ބ.ކިހާދުއްފަރުގައި ހިންގާ ކިހާ މޯލްޑިވްސް.--
ހުއްދަ ނެތި ކިހާ ރިސޯޓް ހިންގާތީ ފިޔަވަޅު އަޅާނެކަމަށް ޓޫރިޒަމުން ބުނެފި
ހުއްދަ ނެތި އެ ރަށުގައި ޓޫރިސްޓުން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ޖޫރިމަނާ ކޮށްފައިވޭ
ހިޝާމް ހާރޫން 28 އޯގަސްޓް 2025 (ބުރާސްފަތި)   21:34
ބ.ކިހާދުއްފަރުގައި ހިންގާ ކިހާ މޯލްޑިވްސް ރިސޯޓުގެ އޮޕަރޭޓިން ލައިސަންސާ ހިލާފުވެ، އެ ރިސޯޓް ހިންގަމުންދަނީ ހުއްދަ ނެތި ކަމަށްވުމާއެކު އެ ރިސޯޓަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވާރަމަންޓް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ ރިސޯޓުން ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާ ހިލާފުވެފައިވާ ކަމަށެވެ.

"..ކިހާ މޯލްޑިވްސް އަކީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަދި މި ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ދިޔަ ރިޒޯޓެއް ކަމަށްނުވާތީ، މި ވުޒާރާގެ ފަރާތުން ތަކުރާރުކޮށް ފުރުޞަތުދީ ވަކި ޝަރުޠުތަކެއްގެ މަތިން އެންމެ ފަހުން ރިޒޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިންގ ލައިސަންސުގެ މުއްދަތު 27 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ހަމަވުމާ ހަމައަށްވެސް އެ ކަންކަން އެކުންފުނިން ރަނގަޅުކޮށްފައެއްނުވެއެވެ." ޓޫރިޒަމްގެ އިއުލާނުގައި ވެއެވެ.

ޓޫރިޒަމުން ބުނީ ވަގުތީ އޮޕަރޭޓިންގ ލައިސަންސް މުއްދަތުގެ ފަހުން އެ ކުންފުންޏަށް ރިޒޯޓު ހިންގުމަށް އިތުރު އޮޕަރޭޓިންގ ލައިސަންސެއް ދީފައި ނުވާކަމަށެވެ.

"ރިޒޯޓު އޮޕަރޭޓިންގ ލައިސަންސް ނެތި ޓޫރިސްޓް ރިޒޯޓު ހިންގުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށްވާތީއާއި އަދި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ފަތުރުވެރިން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކުންފުނި ޖޫރިމަނާކުރެވިފައިވެއެވެ."

ބ.ކިހާދުއްފަރުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ އެކުންފުނިން ހިލާފުވެފައިވާކަން މިނިސްޓްރީން ފާހަގަކޮށް ބުނެފައިވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެތަނުގައި ގާނޫނާ ހިލާފަށް ހިންގަމުންދާ ހަރަކާތްތައް ހުއްޓުވުމަށް އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

އަދި ކިހާ މޯލްޑިވްސް ރިޒޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުޢާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފައި ވެއެވެ.

ކޮމެންޓް