އެމްޔޫ މަނިކުގެ އާލާސްކަންފުޅު ބޮޑުވެ އެންމެ ފުރަތަމަ ފަރުވާ ދިނީ ރާއްޖޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އިތުރު ފަރުވާއަށް އެއާ އެމްބިއުލަންސްގައި ސިންގަޕޫރަށް ގެންދިޔައީ ޖުލައި 27 ގައެވެ. އޭގެ ފަހުން ސިންގަޕޫރު މައުންޓް އެލިޒަބަތު ހޮސްޕިޓަލް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އަވަހާރަވީ ސިންގަޕޫރު ގަޑިން މިއަދު ހެނދުނު 6:30 ގައެވެ. ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގަ އެވެ.
އުމުރުފުޅުން 78 ގައި އެމްޔޫ މަނިކު އަވަހާރަވިއިރު، އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.
އެމްޔޫ މަނިކަކީ ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރެއްވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ޓްރެވަލް އެޖެންސީ މިއުމަން ޓުއަރިސްޓް އޭޖެންސީ އަދި އެންމެ ފުރަތަމަ ހުޅުވި ރިސޯޓް، ކުރުނބާ ވިލެޖްގެ އެއް ހިއްސާދާރަކީވެސް އެމްޔޫ މަނިކެވެ.
އެމްޔޫ މަނިކަކީ، 19 އަހަރަށްވުރެ ދިގު މުއްދަތުގައި ދިވެހި ސަރުކާރަށްވެސް ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ޚިދްމަތް ކުރައްވާފައިވަނީ، އެގްރިކަލްޗަރގެ ދާއިރާގައެވެ. ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 5 ޖޫން 1971 ގައެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ އެގްރިކަލްޗަރ އޮފިސަރކަމުގެ މަޤާމެވެ. އޭގެފަހުން އެ މިނިސްޓްރީގެ ވަކީލުކަމުގެ މަގާމު ފުރުއްވާފައިވެއެވެ. އަދި މިނިސްޓަރ އޮފް އެގްރިކަލްޗަރގެ ނައިބުކަމުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީ ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތުވެސް ވަނީ އަދާކުރައްވާފައެވެ. ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތީ، 31 ޑިސެމްބަރ 1990 ގައެވެ. އަދި އޭގެފަހުން އެމް.އެމް.އޭ.ގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް ޚިދްމަތް ކުރައްވާފައިވެއެވެ. އަދި އައިލެންޑް އޭވިއޭޝަން އާއި މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމުގެ މަގާމުވެސް ފުރުއްވިއެވެ.
އެންމެ ފަހުން އެމްއޭސީއެލްގެ ޗެއާމަނަކަށް ހުންނެވިއިރު، އެ މަގާމު 11 އަހަރު ދުވަސް ވަންދެން ފުރުއްވިއެވެ. އެމްއޭސީއެލްގެ ޗެއާމަނަކަށް އެމްޔޫ މަނިކު އައްޔަން ކުރެއްވީ 2013 ވަނަ އަހަރު އެވެ. ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާތީ، އިސްތިއުފާ ދެއްވީ 2024 ޖެނުއަރީ 28 ގައެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން އިތުރުކުރެއްވުމަށްޓަކައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންގެ މައްޗަށް ނިސްބަތްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވުމުގައިވެސް މަނިކު އިސްރޯލެއް އަދާކުރެއްވިއެވެ. 1992 ވަނަ އަހަރު އެ ޖަމިއްޔާ އުފެދުނީއްސުރެ މިހާތަނަށްވެސް ޗެއަރމަންގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވަނީވެސް އެމަނިކުފާނެވެ.
އެމްޔޫ މަނިކަކީ އިޖްތިމާޢީ ރޮނގުންވެސް އެކިއެކި އެހީތައް ވެދެއްވާފައިވާ ބޭފުޅެކެވެ. މިގޮތުން، 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ހާލުގައި ޖެހުނު ރަށްރަށަށް ސާފު ބޯފެން ފޮނުއްވައި ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެވެއެވެ. މީގެއިތުރުން، އައި.ޖީ.އެމް. ހޮސްޕިޓަލްގައި ޑައިލިސިސް މެޝިނެއް ބަހައްޓަވައި، އެކަމަށް ބޭނުންވާ މީހުން އަމިއްލަފުޅު ޚަރަދުގައި ތަމްރީނުކޮށްދެއްވާފައިވެއެވެ.
އެމްޔޫ މަނިކުގެ އިސްނެންގެވުމަށް "ޔުނިވާސަލް ފައުންޑޭޝަން" އުފައްދަވައި އެ ޖަމުއިއްޔާ އިން ސްޕެޝަލައިޒްޑް ރޮނގުތަކުން ޑޮކްޓަރުން ތަމްރީނު ކުރެއްވުމަށްޓަކައި ޑޮކްޓަރުން ރާއްޖެއިން ބޭރަށް ފޮނުއްވާފައި ވެއެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ޑޮކްޓަރުން ތަމްރީނުތައް ފުރިހަމަކުރެއްވުމަށްފަހު މިހާރު ޚިދްމަތުގައި ދެމިތިއްބެވިކަންވެސް ފާހަގަކުރެވެއެވެ. އަދި ޔުނިވާސަލް ފައުންޑޭޝަން މެދުވެރި ކުރައްވައި އެކި ރޮނގުތަކުން ތަޢްލީމު ހާސިލުކުރުމުގެ ފުރުޞަތު ކުދިންނަށް ދެއްވަމުން ގެންދަވާކަން އެއީވެސް، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ވެދެއްވާފައިވާ ވަރަށްބޮޑު އެހީއެކެވެ.
އެމްޔޫ މަނިކަށް ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ޝަރަފުވެރި ކަމުގެ އިނާމު 2002 ވަނަ އަހަރު ލިބިވަޑައިގެންނެވި އެވެ. އޭގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ. އެންމެ ފަހުން ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2022 ވަނަ އަހަރު ވެސް އެމްޔޫ މަނިކަށް އެވޯޑު ލިބިވަޑައިގެންނެވި އެވެ.