ރައީސް މުއިއްޒު ކުޅުދުއްފުށީ ސިޓީ ޖަލްސާގައި.-- ފޮޓޯ: ރައީސް އޮފީސް
އަންނަ ނޮވެމްބަރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދެނީ
މަރްޔަމް މުޙައްމަދު 27 އޯގަސްޓް 2025 (ބުދަ)   08:13
މިއަހަރު ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކަން އިއުލާނު ކުރެއްވީ މިޔަރުގެ މަސްވެރިކަމުން ކުރީން ބޮޑު މަންފާއެއް ހޯދަމުން އައި އަދި އެ މަސްވެރިކަމަށް އަލުން ހުއްދަދޭން އެންމެ ބޮޑު ޑިމާންޑެއް ކުރަމުން އަންނަ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާމެދު ގޮތް ނިންމާނެ ކަމަށް ސަރުކާރުން ކުރީން ވަނީ ބުނެފަ އެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ އެކަމާ ގުޅުންހުރި ޤަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާކަމަށާއި، އަދި މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރު މަސްވެރިކަން އަލުން ހުޅުވާލައްވަން ނިންމަވާފައިވާކަމަށެވެ. އެހެންކަމުން، ކަށިމިޔަރު މަސްވެރިކަމަށް މަސްވެރީން ތައްޔާރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

"އަޅުގަނޑުމެން މިހާރު ފިޝަރީޒް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އާ އަދި ގަވައިދުތަކާ އެއްޗިހި ބަލައި ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފިން އަދި ކުރަމުން މިދަނީ، މެނޭޖްމަންޓް ޕްލޭނެއް ޑްރާފްޓްކޮށް ނިމިއްޖެ. އެހެންވީމާ މި މެނޭޖްމަންޓް ޕްލޭންގެ ދަށުން 1 ނޮވެންބަރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން." ރައީސް ވިދާޅުވި އެވެ.

ނޮވެންބަރު އެކަކުން ފެށިގެން ކަށިމިޔަރުގެ މަސްވެރި ކަމަށް ހުރިހާ އެންމެނަށް ފުރުސަތު އޮންނާނެތީ އެކަމަށް ތައްޔާރުވުމަށް ރައީސް ގޮވައިލައްވައި ވިދާޅުވީ "މި ހުޅުވައިދެވެނީ ވަރަށް މުހިންމު ދޮރެއް" ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިޔަރު ގިނަވެ މަސްވެރިންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މިޔަރު މަސްވެރިކަމަށް ހުއްދަ ދޭން މަސްވެރީން ވެސް ގޮވާލަ އެވެ. ނަމަވެސް އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށްބޮޑު ގެއްލުމެއް ވާނެ ކަމެއް  ކަމަށް ރާއްޖޭގެ ޑައިވަރުންނާއި ތިމާވެއްޓާ ގުޅޭ ޖަމުއިއްޔާ ތަކުން ބުނެ، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ވަރަށްބޮޑަށް ދެކޮޅު ހަދަމުން ދެއެވެ.

ކޮމެންޓް