އެމްޔޫ މަނިކު، އެ ޖަމުޢިއްޔާއެއް އުފެއްދެވުމުގައާއި އެ ޖަމުއިއްޔާގެ ޗެއާމަންކަން 33 އަހަރު ވަންދެން ފުރުއްވި މަޓީން އާންމުކުރި މައުލޫމާތުގައި ބުނީ، އެމަނިކުފާނުގެ ހަނދާނުގައި މިއަދުން ފެށިގެން ތައުޒިޔާގެ ދަފްތަރެއް ހުޅުމަށް ނިންމާފައިވާ ކަމަށެވެ.
މި ތައުޒިޔާގައި ސޮއިކުރުން އޮންނާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް މަޓީގެ އޮފީސް ހުންނަ ފަސްމީރު ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައެވެ.
މަޓީން ބުނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 17:00ގެ ނިޔަލަށް އެ ދަފުތަރުގައި ސޮއިކުރުން ކުރިއަށްދާނެ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ޔުނިވާސަލްގެ ޗެއާމަން، އެމްޔޫ މަނިކު، އަވަހާރަވީ ހުސްވި އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު ސިންގަޕޫރު ގަޑިން 6:30 ގައެވެ. އެމްޔޫ މަނިކުގެ އާލާސްކަންފުޅު ބޮޑުވެ އެންމެ ފުރަތަމަ ފަރުވާ ދިނީ ރާއްޖޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އިތުރު ފަރުވާއަށް އެއާ އެމްބިއުލަންސްގައި ސިންގަޕޫރަށް ގެންދިޔައީ ޖުލައި 27 ގައެވެ. އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި، ސިންގަޕޫރު މައުންޓް އެލިޒަބަތު ހޮސްޕިޓަލް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އެމަނިކުފާނުގެ ޖަނާޒާ ބޭއްވީ އެދުވަހުގެ އަސްރު ނަމާދަށް ފަހު ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގަ އެވެ. ހަމަ އެ ދުވަހު މާލޭ އިސްލާމީ މަރުކަޒުގައިވެސް އަސުރު ނަމާދަށްފަހު އެމަނިކުފާނުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރިއެވެ.
އެމްޔޫ މަނިކަކީ ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރެއްވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަމިއްލަފުޅު ވިޔަފާރީގެ އިތުރުން 19 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި މަގާމުތަކުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވިއެވެ. އެންމެ ފުރަތަމަ ޚިދުމަތް ފެއްޓެވީ 1971 އިން ފެށިގެން މިނިސްޓްރީ އޮފް އެގްރިކަލްޗަރު އިންނެވެ. ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތީ 1990 ވަނަ އަހަރުއެވެ.
މީގެ އިތުރުން ދައުލަތުގެ އެކި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކުގައިވެސް އެމްޔޫ މަނިކު ޚިދުމަތް ކުރެއްވިއެވެ. އެގޮތުން އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމުގެ މަގާމުވެސް ފުރުއްވިއެވެ.
އެންމެ ފަހުން އެމްއޭސީއެލްގެ ޗެއާމަނަކަށް ހުންނެވިއިރު، އެ މަގާމު 11 އަހަރު ދުވަސް ވަންދެން ފުރުއްވިއެވެ. އެމްއޭސީއެލްގެ ޗެއާމަނަކަށް އެމްޔޫ މަނިކު އައްޔަން ކުރެއްވީ 2013 ވަނަ އަހަރު އެވެ. ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާތީ، އިސްތިއުފާ ދެއްވީ 2024 ޖެނުއަރީ 28 ގައެވެ.
އެމްޔޫ މަނިކަކީ އިޖުތިމާއީ ޚިދުމަތްތެރިއެއްވެސް މެއެވެ. ތަފާތު ދާއިރާތަކުން އިންސާނީ ވަސީލަތްތައް ބިނާކުރެއްވުމަށް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެ މަސައްކަތް އެންމެ ބޮޑަށް ފާހަގަ ވާން އޮތީ އެމަނިކުފާނުގެ އިސްނެންގެވުމަށް އުފެއްދެވި "ޔުނިވާސަލް ފައުންޑޭޝަން"ގެ މަސައްކަތްތަކުންނެވެ. ޔުނިވާސަލް ފައުންޑޭޝަން މެދުވެރިވެގެން ވަރަށް ގިނަ ޑޮކްޓަރުން ވަނީ ތަމްރީނު ވެ، އެކި ދާއިރާތަކުން ސްޕެޝަލައިޒް ވެފައެވެ.
އެމްޔޫ މަނިކަށް ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ޝަރަފުވެރި ކަމުގެ އިނާމު 2002 ވަނަ އަހަރު ލިބިވަޑައިގެންނެވި އެވެ. އޭގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ. އެންމެ ފަހުން ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2022 ވަނަ އަހަރު ވެސް އެމްޔޫ މަނިކަށް އެވޯޑު ލިބިވަޑައިގެންނެވި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރެއްވި ޚިދުމަތްތަކާއި ކުރިން ފާހަގަކުރެވުނު ޚިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2011 ވަނަ އަހަރު އެމްޔޫ މަނިކަށް ދިވެހި ދައުލަތުގެ އިއްޒަތް، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވާފައެވެ.