އެމްޔޫ މަނިކު 2022 ވަނަ އަހަރު ދެއްވާފައިވާ އިންޓަވިޔުއަކުން ފާހަގަވާ ބައެއް ކަންކަމަށް ބަލާއިރު، ފުރަތަމަ ޓޫރިސްޓް ރިސޯޓްގެ ގޮތުގައި ކުރުނބާ ވިލެޖް ތަރައްގީ ކުރީ އަތުގައި ފައިސާތަކެއް ހުރެގެނެއް ނޫނެވެ. 30 ކޮޓަރީގެ އެ ރިސޯޓް ހުޅުވީ ވަރަށް އާދައިގެ ގޮތަކަށެވެ.
"އަޅުގަނޑުގެ އަތުގައި ވެސް އޮތް އެއްޗެއް، ނަސީމްގެ އަތުގައި ވެސް އޮތް އެއްޗެއް ލައިގެން ދެން މިކަން ކޮމްޕްލީޓް ކުރެވޭތޯ ބެލީ. ކޯބިން ގެނައި ބޭރުން ގެންނަން ޖެހޭ އެއްޗެހި. އޭރަކު ބޭންކެއް މިތާކު. ދިހަ ހާސް ޑޮލަރު ވެސް މާރުކޮށްލެވޭނެ ގޮތެއް (ރާއްޖޭގެ އިގްތިސާދަކު) ނެތް،" އެމްޔޫ ވިދާޅުވެފައި ވެއެވެ.
ކުރުނބާ ވިލެޖް ރިސޯޓަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއިރުވެސް އަދި ހުޅުވައިގެން ހިންގަންފެށިއިރުވެސް އެމްޔޫ އުޅުއްވަނީ ސަރުކަރުގެ ވަޒީފާގައެވެ. ކުރުނބާއަށް ވަޑައިގަންނަވަނީ އޮފީސް ނިންމަވާފައި މެންދުރު 1:30 ގެ ފަހުންނެވެ. އޭގެ ފަހުން ކުރުނބާގެ ހުރިހާ މަސައްކަތެއް ހިނގަ ނުހިނގާގޮތް އޭނާ ބައްލަވައެވެ. ބަދިގެއަށް ވަންނަވައި ބަދިގޭގައިވެސް މަސައްކަތްކުރައްވައެވެ.
އެމްޔޫ ވިދާޅުވެފައިވާ ގޮތުގައި ރިސޯޓް ފެށުމަށް ފަހު ހިންގުމަކީ ރާއްޖެ އޮތް ހާލަތުން ފަސޭހަ ކަމަކަށް ނުވި އެވެ. ޓޫރިސްޓުން ބޭނުންވާ ގޮތަށް ކެވޭނެ ގޮތެއް ނެތެވެ. ރާއްޖެ އޭރު އޮތް ހާލަތުން، "ކުކުޅުބިހެއް ގަންނަން ވެސް ލިބެނީ މުޅި މާލޭގައި ދުއްވައިގެން" ކަމަށާއި "އެންމެ ދަތިވީ ކައްކާ ސާމާނު ހޯދަން،" ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
"ބައެއް ފަހަރު ސިލޯނު ތަންތަނުން 5000 ޑޮލަރަށް ބޯޓެއް ޗާޓަރު ކޮށްގެން ކުކުޅު ކޮޅަކާއި ތަރުކާރީކޮޅެއް ވެސް ގެންނަން ޖެހޭ. މާލެއިން އެކައްޗެއް ވެސް ނުލިބޭ."
އެމްޔޫ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައީ ގޮތް ދޫނުކޮށް އެކަން ކުރަން ދިމާކުރީތީ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ނަސީމާއި އަފީފާއި އޭނާ ހުންނެވީ ފަހަތަށްނުޖެހުމުގެ ސިޔާސަތެއްގަ އެވެ.
"މިކަން މި ކުރެވުނީ އަޅުގަނޑުމެން ދިވެހިން ކުރީމަ. އެހެން ގައުމުތަކުގައި ބޮޑެތި ބޭންކުތަކުން ލާރި އަޅައިގެން މިކަން ކުރީ. މިއީ އަޅުގަނޑުމެން ގާތަޅައިގެން އެޅި ތަންތަން،" އެމްޔޫ ވިދާޅުވެފައި ވެއެވެ.
އެ ދުވަސްވަރުގެ ވިސްނުންތެރިން ބިނާކުރި އިގްތިޞާދީ އައު ސިނާއަތުގެ މަތީގައި ގައުމު ހިނގަމުންދާތާ ފަންސާސް އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ. އޭރުގެ ސަރުކާރާއި އޭރުގެ މީހުން ފެށި ސިނާއަތު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓޫރިޒަމް ބްރޭންޑަށް ވިއެވެ. ފަތުރުވެރިކަމުގައި ދިވެހި ރާއްޖެ ދިޔައީ ކުރިއަރަމުންނެވެ. ނަމަވެސް، ސަރުކާރުތައް ބަދަލުވަމުން މިއަދާ ހަމައަށް އައިއިރު، އިތުރު ސިނާއަތެއް ރާއްޖޭގައި ތަރައްގީވެފައި ނެތުމަކީ ގައުމީ ތަރައްގީގައި ސަރުކާރުތަކުން ވެފައިވާ އިހުމާލެކެވެ.
ދިވެހި ރާއްޖެއަކީ ޓޫރިޒަމް ތާރަފްވުމުގެ ކުރިން މަސްވެރިކަމާއި އެހެނިހެން އުފެއްދުންތަކުން އާމްދަނީ ހޯދަމުން އައި ގައުމެކެވެ. އަދި ހަމަ ޓޫރިޒަމް ފެށިގެން އައި ދުވަސްވަރާއި އޭގެ ފަހަށް އޭޝިޔާގެ އެންމެ ވަރުގަދަ އެއް ޝިޕިން އިންޑަސްޓްރީ ވެސް ހިންގަމުން އައި ގައުމެވެ. ބޮޑެތި އާގުބޯޓުފަހަރު ދުއްވަމުން އައި ގައުމެކެވެ. ޝިޕިން ލައިން ކުރި އުވުނީއެވެ. ޓްރާންސްޝިޕްމަންޓް ފަދަ އެހެން ސިނާއަތުތައްވެސް ބިނާ ނުކުރެވުނެވެ.
މަސްވެރިކަމުގެ ސިނާއަތުގެ ހިންގަނީ ދައުލަތުގެ ސަބްސިޑީންނެވެ. ދައުލަތަށް ވަންނަ އެއްޗަކަށް ވުރެ ދައުލަތުން އެއްޗެއް ދީގެނެވެ. އަމިއްލަ ގައުމުގައި އޮތް ޓޫރިޒަމް ލަގްޒަރީ މާކެޓަށް ބޭނުންވާ ސީފުޑް އުފެއްދޭ ވަރުވެސް ގައުމުގައި ނެތީއެވެ. ފަޅުތަކާ ފަރުތަކުން ކުރެވޭ ހަމަ އެކަނި ބޭނުމަކީ ހިއްކައިގެން ރިސޯޓް ހެދުމަށް ވީއެވެ.
ޓޫރިޒަމުން ލިބޭ އެއްޗަކުން ހިހޫތަނުން ގައުމު ހިންގުމަކީ އެންމެންގެވެސް ވިސްނުމަށްވީއެވެ. އެކަމުގެ ސަބަބުން އިމްޕޯޓަށް ބަރޯސާވާ، އެއް ސިނާއަތަކަށް ބިނާވާ ގައުމެއް އުފެއްދުނީއެވެ. ބޭނުންވަނީ އިގްތިޞާދީ އެހެން ދާއިރާތައް ކުރި އަރުވާނެ ސިޔާސަތެވެ. ބޭނުންވަނީ އެމްޔޫ މަނިކު ފަދަ މުސްތަގުބަލަށް ދުރުމި އަޅުއްވައިގެން މަސައްކަތް ކުރާނޭ އަތްތަކެކެވެ. ހިތާމައަކީ އެދުވަހު އެމީހުން ކުރެއްވިފަދަ މަސައްކަތް ކުރާނޭ ބަޔަކު މިއަދު ނެތްކަމެވެ.