ފަލާހު ގޮވާލާފައި ވަނިކޮށް، ނޫސްވެރިންގެ ޖަމިއްޔާއެމްޖޭއޭ (މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން) ގެ ރައީސް ޢަލީ ރިފްޝާނަށް ގޮތްނޭނގޭ އެކްސް އެކައުންޓަކުން އިންޒާރުގެ މެސެޖެއް ވެސް ފޮނުވާފައި ވަނިކޮށް ފަލާހު ކުރި އެކްސް ޕޯސްޓެއްގައި ވަނީ، އޭނާގެ މައްސަލަ ބެލުމުގެ ގާނޫނީ ލަފަޔަކަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވާކަމަށް ފުލުހުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާ، އޭނާ ޖަލުގައި އުޅޭނަމަ އެތާނގެ ރަހުމަތްތެރިންނަށް ވާނީ އެމްޑީޕީގެ ވެރިކަންކުރި ރައީސުންނާ އެމްޑީޕީގެ ގިނައަދަދެއްގެ މަޖިލީސް މެމްބަރުން ކަމަށެވެ.
އަދި ޖަލުގެ ރަހުމަތްތެރިންގެ ގޮތުގައި އެންމެ ގިނަވާނީ ނޫސްވެރިން ކަމަށް ބުނެ، ފަލާހު ބުނީ މީހަކު މަރަން ބުނެފައެއް ނޯންނާނެ ކަމަށާއި އުލުބެއިންދުން ފަލާހުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށްވުރެ މަތީތާކަށް އެރުވުމަށް ކަމަށެވެ.
ފަލާހު މިހެން ބުނި ނަމަވެސް ދިވެހި ބަހުގެ ރަދީފުގައި އުލުބޭންދުން މާނަކޮށްފައިވަނީ، މާ އިހު ޒަމާނުގައި މީހުން މަރަން ހަދާގޮތެއް ކަމުގައި ބުނެވޭ ގޮތެއް ކަމަށެވެ.
"ވަރަށް ރަނގަޅުނިންމެވުމެށް. މިމައްސަލައިގައި އަޅުގަނޑު ޖަލުގައި އުޅޭނަމަ އެތާގެ ރަހުމަތްތެރިންނަށް ވާނީ އެމްޑީޕީގެ ވެރިކަންކުރި ރައީސުންނާ އެމްޑީޕީގެ ގިނައަދަދެއްގެ މަޖިލީސް މެންބަރުން އަދި އެންމެގިނަވާނީ ނޫސްވެރިން! ސަބަބަކީ މިއަށްވުރެގިނައިން އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވެ އެފަދަވާހަކަތަށް ދައްކާފައިވާބައެއް މި ގައުމުގަނޫޅޭނެ! އަދި އިސްލާމްދީން ނޫން ދީންތަށް މިގައުމަށް ގެނައުމަށް ވަކާލާތުކުރި ދެވަނަބައެއް ވެސް ނޫޅޭނެ!" ފަލާހުގެ އެކްސް ޕޯސްޓްގައި ވެއެވެ.
"އަޅުގަނޑު ނޯންނާނެ މީހަކުމަރަން ބުނެފައެއް. އުލުބޭންދުން އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާމީހުން ބިމަށްވުރެމަތީތާކަށް އެރުވުމަށް. ކުރިއަށްއޮތް މަދު ދުވަސްކޮޅުތެރޭ މަތީގައިވާ ރައްޓެހިންނާ ބައްދަލުވާނެކަމަށް އުންމީދުކުރަން!" ފަލާހުގެ އެކްސް ޕޯސްޓްގައި ވެއެވެ.
ފަލާހުގެ މި ޕޯސްޓާ ގުޅިގެން، ނޫސްވެރިކަމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރި ވެފައިވާ ތަޖުރިބާކާރު ނޫސްވެރިޔާ އަޙްމަދު ޒާހިރު (ހިރިގާ) ވިދާޅުވެފައި ވަނީ، ފަލާހު މިހެން ބުނެފައި އެވަނީ ނޫސްވެރިންނަށް މަލާމާތްކުރުމުގެ ގޮތުން ކަމަށާ، މިއީވެސް ނޫސްވެރިންގެ ކިބައިން މަޢާފަށް އެދެންޖެހޭނެ ކަމެއް ކަމަށެވެ.
ނޫސްވެރިން އުލުބައިންދަންވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ފަލާހް ގޮވާލި މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން އެމްޖޭއޭއިން ފުލުހުންގެ އިދާރާގައި އެދިފައި ވާއިރު، އެ މައްސަލައިގައި ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅައިދިނުމަށް ވެސް އެމްޖޭއޭ އިން ގޮވާލައިފައިވާ ކަން ފާހަގަކޮށްލެވެއެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކަށް މާފަށް އެދުމަށް ވެސް އެ ޖަމިއްޔާއިން އިލްތިމާސް ވެސް ކުރެއެވެ.
އެ ބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލާ ރައީސް އޮފީސް ކުރިމަތީ ހުންނަ މީޑިއާ ފެންޑާގައި ނޫސްވެރިންތަކެއް ދެ ދުވަހު އިހުތިޖާޖު ކުރިމުން ޕްރެޝަރު ބޮޑުވެގެން ރައީސް މުއިއްޒު ވަނީ އެމްޖޭއޭ އާ ބައްދަލުކުރައްވާފައެވެ.
ނަމަވެސް މި ބައްދަލުވުމުގައި، މަޖިލީހަށް މިހާރު ވައްދާފައިވާ ބިލު އިސްލާހުކުރުމަށް ވުރެ، އާ ބިލެއް ފަރުމާކުރުން ފަސޭހަ ވާނެ ކަމަށް ބުނެ ނޫސްވެރިން ބިލު ބޭރުކޮށްލަން ކުރާ ޑިމާންޑު ދެމެހެއްޓުމުން، ރައީސް ވިދާޅުވީ ބަންޑާރަ ނައިބު އަޙްމަދު އުޝާމުގެ ލަފާ ހޯއްދެވުމަށް ފަހު ބިލާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
އެއަށްފަހު ބަންޑާރަ ނައިބުގެ އޮފީހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވުމުން ނޫސްވެރިން ވަނީ އެ ބައްދަލުވުން ބޮއިކޮޓްކޮށް، ރައީސް އޮފީހުން ނުކުމެގެން ގޮސްފައެވެ.
ސަރުކާރާ ގުޅިގެން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލު ރައީސް މުއިއްޒުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ބަލައިގަނެފައި ވާއިރު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލުގެ މަސައްކަތްތައް ދެހަފްތާތެރޭ ނިންމުމަށް ވެސް މިހާރު ވަނީ ތާވަލުކޮށްފައެވެ.
އެ ބިލު ތަސްދީގު ނުކުރެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ގޮވާލައްވައިފައި ވާއިރު، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވެސް ވިދާޅުވެފައި ވަނީ، ދައުލަތް ހިންގުމުގެ ނިޒާމުގައި މުއިއްޒު ޖައްސަވާ ގޮށްތައް މޮހެލުމަށް އެތައް އަހަރު މަސައްކަތް ކުރަން ޖެހޭނެ ކަމަށާ، އެކަމުގެ ސަބަބުން ދިވެހިންގެ ކުރިއެރުމާއި ތަރައްގީ އެތައް އަހަރަކަށް މަޑު ޖެހޭނެ ކަމަށެވެ.