ފަހިޔޫނިއަން އާއި އުތުރުތިލަފަޅު ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ކުރީސަރުކާރުގެ ފުރަތަމަ ސްކީމުގައި ބާކީތިބި 9000 އަށް ވުރެ ގިނަމީހުންނަށް ބޯހިޔާވެހިކަން ދިނުމަށް ގޮވާލައިފި
ޖުނާން އަޙުމަދު 25 އޯގަސްޓް 2025 (ހޯމަ)   19:33
ފާއިތުވި އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ފަހި ދިރިއުޅުން ސިޔާސަތުގެ ދަށުން ބޯހިޔާވެހިކަން ދިނުމަށް އޭރު ކަނޑައެޅި 9000 އަށް ވުރެ ގިނަމީހުންނަށް ބޯހިޔާވެހިކަން ނުލިބިވާތީ އެމީހުނަށް ވީއެންމެ އަވަހަކަށް ދިނުމަށް ފަހީޔޫނިއަން އާއި އުތުރުތިލަފަޅު ޔޫނިއަންއިން ގޮވާލައިފި އެވެ.

ފަހިޔޫނިއަން އާއި އުތުރުތިލަފަޅު ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފްލެޓްތަކުގެ ހައްގުވެރިންގެ ދިފާއުގައި އެ ދެ ޖަމިއްޔާގެ ފަރާތުން ޤާނޫނީ މަސައްކަތްކުރައްވާ މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވީ ކުރީ ސަރުކާރުން އެންމެފުރަތަމަ ބޯހިޔާވެހިކަމުގެ ސްކީމް އިއުލާންކުރި އިރުގައި މާލެއިން ލިބިފައިވާ ކުދި ބިންތައް ދޫކޮށްލުމުން އެ ދޫކޮށްލާ މީހުނަށް ފްލެޓްދޭގޮތަށް ވެސް އިއުލާންކުރި ކަމަށެވެ.

އެހެންކަމުން އެ ސްކީމަށް ބަލާއިރު، 13،763 މީހުންނަށް ބޯހިޔާވެހިކަމަށް އޭރު ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވަމުން ޢަލީ ހުސެއިން ވިދާޅުވީ، އެ ސްކީމުގެ ދަށުން 4000 ފްލެޓު ދިނުމަށް އެ އަދަދަށް މީހުން ކަނޑައެޅި ނަމަވެސް އަދި ބާކީ 9763 މީހުން އެބަތިބި ކަމަށާ، އެމީހުނަށް ބޯހިޔާވެހިކަން ދިނުމަށް ކުރަންޖެހޭ މަސައްކަތް މި ސަރުކާރުން ބާރު ސްޕީޑުގައި ކޮށްދެއްވުމަށް މި ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

ފަހި ދިރިއުޅުން ސިޔާސަތުގެ ދަށުން އަޅަމުން ގެންދިޔަ 4،000 ފްލެޓުގެ އިތުރުން ވެސް އިތުރު 7،000 ފްލެޓެއްގެ ފައިސާ ހަމަޖެހި ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައިވާ ކަމަށް ވިދާޅުވެ ޢަލީ ޙުސެއިން ވިދާޅުވީ، އެހެން އެކަން އޮތް ނަމަވެސް މި ސަރުކާރުގެ ދޯހަޅިކަމުން، އެ 7،000 ފްލެޓު ލިބެންވާ ހައްގުވެރިން ވެސް މިވަނީ ފްލެޓުލިބުމުން މަހުރޫމް ވެފައިކަމަށެވެ.

ކުރީސަރުކާރުގެ އެ މަޝްރޫއަށް އިހުތިރާމްކޮށް އެއާ އެއްގޮތަށް، މި ސަރުކާރުން މިއަދާހަމައަށް އަމަލު ކުރިނަމަ، އެ ފްލެޓުތަކަކީ ވެސް ހަގީގަތުގައި މިއަދު ކޮޅަށްޖަހާ ނިމިފައި ހުންނަން ޖެހޭ ފްލެޓުތަކެއް ކަމަށް ވިދާޅުވެ، ޢަލީ ޙުސެއިން ވިދާޅުވީ، އެ ފްލެޓުތައް އެޅުމަށް ބޭނުންވާ ފައިސާއަކީ އޭރު ހަމަޖެހި ނިމިފައިހުރި އެއްޗެއް ކަމަށް ޚުދް ރައީސް މުއިއްޒު އެމަނިކުފާނު ދުނިޔޭގެ ރެކޯޑު ހެއްދެވުމަށް ބޭއްވެވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވިދާޅުވެފައި ވާކަމަށެވެ.

އެގޮތުން އިންޑިއާއިން ދީފައިވާ ކްރެޑިޓްލައިންގައި 15 ބިލިއަނަށްވުރެ ގިނަ ފައިސާ ހުރިކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް މުއިއްޒު އިއުތިރާފްވެ ވަޑައިގެންފައި ވާއިރު އެ ކްރެޑިޓްލައިންގެ އެއްބަސްވުމުގައި ވެސް ހައުސިން ޔުނިޓުތަކެއް އެޅުމަށް އިންޑިއާއިން ހިމަނާފައިވާ ކަމަށްވެސް ޢަލީ ޙުސެއިން ވިދާޅުވިއެވެ.

ދިވެހި އެތައް ރައްޔިތުންނަކަށް ކުރީ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތަކަށް މި ސަރުކާރުން ގޮންޖަހާ ކުރި ކަންކަމުގެ ސަބަބުންނާއި، މި ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން، އަދި އެ ފްލެޓުތަކުގެ ހައްގުވެރިންގެ އަތުން ފްލެޓުތައް ނިގުޅައިގަތުމަށްޓަކައި، ދޮގުހެދުމާއި މަކަރުހެދުމާއި އޮޅުވާލުމުގެ ތެރެއިން، އެކަން ކުރަމުން އައީ ކުރީ ސަރުކާރުން އެކަށައަޅާފައިވާ އުސޫލުތައް ވެސް ބަދަލުކޮށް، އުސޫލާއި ހަމަތަކުގެ ބޭރުން ކަމަށް ވިދާޅުވެ ޢަލީ ޙުސެއިން ވިދާޅުވީ، އެކަންކަމުގެ ސަބަބުން ދިވެހި އެތަކެއް ރައްޔިތުންނަށް ވަމުންދާ ގެއްލުން މިއަދު ފެންނަމުން އެބަދާކަމަށެވެ.

4000 ފްލެޓު ދިނުމުގައި ހައުސިން މިނިސްޓްރީން މިހާރު އަމަލުކުރަމުން އަންނަގޮތްކަމަށް އެންމެފަހުން ބުނެފައިވަނީ އެ 4،000 ފްލެޓާއި ގުޅޭ ދާއިމީ އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށާ، އަދި ފްލެޓުތައް ދޭނީ ކުރީ ސަރުކާރުން 2023ވަނަ އަހަރު ނެރެފައިވާ ލިސްޓަށް ކަމަށާ، ފްލެޓުތައް ދޭނީ ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނި ކުރުމަށްފަހުގައި ކަމަށެވެ.

ކޮމެންޓް