ޝެއިޚް އިމްރާން މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު މީޑިޔާ ތައް އެއްކޮށް ބަންދުކޮށް ރައްޔިތުން ނިކަމެތިކޮށް އަމިއްލަ މަސްލަހަތާ ފައިދާ އަށް މުޅި ގައުމު ގުރުބާން ކޮށްފިކަމަށެވެ.
"ހިރިނުލެވޭވަރަށް މީޑިޔާތަކުގައި ތަޅުއެޅުވުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ އަސްލު މަގުސަދަކީ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލަށް ހުށައަޅުއްވައިގެން އުޅުއްވާ އިސްލާޙުގެ ނިވަލުގައި ރިޔާސީ ދައުރު ދަންމާލުމަށް ހިންގަވާ ނާތަހުޒީބު ޢަމަލުގެ ވާހަކަ މީޑިޔާ ތަކުން ދެއްކުމުގެ ފުރުސަތު އެއްކޮށް ބަންދުކޮށް ރައްޔިތުން ނިކަމެތިކޮށް އަމިއްލަ މަސްލަހަތާ ފައިދާ އަށް މުޅި ގައުމު ޤުރުބާން ކޮށްލުމެވެ." ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން، އަދާލަތު ޕާޓީއަށް 20 އަހަރު ފުރުނު ދުވަހު، (މި މަހުގެ 18 ވަނަ ދުވަހު) ކުރެއްވި އެކްސް ޕޯސްޓެއްގައި، ވެރިކަމުގެ ސިޔާސަތު ތަޣައްޔަރުވެ، ސިޔާސީ ޖައްވު ކިލަނބުވެ ފަސާދަވެ ގިނަ ރައްޔިތުންގެ ހައްގާއި މަސްލަހަތު ގެއްލޭ ކޮންމެ ހިނދަކު ރައްޔިތުންގެ ދިފާއުގައި ތެދުވެ، ސާބިތުކަމާ އެކު އިސްސަފުގައި އަދާލަތު ޕާޓީ މަސައްކަތްކޮށްފައިވާނެ ކަމަށާ، ވޭތުވެ ދިޔަ ތަނުގައި ކަންކުރި ފަދައިން، މިއަދުވެސް އަދާލަތު ދެމިއޮންނާނީ އަދުލު އިންސާފުގެ މަތީގައި ސާބިތުވެ، ހައްގައް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށް ޝެއިޚް އިމްރާން ވިދާޅުވިއެވެ.
އަދި ދައުލަތް ހިންގުމުގެ ނިޒާމުގައި މުއިއްޒު ޖައްސަވާ ގޮށްތައް މޮހެލުމަށް އެތައް އަހަރު މަސައްކަތް ކުރަން ޖެހޭނެ ކަމަށާ، އެކަމުގެ ސަބަބުން ދިވެހިންގެ ކުރިއެރުމާއި ތަރައްގީ އެތައް އަހަރަކަށް މަޑު ޖެހޭނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ޝެއިޚް އިމްރާން ވިދާޅުވެފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.
މީޑިއާ ނެތިކޮށްލުމަށް މި ސަރުކާރުން ފަރުމާކޮށްފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފައި ވަނިކޮށް ޝެއިޚް އިމްރާން ވިދާޅުވީ، ދައުލަތުގެ ހިންގުމުގެ ނިޒާމު ގަޑުބަޑު ކުރުމަކީ ރައީސް މުއިއްޒު ހައްދަވާ ބޮޑު ގޯހެއް ކަމަށާއި އެކަމުގެ ސަބަބުން ދިވެހިންގެ ކުރިއެރުމާއި ތަރައްގީ އެތައް އަހަރަކަށް މަޑުޖެހޭނެ ކަމަށެވެ.
"ދައުލަތް ހިންގުމުގެ ނިޒާމުގައި މުއިއްޒު ޖައްސަވާ ގޮށްތައް މޮހެލުމަށް އެތައް އަހަރު މަސައްކަތް ކުރަން ޖެހޭނެ. އެކަމުގެ ސަބަބުން ދިވެހިންގެ ކުރިއެރުމާއި ތަރައްގީ އެތައް އަހަރަކަށް މަޑު ޖެހޭނެ،" ޝެއިޚް އިމްރާން ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.
ދައުލަތުގެ ހަތަރު ވަނަ ބާރުކަމުގައި މީޑިއާ ކޮންޓްރޯލުކޮށް ރައީސް މުއިއްޒުގެ މުށުތެރެއަށް ލެއްވުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފަހުން ދައުލަތުގެ އަނެއް ދެ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ ވެސް އެ މަނިކުފާނުގެ މުށުތެރެއަށް ވަނީ ލައްވަވާފައެވެ.
މީޑިއާ ނެތިކޮށްލުމުގެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް، ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އިއްޔެގެ ޖަލްސާގައި ބަހުސްކުރައްވާފައި ވާއިރު، ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔައެވެ. އަދި މަޖިލީހުގެ ޖަލްސާ އިއްޔެ ކުރިއަށްދިޔަ ވަގުތު، މަޖިލިސްކުރާ ގޭ ދޮށުގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި، އާންމުންގެ އިތުރުން ސިޔާސީ ގިނަ ފާރަތްތަކެއް ވެސް ވަނީ މުޒާހަރާ ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލު ކުރަން އާންމުންގެ ވޯޓަކަށް ދެވޭ ގޮތަށް އޮތް 'ރެފެރަންޑަމް ބިލު' ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުން އިއްޔެ ބާއްވާފައި ވާއިރު އެ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކުރާ މި ބިލަކީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅި ބިލެކެވެ. ނަމަވެސް އެ ކޮމެޓީގެ މަސައްކަތް ކުރިއަށްދާ ގޮތް ސިއްރު ކުރި ސަބަބު ހާމަނުކުރި ނަމަވެސް އެ ކޮމިޓީގައި އިއްޔެ އޮތީ ބިލް ދިރާސާ ކުރުމުގެ މަސައްކަތެވެ.
ރެފެރަންޑަމް ބިލުގައި ވާގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގަ އާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ އެވެ.
އާންމުންގެ ވޯޓަކަށް ދެވޭ މިނޫންވެސް ކަންކަމުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު އަދި، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި، މަޖިލީހުން ފާސް ކުރާ ބިލު ތަސްދީގު ކުރާ ގޮތާއި، ދިވެހިރާއްޖޭގެ ސަރަހައްދު ބަދަލު ކުރުން ވެސް ހިމެނެ އެވެ.
ފަލާހު ހުށަހެޅުއްވި ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމުންގެ ވޯޓަކަށް ދިޔުމަށް މަޖިލީހަށް ނިންމިދާނެ އެވެ. އަދި ގައުމީ މުހިންމު މައްސަލައެއްގައި ރައްޔިތުން ދެކޭ ގޮތް ހޯދުމަށް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެ އެވެ. ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލު ކުރުމާ ގުޅޭ އާންމު ވޯޓު ނެގުމަށް ނިންމޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.