ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް - ފޮޓޯ: ރައީސް އޮފީސް
ބޮޑު ތިލަދުންމަތީގެ އުދާސްތައް ކުޅުދުއްފުށީ މޭޔަރު ބަންޑުންކޮށްލައިފި
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ކުޅުދުއްފުށި ސިޓީ ކައުންސިލުން ދިރާސާހަދާ ކަމާބެހޭ ފަރާތްތަކަށް ފޮނުވި ނަމަވެސް އެއްވެސް އިޖާބައެއް ނުދިން - މޭޔަރު އާތިފް
ޖުނާން އަޙުމަދު 27 އޯގަސްޓް 2025 (ބުދަ)   10:17
ލާމަރުކަޒީ ގާނޫނަށް ގެނެވުނު 16 ވަނަ އިސްލާހާ ގުޅޭގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ވާނީ ފުރިހަމަ ދިރާސާއެއް ހަދައި، އެ ދިރާސާ ލާމަރުކަޒީ ކޮމިޓީއަށާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ކަމާބެހޭ ވަޒީރަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އިދާރާއަށް ވެސް ފޮނުވާފައި ވާނެ ކަމަށާ، އެހެން ނަމަވެސް އެކަންކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާކަމަށް ވިދާޅުވެ ބޮޑު ތިލަދުންމަތީގެ އެންމެބޮޑު އާބާދީ ކަމުގައިވާ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށް ގިނަޝުއޫރުތަކެއް ރައީސް މުއިއްޒުގެ ކުރިފުޅުމަތީ ބަންޑުން ކޮށްލައްވައިފިއެވެ.

ހދ.އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކުޅުދުއްފުއްޓަކީ ދިވެހިރާއްޖޭގެ އުތުރުގެ އެންމެ ވަރުގަދަ އިގުތިސޯދު އޮތް ރަށް ކަން ފާހަގަކުރައްވާ މޭޔަރު އާތިފް ވިދާޅުވީ، އެހެންކަމުން ކުޅުދުއްފުށްޓަކީ މުޅި އުތުރުގެ ރައްޔިތުންނަށް ލިބެންޖެހޭ ގިނަ ހިދުމަތްތަކަކަށް ދުވަހުން ދުވަހަށް ބަރޯސާވާން ޖެހޭ ރަށެއް ކަމަށް ވާއިރު، ވޭތުވެދިޔަ ހަތަރު އަހަރު ކުޅުދުއްފުށީގެ ތަރައްގީގައި އެންމެ ރަނގަޅަށް ވިންދުޖެހި ތަރައްގީއަކީ ލާމަރުކަޒީ ތަރައްގީ ކަމަށެވެ.

ނަމަވެސް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނެސްފައިވާ 16 ވަނަ އިސްލާހަކީ ކައުންސިލްތަކަށް ގެއްލުންވާނެ އިސްލާހެއް ކަމަށް ވިދާޅުވެ، އެ އިސްލާހު އަލުން މުރާޖައާކޮށް ރަނގަޅު ކުރުމަށް ރައީސް މުއިއްޒުއަށް ގޮވާލައްވާ މޭޔަރު އާތިފް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ މުޅި ދިވެހިރާއްޖެ ތަރައްގީކުރުމަށް އޮތް އެންމެ ރަނގަޅު ނިޒާމު ކަމަށާ، މާލޭގައި ހުންނަ ވުޒާރާއަކުން ރަށްރަށުގެ އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމަކީ މިއަދު ރައްޔިތުން އެދޭ ގޮތް ނޫން ކަމަށެވެ.

"2021 ވަނަ އަހަރުން ފެށިގެން ލާމަރުކަޒީ ގާނޫނުން ލިބުނު ބާރުތަކާއި މާލީ ބާރުވެރިކަމާއި އިޚްތިޞާޞްގެ ބާރާއެކު، ކުޅުދުއްފުށީގައި ކުރެވުނު މަސައްކަތްތަކާއި، ރައްޔިތުންނަށް ފޯރުކޮށްދެވުނު ޚިދުމަތްތަކުގެ ނަތީޖާ މިއަދު ރައްޔިތުންނަށް ފެންނަން އެބަހުރި،" މޭޔަރު އާތިފް ވިދާޅުވިއެވެ.

ރަށުގައި ނިދާ އާބާދީއަކީ 15،000 ކަމުގައި ވީނަމަވެސް މޭޔަރު އާތިފް ދެކިލައްވާ ގޮތުގައި އެ ސިޓީގެ ހަގީގީ އާބާދީއަކީ ބޮޑުތިލަދުންމަތީގެ މުޅި އާބާދީ ކަމުގައިވާ 70،000 ރައްޔިތުންގެ އާބާދީކަން ފާހަގަކުރައްވަމުން ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން މި ގެނައި އިސްލާހުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ގިނަ ހިދުމަތްތަކަކަށް ބުރޫއަރާ ކަމަށެވެ. އަދި މާލީ ގޮތުން ވެސް އެތަކެއް ގެއްލުންތަކެއް އެ ސިޓީ ކައުންސިލަށް ލިބެމުންދާކަން މޭޔަރު އާތިފްގެ ވާހަކައިގައި ވަނީ ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައެވެ.

"ކައުންސިލްގެ ދައުރުގެ ފަހު އަހަރުގެ ބައެއް މަސައްކަތްތައް ނުކުރެވޭ ގޮތަށް އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އަޅުގަނޑު އުއްމީދުކުރަނީ މި ގޯސް ބަދަލު އަލުން ރަނގަޅުކުރެވޭނެ ކަމަށް. ކުޅުދުއްފުށީގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ފަރާތުން، ރައީސް މުއިއްޒުގެ އަރިހުން އެކަން އަޅުގަނޑު އިހުލާސްތެރިކަމާއެކު އެދެން،" މޭޔަރު އާތިފް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބުނު ބާރުތައް ހަނިކުރަން ސަރުކާރުން ހުށަހެޅި ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަން ފާހަގަކޮށް، އެ ބިލު ފާސްކުރުމުގެ ކުރިން ވެސް ކުޅުދުއްފުށި ސިޓީ ކައުންސިލް ހިމެނޭހެން، ސިޓީ ކައުންސިލްތަކާއި، ގިނަ އަދަދެއްގެ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުންނާއި، އިދިކޮޅު އެމްޑީޕީން ވެސް ވަނީ މި ބިލު ފާސްކުރުމަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވައިލުން ކަމަށް ބުނެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް މުއިއްޒު، ތަސްދީގު ކުރެއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

މި ބިލަކީ، 6 އޮގަސްޓު 2025 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ކޮމެންޓް