މިނިވަން މީޑިއާއަށް ހުރަސް އެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މިހާރު ކޮމިޓީ މަރުހަލާގައި އޮތް ބިލަށް މީޑިއާތަކުގެ ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި އިއްޔެ އެ ކޮމިޓީގައި ބިލާ ދެކޮޅަށް ހިޔާލުފާޅުކުރި ބައްދަލުވުމަށް ފަހު، މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޖޭއޭގެ އެގްޒެކެޓިވް ސެކްރެޓަރީ މުޙައްމަދު ޖުނައިދު ސަލީމް ވިދާޅުވީ، ބްރޯޑްކާސްޓިން ކޮމިޝަނާއި އެމްއެމްސީން ވެސް އެ ގާނޫނު މިވަގުތަށް އަވަސް އަރުވާލައިގެން ފާސްނުކުރަން އެދިފައިވާއިރު މިކަން އެހާ އަވަސްކޮށްލައިގެން ކުރަން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ނޫސްވެރިން ގަބޫލުނުކުރާކަމަށެވެ.
ކޮމެޓީ މަރުހަލާގައި ބިލް އިސްލާހުކުރަން އެކަށީގެންވާ މަސައްކަތެއް ކުރެވިދާނެ ކަމަށް ނޫސްވެރިންނަށް ގަބޫލުނުކުރެވޭ ކަމަށާ، މީގެ ކުރިން ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެކަން އެގޮތަށް ކުރެވިދާނެ ކަމުގެ އިތުބާރު ނެތް ކަމަށް ވެސް ވިދާޅުވި ޖުނައިދު ވިދާޅުވިއެވެ.
ބިލް އެކުލަވާލިއިރު ނޫސްވެރިންގެ އެއްވެސް މަޝްވަރާއެއް ހޯދާފައި ނުވި ނަމަވެސް، މީޑިއާ ރެގިއުލޭޓް ކުރުމާ ދެކޮޅުވެގެން މީޑިއާތަކުން ނޫޅޭ ކަމަށާ، މީޑިއާތަކުން ދެކޮޅީ އެކަން ކުރަން އުޅޭ ގޮތާ ކަމަށް ވެސް ޖުނައިދު ވިދާޅުވިއެވެ.
"މަދުވެގެން ހަތަރު މަސް ދުވަހުގެ މުއްދަތު ދިނުމަށް، އެމްޖޭއޭގެ ފަރާތުން މިހާރު ސިޓީއަކުން ކޮމިޓީގައި އެދިފައިވާނެ. މިހާރު މި އޮތް ރެގިއުލޭޓަރީ ނިޒާމުގެ ރިވިއުއެއް ހެދުމާ އެކީގައި މިހާރު ހުށަހަޅާފައި މި އޮތް ބިލްގެ އެނަލިސިސްއަކާ އެކީގައި މި އޮތް ބިލަށް ވެސް ރެކޮމެންޑޭޝަންތަކެއް ކޮމިޓީއަށް ގެނެސްދޭނަން. އަޅުގަނޑުމެންގެ އުންމީދަކީ ކޮމިޓީން އެ ފުރުސަތު ދޭނެކަމަށް،" ޖުނައިދު ވިދާޅުވި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނާއި އެމްއެމްސީން ވެސް އެ ގާނޫނު މިވަގުތަށް އަވަސް އަރުވާލައިގެން ފާސްނުކުރުމަށް އެދިފައިވާއިރު، އެކަން އެހާ އަވަސްކޮށްލައިގެން ކުރަން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް މެޖޯރިޓީ ނޫސްވެރިން ގަބޫލު ނުކުރާއިރު، މަޖިލީހުގައި ނޫސްވެރިންނާއެކު އިއްޔެ ކުރިއަށްދިޔަ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ނޫސްވެރިން ވެސް އެ ބިލުގައި ހުރި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށް، އެ ބިލަށް ތާއީދުކޮށްފައެއް ނުވެއެވެ.
އެގޮތުން، ނޫސްވެރިކަމުގައި 30 އަހަރަށްވުރެ ދިގުމުއްދަތެއްގައި ހަރަކާތްތެރިވި ރާއްޖޭގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ އަޙުމަޒު ޒާހިރު (ހިރިގާ ޒާހިރު) ވިދާޅުވީ، މުޅި ބިލު ފަރުމާ ކޮށްފައި އޮތީ އިސްލާހު ކުރެވޭ ވަރަށް ވުރެ ގޯސްކޮށް ކަމަށާ، އެ ބިލުގައި ނޫސްވެރިންގެ ރައްކާތެރިކަމަށް އެއްވެސް މާއްދާއެއް ވެސް ހިމަނާފައިނުވާ ކަމަށެވެ.
އަދި ވަކި ފަރާތަކަށް ނުޖެހި ހިޔާލުފާޅު ކުރަންޖެހޭނެ ކަމަށް ބިލުގައި ލިޔެފައި އޮތުމާއި، ބްރޯޑްކކޮމް އާއި، އޮންލައިން އަދި ޕްރިންޓް މީޑިއާތައް އެއް ކޮމިޝަނަކުން ރެގިއުލޭޓު ކުރުމަކީ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ހިރިގާ ވިދާޅުވިއެވެ.
"މި ބިލަކީ މަޖިލީހަށް ބަލައިގަނެގެން އިސްލާހު ކުރެވޭ ވަރަށްވުރެ ގޯސް ހާލަތުގައި އޮތް ބިލެކޭ އަޅުގަނޑު ދަންނަވާނީ، އެހެންވީމާ މި ބިލު ހަމަ ފުރަތަމަ ކަމަކަށް ބޭރުކޮށްލަދެއްވާށޭ، ރާއްޖޭގެ މިނިވަންކަން ހޯދުމަކަށް ނޫނޭ ރާއްޖޭގައި އެންމެ ބޮޑު ހަނގުރާމައެއް ކުރީ، ރާއްޖޭގައި އެންމެ ބޮޑު ހަނގުރާމައެއް ކުރީ ކޮމާކޯޅިއެއްގައި ދަންނަވާ ކަމަށްވަންޏާ މިނިވަން ނޫސްވެރިކަން ހޯދުމަށޭ އަދި އެންމެ ގިނަ ބަޔަކު ޖަލު ތެރޭގަ އާއި ކުޑަގޮޅި ތެރޭގައި އަނިޔާ ލިބި މަރުވެ އެތައް ކަމެއް ހިނގައި ގޮސްފައި ވަނީ ވެސް މި މިނިވަންކަން ހޯދާށޭ،" ހިރިގާ ވިދާޅުވި އެވެ.
އެހެންކަމުން 2008 ގައި އަޅުގަނޑުމެން ބަލައިގެންފައި މި އޮތް ފެހި ގާނޫނުއަސާސީގެ ތެރެއިން ހުޅުވުނު (ނޫސްވެރިކަމުގެ މިނިވަންކަމުގެ) ދޮރު ބަންދު ކުރައްވަން އުޅޭ އުޅުމަކީ ވަރަށް ހަނި ވިސްނުމެއްކަމަށް ދެކޭކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.
ނޫސްވެރިކަމުގައި 20 އަށްވުރެ ގިނަ ދުވަހު ހަރަކާތްތެރި ވެފައިވާ ނޫސްވެރިއެއް ކަމަށްވާ ޢަލީ ސުލައިމާން ވެސް، އެ ބިލަކީ އިސްލާހު ކުރެވޭ ވަރަށްވުރެ ގޯސްކޮށް އޮތް ބިލެއް ކަން ފާހަގަކުރައްވާ ވިދާޅުވީ، އެ ބިލަކީ އުފެދުމުގައި ވެސް ބާތިލު ބިލެއް ކަމަށާ، ސަބަބަކީ އެ ބިލު ޑްރާފްޓު ކުރީ ވެސް އެއްވެސް ނޫހެއްގެ ނުވަތަ ނޫސްވެރިއެއްގެ މަޝްވަރާއެއް ނުހޯދާ ކަމަށް ވާތީ ކަމަށެވެ.
"މި ބިލަކީ އިސްލާހު ކޮށްގެން ވެސް ރަނގަޅު ކުރެވޭ ވަރަށްވުރެ މާ ފޭރާން ދެރަ ބިލެކޭ، އެންމެ އަސާސީ ކަމަކީ އެ ދާއިރާއަކުން އެއްޗެއް ލިޔާ ކަމަށްވެއްޖެއްޔާ އެ ދާއިރާއެއްގެ ޓެކްނިކަލް މީހުންނާއި އެ ދާއިރާއެއްގައި އުޅޭ މީހުންނާއި މަޝްވަރާ ކޮށްގެން ލިޔުން،" ޢަލީ ސުލައިމާން ވިދާޅުވި އެވެ.
ސުލައިމާނުގެ އިތުރުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި އެހެނިހެން ނޫސްވެރިން ވެސް ވަނީ އެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް އެ ބިލު ބޭރުކުރުން ނޫންގޮތެއް ނެތް ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.
ސަރުކާރާ ގުޅިގެން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލު/، ރައީސް މުއިއްޒުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ބަލައިގަނެފައި ވާއިރު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލުގެ މަސައްކަތްތައް ދެހަފްތާތެރޭ ނިންމުމަށް ވަނީ ތާވަލުކޮށްފައި ކަން ފާހަގަކޮށްލެވެއެވެ.
އެ ބިލު ތަސްދީގު ނުކުރެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ގެ އިތުރުން ވެސް އިތުރު ސިޔާސީ ލީޑަރުންނާއި ބައިނަލްއަގުވާމީ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ވަނީ ގޮވާލާފައެވެ.