އަލްމަރުޙޫމް މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު)
އެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު އަސުރަށްފަހު އިސްލާމީ މަރުކަޒުގައި
30 އޯގަސްޓް 2025 (ހޮނިހިރު)   10:56
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ޔުނިވާސަލްގެ ޗެއާމަން، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ ކަށުނަމާދު ޣައިބަށް ރާއްޖޭގައި ކުރާގޮތަށް ނިންމައިފިއެވެ.

އުމުރުފުޅުން 78 އަހަރުގައި އެމްޔޫ މަނިކު އަވަހާރަވީ ސިންގަޕޫރު މައުންޓް އެލިޒަބަތު ހޮސްޕިޓަލް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ސިންގަޕޫރު ގަޑިން މިއަދު ހެނދުނު 6:30 ގައެވެ. ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގަ އެވެ.

ރާއްޖޭގައި އެމްޔޫ މަނިކުގެ މައްޗަށް ކަށުނަމާދު ޣައިބަށް ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

އެމްޔޫ މަނިކަކީ ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރެއްވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އަމިއްލަފުޅު ވިޔަފާރީގެ އިތުރުން 19 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި މަގާމުތަކުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވިއެވެ. އެންމެ ފުރަތަމަ ޚިދުމަތް ފެއްޓެވީ 1971 އިން ފެށިގެން މިނިސްޓްރީ އޮފް އެގްރިކަލްޗަރު އިންނެވެ. ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތީ 1990 ވަނަ އަހަރުއެވެ.

your imageއެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމުގެ މައުލޫމާތު 

މީގެ އިތުރުން ދައުލަތުގެ އެކި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކުގައިވެސް އެމްޔޫ މަނިކު ޚިދުމަތް ކުރެއްވިއެވެ. އެގޮތުން އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމުގެ މަގާމުވެސް ފުރުއްވިއެވެ.

އެންމެ ފަހުން އެމްއޭސީއެލްގެ ޗެއާމަނަކަށް ހުންނެވިއިރު، އެ މަގާމު 11 އަހަރު ދުވަސް ވަންދެން ފުރުއްވިއެވެ. އެމްއޭސީއެލްގެ ޗެއާމަނަކަށް އެމްޔޫ މަނިކު އައްޔަން ކުރެއްވީ 2013 ވަނަ އަހަރު އެވެ. ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާތީ، އިސްތިއުފާ ދެއްވީ 2024 ޖެނުއަރީ 28 ގައެވެ.

އެމްޔޫ މަނިކަކީ އިޖުތިމާއީ ޚިދުމަތްތެރިއެއްވެސް މެއެވެ. ތަފާތު ދާއިރާތަކުން އިންސާނީ ވަސީލަތްތައް ބިނާކުރެއްވުމަށް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެ މަސައްކަތް އެންމެ ބޮޑަށް ފާހަގަ ވާން އޮތީ އެމަނިކުފާނުގެ އިސްނެންގެވުމަށް އުފެއްދެވި "ޔުނިވާސަލް ފައުންޑޭޝަން"ގެ މަސައްކަތްތަކުންނެވެ.

އެމްޔޫ މަނިކަށް ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ޝަރަފުވެރި ކަމުގެ އިނާމު 2002 ވަނަ އަހަރު ލިބިވަޑައިގެންނެވި އެވެ. އޭގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ. އެންމެ ފަހުން ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2022 ވަނަ އަހަރު ވެސް އެމްޔޫ މަނިކަށް އެވޯޑު ލިބިވަޑައިގެންނެވި އެވެ.  

ކޮމެންޓް