ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ރައީސް މުއިއްޒު ޤާސިމަށް އަރުވަނީ - ފޮޓޯ: ރައީސް އޮފީސް
ލާމަރުކަޒީ ނިޒާމް ފަނާކޮށްލުމުގެ ބިލަށް ޤާސިމް ތާއީދު
މަރްޔަމް މުޙައްމަދު 17 އޯގަސްޓް 2025 (އާދީއްތަ)   10:00
ރަށްރަށުގެ ކައުންސިލުތަކަށް ލިބިދީފައިވާ ގިނަ ބާރުތަކެއް ނިގުޅައިގަނެ، ލާމަރުކަޒީ ނިޒާމް ފަނާކޮށްލުމަށް ރައީސް މުއިއްޒު އުފަންކުރުވި އިސްލާހަށް ތާއީދު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިކަމަށް ތާއީދުކުރައްވާ ޤާސިމް ނެރުއްވި ބަޔާނެއްގައި ވަނީ، ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ ވަރަށް މުހިއްމު އިސްލާހުތަކެއް ކަމަށާ، ވަކިން ހާއްސަކޮށް ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު މި އިސްލާހުތަކުގެ ބޭނުންވެސް ނުހަނު ބޮޑުވެފައިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ލާމަރުކަޒީ ޤާނޫނަށް މި ގެނެވުނު އިސްލާޙުތަކަކީ ވަރަށް މުހިއްމު އިސްލާޙުތަކެއް، މިއީ މިއަދުގެ ޙާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާޙެއްކަމުގައި ދަންނަވާލަން ބޭނުން." ޤާސިމްގެ ބަޔާނުގައި ވެއެވެ.

ޤާސިމް ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކަށް ތާއީދު ކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް  އެއްބަސް ވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުވެސް ޤަބޫލު ކުރަނީ ރައީސް މުޙައްމަދު މުއިއްޒު ވިދާޅުވި ފަދައިން މި އިސްލާހުތަކަކީ އެ ނިޒާމު ހަރުދަނާ ކުރުމަށާއި، ޗެމްޕިއަން ކުރުމަށް ގެންނަން ޖެހޭ އިސްލާޙުތަކެއް ކަމަށް." ޤާސިމްގެ ބަޔާނުގައި ވެއެވެ.

ޤާސިމް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް ބަޔާންކޮށްފައިވާ ކަމަށާ، އެހެންކަމުން ރާއްޖެއަކީ ފެޑެރަލް ދައުލަތެއް ނޫން ކަމަށެވެ. އެއާއެކު ލާމަރުކަޒީ ޤާނޫނުވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަށްކަމަށެވެ.

ހަމައެއާއެކު، އެ ހުދޫދުގެ ތެރޭގައި ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި، ފްރޭމްވޯކުތަކަށް ފުށުއަރާގޮތަށް އެއްވެސް ޤާނޫނެއް ހެދިފައި އޮވެގެން ނުވާނެކަމަށް ވިދާޅުވެ ޤާސިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖެ ހިންގަމުންދާތާ 14 ވަރަކަށް އަހަރުވެފައިވާއިރު، މި ޤާނޫނާއެކު ފެޑެރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަމުންދާކަމަކީވެސް ޙަޤީޤަތެއް ކަމަށާ، ވަކިން ހާއްސަކޮށް، ސަރުކާރާ އިދިކޮޅަށް އޮންނަ ޕާޓީތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓު ކުރާކަންވެސް ފާހަގަ ކުރެވޭކަމަށެވެ.

މި އިސްލާޙުގައި ލޯކަލް އޮތޯރިޓީގެ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަށް 3 ޝަރުތެއް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި އެފަދަ މަސައްކަތްތަކަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިޤްތިސާދީ މަސައްކަތް ނުވަތަ ވިޔަފާރިއެއްކަމުގައި ވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ކަން މިހެން ހުރުމާއެކު، ރައީސް މުއިއްޒު ވިދާޅުވި ފަދައިން މި އިސްލާހުތަކަކީ ގެންނަން ޖެހިފައިވާ އިސްލާހުތަކެއްކަން މިއީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް މިހެން ވިދާޅުވި ނަމަވެސް މި އިސްލާހުގެ ސަބަބުން ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި ގިނަ ހައްގުތަކަކުން އެ ކައުންސިލްތައް މަހުރޫމްވެދާނެ ކަމަށް ބުނެ ގިނަ ކައުންސިލް ތަކަކުން އަދި މަދަނީ ޖަމިއްޔާ ޖަމާއަތް ތަކަކުން ވެސް ވަނީ ގިނަ ބަޔާންތަކެއް ނެރެފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ވެސް ބައެއް ކައުންސިލްތަކުގެ ރައީސުންނާއި ރައްޔިތުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވަނީ މިކަމުގެ ކަންބޮޑުވުންތައް ބަންޑުންކުރައްވާ، މި އިސްލާހު ތަސްދީގު ނުކުރެއްވުމަށް ރައީސްގެ އަރިހުން ތަކުރާރުކޮށް އެދިވަޑައިގެންފައި ކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް