އެ މިނިސްޓްރީން ބުނީ މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަންފެށި ފަހުން މިހާތަނަށް ޖުމްލަ 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާކަމަށާ، ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ، ކުރިން އެ ވުޒާރާ ހިންގި އިމާރާތުގެ ބިމުގައި ކަމަށެވެ.
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށާ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ކުރިން ގޯތިތަކަށް ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓްރީ ހޯދުމަށް ހުޅުވާލާފައިވާ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
ގުޅީފަޅުން ލޭންޑްޔޫސް ޕްލޭން ބަދަލުކުރުމަށް ނިންމާފައިވަނީ، ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް، މިހާރު ގުޅީފަޅުން ހިއްކާފައިވާ ސަރަހައްދުން ގޯތި ލިބޭ ގޮތަށް ހަމަޖެއްސުމަށްޓަކަ އެވެ. މި ބަދަލާ ގުޅިގެން ކުރީގެ ރަޖިސްޓްރީތައް ބާތިލްކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައެޅުމަށް ގުރުއަތު ނެގުންވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
ގޯތި ލިބިފައިވާ ފަރާތްތައް ރަޖިސްޓްރީއާ ހަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ވެސް ގެންދަންޖެހެއެވެ.