ތިނަދޫގައި އިމާރާތް ކޮށްފައިވާ 200 ރޯހައުސްއަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ އިއުލާންކުރީ މިއަހަރުގެ ޖެނުއަރީމަހުގައެވެ. އެހެންނަމަވެސް ތިނަދޫ ކައުންސިލުން އެކަމަށް އިއުލާން ކުރީ ހައުސިން މިނިސްޓްރީގެ ހުއްދަނުހޯދާ ކަމަށްބުނެ އެ އިއުލާން ބާތިލްކުރިއެވެ.
ހައުސިން މިނިސްޓްރީން މީޑިއާގައި ވިދާޅުވީ ތިނަދޫގައި ތަރައްގީކޮށްފައިވާ 200 ރޯހައުސްއަށް އެދުމުގެ ފުރުސަތު މިމަހުގެ 7 ވަނަ ދުވަހު ހުޅުވާލާއިރު، އެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހާހަމައަށް އޮންނާނެކަމަށެވެ.
ރޯހައުސްއަށް އެދި ހުށަހަޅާނީ ހިޔާވެހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށް ކަމަށާ، އެ ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލުގައި ވާގޮތުން މި ރޯ ހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރަށްވެއްސެއް ނުވަތަ ތިނަދޫއަށް ހުޖުރަކޮށް އެރަށުގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ މީހުންނަށެވެ. އަދި ދިވެއްސަކަށް ވުމާއެކު އުމުރުން 18 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.
ރޯހައުސްއަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތައް ބަލައ،ި ރޯހައުސްއަށް އެދި ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓްކުރާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނުވަތަ އެ ވުޒާރާއިން ކަނޑައަޅާ އިދާރާއަކުން ނުވަތަ ކޮމިޓީއަކުންނެވެ.
ޑިޒައިނިން އެންޑް ބިޑް އެސޫލުން ކުރިއަށްގެންދާ އެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅަން ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއާ ހަވާލުކޮށްފައިވަނީ 540 މިލިއަން ރުފިޔާގެ އަގަކަށެވެ. އަދި މި ހައުސިން ޔުނިޓުތައް އަޅަން ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ ޖާގައެއްގައި ދެ ފަންގިފިލާގެ ރޯހައުސްތަކެއްގެ ގޮތުގަ އެވެ.
ތިން ކޮޓަރާއި ތިން ފާހަނާ، ސިޓިން ރޫމް، ކާގެ އާއި ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ކޮންމެ ރޯ ހައުސްއެއްގައި ހުންނައިރު، އެ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއިމުކުރެއެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ބޭރު ފެންނާނެހެން ބެލްކަންޏެއް ވެސް ހުރެއެވެ.