އަތޮޅުތެރޭގެ ފިހާރައެއް - ފޮޓޯ: ޓެރެވަލް ގައިޑް
އެމްއެސްއެމްއީ އެވޯޑަށް ހުޅުވާލައިފި
މަރްޔަމް މުޙައްމަދު 4 ސެޕްޓެމްބަރ 2025 (ބުރާސްފަތި)   11:10
ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދިފަންތި އާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ބީސީސީ (ބިޒްނަސް ސެންޓަރ ކޯޕަރޭޝަން) އިން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއް ކަމަށްވާ، އެމް.އެސް.އެމް.އީ އެވޯޑް 2025 އަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާގުޅޭގޮތުން ބީސީސީިން ކުރި އިއުލާނެއްގައި ވަނީ މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ދެ ގިންތީގެ ދަށުން މައިގަނޑު 24 ދާއިރާއަށް ކަމަށާ، އެއީ ޖަޖުކުރެވޭ ގިންތީގެ ދަށުން 13 ދާއިރާއަކާއި، ޕޮޕިއުލަރ އެވޯޑްސް ގިންތީގެ ދަށުން 11 ދާއިރާއެއްކަމަށެވެ.

 މި އެވޯޑްއަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން https://msme.bcc.mv އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ބީސީސީން އެދިފައި ވާއިރު، އެ އެވޯޑަށް ނަން ހުށަހެޅޭނީ 2 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

"މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑު 2025 ދިނުމާއި ގުޅޭ އުސޫލު" ގައި މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ގިންތިތަކާއި، ދާއިރާތަކަށް ހާއްސަ ޝަރުތުތައް ހިމެނޭހެން، އެވޯޑުދޭ ދާއިރާތަކުގެ ތަފްސީލު، ބަޔާން ކޮށްފައިވާނެކަމަށާ، މިކަމާގުޅޭ ގޮތުން އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 3305555 އަށް ގުޅައިގެން ނުވަތަ އީމެއިލް ކުރުމުން ލިބޭނެ ކަމަށް ވެސް ބީސީސީން ކުރި އިއުލާނުގައި ވެއެވެ.

ކޮމެންޓް