ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
މި ސަރުކާރު މިއޮތީ އެއްކޮށް ގަބުވެ ދެން ކުރިޔަށް ދާނެ ގޮތެއް ނޭގިފައި
ކުރީ ސަރުކާރު ކިޔުން ނޫންކަމެއް ނެތް، ހައްލު ކުރެވި ކުރިއެރުމެއް ހޯދުނު އެއްކަމެއް ވެސް ނެތް - އަމީރު
މަރްޔަމް މުޙައްމަދު 8 ސެޕްޓެމްބަރ 2025 (ހޯމަ)   10:15
ކުރީ ސަރުކާރު، ކުރީ ސަރުކާރު ކިޔާތާ މިހާރު މި ސަރުކާރަށް 2 އަހަރު ކަމަށާ، އެއްވެސް ހާސްކަމެއް ނެތޭ، ހުސް ފެހި ސިގްނަލޭ ކިޔާ އައި މީހުން މިހާރު މިއޮތީ، އެއްކޮށް ގަބުވެ ދެން ކުރިޔަށް ދާނެ ގޮތެއް ނޭގިފައި ކަމަށް ފާއިތުވި އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރަށް ހައްލު ކުރެވުނު ހަމަ އެއްކަމެއް ވެސް ނެތް ކަމަށާ، ހޯދުނު އެއްވެސް ކުރިއެރުމެއް ނެތި މިހާރު ހުރިހާ ކަމެއް ގޯހުން ގޯހަށް ގޮސްފި ކަމަށެވެ.

އަމީރު ފިނޭންސް މިނިސްޓަރުކަން ކުރެއްވި، ފާއިތުވި އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކާއި ހޯދުނު ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ އަމީރު ވިދާޅުވީ، މި ދިޔަ ސަރުކާރުގައި ކުރިމަތިލާން ޖެހުނު ދަތިތަކާއެކުވެސް، މާލީ އަދި އިގުތިސޯދީ ސިޔާސަތު އެ ސަރުކާރުން ގެންގޮސްފައިވާނީ ޖުމްލަކޮށް ރަނގަޅަށް ކަމަށާ، 2020 ވަނަ އަހަރު، ކޮވިޑްގެ ދަތިތަކާއެކު 33 އިންސައްތަ ދަށަށް ދިޔަ އިގުތިސޯދު، 2021 ވަނައަހަރު 38 އިންސައްތަ ކުރިއަރައި 2022 ވަނައަހަރު ކުރީކޮޅު އޮތީ ކޮވިޑް އައި އިރު އޮތް އިގުތިސޯދަށް ވުރެ ބޮޑު އިގުތިސޯދަކަށް ބަދަލުކޮށްފައި ވާނެ ކަމަށެވެ.

"ކޮވިޑްގެ ވަބާއިން އަރައިގަނެ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ސަލާމަތްވީ އޭރު އެޅުނު މާލީ، އިޤްތިސާދީ އަދި އިޖްތިމާއީ ފިޔަވަޅުތަކުގެ ސަބަބުން. އޭގެ ފަހުން އައި ޔުކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން ދިމާވި ދަތިތައް ވެސް ވާނި ރައްޔިތުންނާއި ވިޔަފާރިތަކަށް އަސަރު ނުކުރާނެ ގޮތަށް މެނޭޖްކުރެވިފަ. މި ދަތިތަކާއެކުވެސް ރާއްޖޭގެ ތާރީޚުގައި ސަރުކާރަކުން ނުކުރާ މަސައްކަތްތައް ރަށް ރަށުގައި އޮންނާނީ ހިންގާފަ." އަމީރު ވިދާޅުވިއެވެ.

އެގޮތުން ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމާއި، އެއަޕޯޓްތައް އަދި ބަނދަރުތައް ހެދުން، ބިން ހިއްކުން އަދި ހާހުން ހައުސިން ޔުނިޓްތައް އެޅުމާއި، ބްރިޖް އަޅަން ފެށުމާއި، އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ އެތައް ވިޔަފާރިއެއް އަލަށް ފެށުމާއި، މަސްވެރިކަން ތަރައްގީކުރަން އިންވެސްޓްކުރުމުގެ އިތުރުން ވެސް އެތައް މަޝްރޫއުތަކެއް އެމްޑީޕީ ސަރުކާރުގައި ކުރިމަތިވި އިގުތިސޯދީ ދަތިތަކާއެކުގައި ވެސް އޭރު ހިންގި ކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ.

"ކޮވިޑްގެ ދުވަސްވަރު ދަށަށް ދިޔަ އިޤްތާސާދާއެކު، އާމްދަނީ ދަށަށް ދިޔުމުން ދަރަނި ނަގަން ޖެހުނު. ތިޔަ ފާހަގަ ކުރާ 56 ބިލިއަން 19 ބިލިއަން އަކީ ކޮވިޑާއެކު އިތުރުވި ދަރަނި. ބާކީ 37 ބިލިއަން. އެވަރު ތި ބޭފުޅުންގެ ސަރުކާރުގެ 2 އަހަރު ނުވަނީސް މިހާރު އިތުރު ވެއްޖެ. ކުރި ކަމެއް، ހިންގި ޕްރޮޖެކްޓެއް ފެންނަ މީހެއް މި ޤައުމަކު ނެތް. އަޅުގަނޑުމެންނާއި ކުރިމަތިލާން ޖެހުނު ދަތިތަކުން، އަޅުގަނޑުމެން އަރައިގަތީ ރައްޔިތުންނާއި ވިޔަފާރިތައް ސަލާމަތްކޮށްގެން." އަމީރު ވިދާޅުވިއެވެ.

އެއާއެކު މާލީ އަދި އިގްތިސާދީ ސިޔާސަތު އޭރު ހިންގީ ވެރިކަން ބަދަލުވެގެން ދެން ހަވާލުވާނީ މަކަރުވެރި، ތަންދޮރު ނުދަންނަ ބައެއްކަމަށް ބަލައިގެން ނޫން ކަމަށް ވިދާޅުވެ އަމީރު ވިދާޅުވީ، މިހާރު މި ސަރުކާރުގެ ދޮގުތަކުގެ ތަފްސީލް ރައްޔިތުންނަށް ސާފްވާން އެބަ ޖެހޭ ކަމަށެވެ.

"މޮޅު ވާހަކަ ނުދައްކާ މަޖްލިސް އަށް ގެންދަން ވީ ނު، މުޅި މަޖްލިސް ކޮމިޓީއަކަށް. ތި ބޭފުޅުންގެ 87 މެމްބަރުންނާއި، ވަޒީރުންނާއި އަދިވެސް ގެންދަން ބޭނުން އެންމެން ގެންދާނީ. މާލީ އިޤްތިސާދީ ސިޔާސަތު ހިންގި ގޮތާއި، ކާރިސާ ތަކާއެކު ގެނެވުނު ބަދަލުތަކާއި ދަރަނި ނަގަން ޖެހުން ގޮތާއި، ތި ކިޔާ ފައިސާ ޗާޕްކުރުމާއި، ހުރިހާ ވާހަކަތަކެއް ރަނގަޅަށް ދައްކާލަން. މިހާރު ތި ދޮގުތަކުގެ ތަފްސީލް ރައްޔިތުންނަށް ސާފްވާން އެބަ ޖެހޭ." އަމީރު ވިދާޅުވިއެވެ.

ކައުންސިލްތަކަށް ބްލޮކް ގްރާންޓް ފޯރުކޮށް ދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ މުރާޖައާ ކުރަންޖެހޭ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު އެކްސްގައި މިފަހުން ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން، މި ސަރުކާރުން އަބަދު އޮޅުވާލައި މަކަރު ހަދަން އުޅޭ އުޅުމުގެ މައްޗަށް އަލިއަޅުއްވާ ލައްވާ، އަމީރު ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ، 2020 ވަނަ އަހަރު ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް، ބްލޮކް ގްރާންޓްގެ އުސޫލުން ފައިސާ ދޭން ފެށީއްސުރެ، ބްލޮކް ގްރާންޓް ދިނުމަށް، ފިސްކަލް ފޯމިއުލާ ކަނޑައެޅުމުގައި ދެވަނައަށް އެންމެ ބޮޑަށް ރިއާޔަތްކޮށްފައިވަނީ ރަށުގެ ސައިޒަށް ކަމަށެވެ.

ކޮންމެ ކަމެއްގައިވެސް މިގޮތަށް އޮޅުވާނުލެއްވުމަށް ރައީސް މުއިއްޒުއަށް އިލްތިމާސްކުރައްވާ، އަމީރު ވިދާޅުވީ، އަބަދު އޮޅުވާލައި މަކަރު ހަދަން އުޅުނަސް މިއީ ތަންފުކެއް ބޮޑުވަރު ކަމަށެ އެވެ.

ކޮމެންޓް