ސަރުކާރު ރުހޭ ގޮތަށް ޚަބަރާއި މައުލޫމާތު ފަތުރާ ގިނަ ނޫސްތަކަކަށް އެސްއޯއީތައް މެދުވެރިކޮށް ސްޕޮންސާ ދެއެވެ. އެހެންނަމަވެސް މިހާރު މަޖިލިސްގައި އޮތް މީޑިއާ ބިލާ ދެކޮޅުކަން ހާމަކުރި ބައެއް ނޫސްތަކާއި ދައުލަތުގެ ކުންފުނިތަކާ ދެމެދު ވެފައިވާ އެއްބަސްވުންތައް ބާތިލުކުރަން ނޯޓިސް ފޮނުވަމުންދާ ކަމަށާއި ބައެއް ނޫސްތަކަށް ސްޕޮންސާ ދިނުން ހުއްޓާލާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ބިލާ ގުޅޭގޮތުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައިވެސް ބައެއް ނޫސްވެރިން ވަނީ އެކަން ފާހަގަކުރައްވާފައެވެ.
އެ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދު ވިދާޅުވީ އެސްއޯއީތަކުގެ ސްޕޮންސާއަކީ ސަރުކާރުން ނޫސްތަކަށް ނުފޫޒު ފޯރުވަން ގެންގުޅޭ ހަތިޔާރަކަށް ހަދާފައިވާ ކަމަށެވެ.
"މިކަމާ ގުޅިގެން ވެސް. މި ބިލާ ގުޅިގެން، ބިލަށް ދެކޮޅު ހެދި ނޫސްތަކަށް އެބަހުރި އެ ފިޔަވަޅު އާޅާފަ." ޖުނައިދު ވިދާޅުވި އެވެ.
ބައެއް ނޫސްތަކަށް ބައެއް އެސްއޯއީ ތަކުން ދެމުން ދިޔަ ސްޕޮންސާ މީޑިއާ ބިލަށް އެ ނޫސްތަކުން ނުވަތަ އެ ނޫސްތަކުގެ ނޫސްވެރިން ތާއީދުކުރުމުން މިހާރު ވަނީ ކަނޑާލާފައެވެ. އަދި ބައެއް ނޫސްތަކަށް މިހާރު ވަނީ ސްޕޮންސާ ހުއްޓާލާނެ ކަމުގެ ނޯޓިސް ދީފައެވެ.
އެސްއޯއީ ތަކުން ސްޕޮންސާ ދެނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން އަންގާގޮތެއްގެ މަތިން އަންގާ މިންވަރަކަށެވެ. މިއީ މީޑިއާ ކޮންޓްރޯލްކުރުމަށް ރާވައިގެން އަމަލުކުރަމުންދާ އުސޫލެކެވެ.
މިހާރު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް މީޑިއާ ބިލު އޮތީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ ހައްގު ވެސް ގެއްލޭ ގޮތަށް ކަމަށާއި ނޫސްވެރިކަމުގެ އަސާސްތައް ވެސް ގެއްލޭ ގޮތަށް ކަމަށް ހުރިހާ ނޫސްވެރިންހެން ދަނީ ބުނަމުންނެވެ. އެހެންކަމާއެކު ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާ އިދާރާތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް ގޮވާލާފައިވަނީ ބިލު ބޭރުކޮށްލުމަށެވެ.