހުއްޓޭނެ.
  2. ސަރުކާރުން ރައްޔިތުންގެ ބިންތައް ބޭނުން ކުރުމުގައި ކުލި ނުނެގޭ ގޮތަށް އޮތުމުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ހުރަސް އެޅި، ރައްޔިތުންގެ ބިންތައް އެސަރަހައްދެއްގެ ރަށްވެހިންގެ ބައިވެރިވުމާ ނުލައި ސަރުކާރުން ބޭނުން ފަރާތްތަކަށް ދިނުމަށް މަގުފަހިވާނެ.
  3. 365 ދުވަސް ކުރިން ކައުންސިލަށް މުވައްޒަފުން ނެގުމާއި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރުން ހުއްޓޭ ގޮތަށް އޮތުމުން ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭންތައް ތަންފީޒު ކުރުމަށް ހުރަސް އެޅޭނެ.

ކައުންސިލްތަކުގެ ޖަމިއްޔާއާއި ކައުންސިލްތަކުގެ އިތުރުން ސިޔާސީ އެންމެބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވެސް ކަންބޮޑުވުންތައް ފާޅުކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ އިތުރުން މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް މިކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ.

ކޮމެންޓް
އާޔޫހެޕީ
4 weeks ago
މުއިއްޒަކަށް އަޑެއް ނީވޭނެ. އެމްޕީންނަަކަށްވެސް ނީވޭވެ، ނުފެންނާނެ. ރީލޯޑް ލިބޭތީ އެމީހުން ހެޕީ...