ގައުމެއްގައި އިގްތިސާދީ ޑިފޯލްޓް އުފެދެނީ ސަރުކާރެއް ދަރަނީގެ ވާޖިބުތައް އަދާނުކޮށް، ލޯނު ދައްކަންޖެހޭ ތާވަލާ އެއްގޮތަށް ލޯނުގެ ފައިސާ ނުދެއްކުން ނުވަތަ ބޮންޑްތަކުގެ އިންޓަރެސްޓް ނުދެއްކުމުގެ ސަބަބުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ރާއްޖެ ޑިފޯލްޓްވެއްޖެ ހާލަތެއްގައި ބޭންކިން ސެކްޓަރެއްކޮށް ހުއްޓިދާނެ ކަމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެ، ޑރ.ޝަމްހީދު ވިދާޅުވީ މިއީ ސަރުކާރަށް އެކަނި ސިއްރުކޮށް ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާ، ކޮންމެ ރައްޔިތަކަށްވެސް މީގެ އަސަރު ކުރާނެ ކަމަށެވެ.
އެހެންކަމުން ސަރުކާރުން ކޮންމެ ދުވަހަކު މި މައުލޫމާތުތައް ހާމަކުރަންޖެހޭނެ ކަމަށާ، ނަމަވެސް މި ސަރުކާރުން އަންނަ އަހަރު ދައްކަންޖެހޭ ލޯނުތަކުގެ ކަންތައްތައް ސިއްރުކޮށްފައިވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
އަދި އެބޭފުޅުން ގަވަރުނަރާ ބައްދަލުކުރި ބައްދަލުވުމުގައިވެސް އަންނަ އަހަރު ދައްކަންޖެހޭ ފައިސާ ދައްކާނެ ގޮތުގެ އެއްވެސް ޕްލޭނެއް ސަރުކާރުގެ ކިބައިގައި ނެތްކަން އެނގިފައިވާ ކަމަށާ، ބަޖެޓު ފޮތުގައި ލޯނު ދައްކާނެ ގޮތްތަކާ ފައިސާ ސޭވް ކުރާނެ ގޮތްތައް ބަޔާންކޮށްފައި އޮތް ނަމަވެސް، މިއަދާ ހަމައަށް އެއަށް އެއްވެސް އަމަލެއް ނުކުރާ ކަމަށް ވެސް ޑރ.ޝަމްހީދު ވިދާޅުވިއެވެ.
ގައުމުގެ ހާލަތު މިހާ ދަތިކޮށް އޮތްއިރު، އޯގަސްޓު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ރެކޯޑު އަދަދަކަށް އާމްދަނީ ލިބުނު އަހަރެއް ކަމަށް ވެސް ޑރ.ޝަމްހީދު ވިދާޅުވިއެވެ.
"އޯގަސްޓު ހަތަކާހަމައަށް 23.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ. މިއީ 2023 ވަނަ އަހަރާ ބަލާއިރު ގާތްގަނޑަކަށް ތިން ބިލިއަނެއްހާ ރުފިޔާ އިތުރަށް. އެހެންވީމާ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނީ ހަގީގަތުގައި،" ޑރ.ޝަމްހީދު ވިދާޅުވިއެވެ.
ނަމަވެސް މިހާ ގިނަ އާމްދަނީއެއް ލިބިފައިވާއިރުވެސް، މި ފައިސާއަށް ވެގެން އުޅޭ ގޮތެއް ނޭނގޭ ކަމަށް ވިދާޅުވެ ޑރ.ޝަމްހީދު ވިދާޅުވީ، ރައްޔިތުން ޓެކްސްގެ ގޮތުގައި އިތުރު ތިން ބިލިއަން ރުފިޔާ ދައްކާފައިވާއިރު، މި ފައިސާއަށް ވީ ގޮތެއް ނޭނގޭތީ، އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުމަށް އެބޭފުޅާ ގޮވާލައްވާ ކަމަށެވެ.
އަދި އެމްޑީޕީން ރާވާ އެއްވުންތަކުގައި ބައިވެރިނުވެ މި ގައުމު އިސްލާހެއް ނުވާނެ ކަމަށް ވެސް ޑރ.ޝަމްހީދު ވިދާޅުވިއެވެ.