މިއަދު އެ ނުކުންނެވީ ނޫސްވެރިކަން މަރާލަން
ރައީސް މުއިއްޒުއަށް އިލްތިމާސްކޮށް ދަންނަވަނީ ބިލު އަނބުރާ ގެންދަވާށޭ - ރައީސް އިބޫ
ޖުނާން އަޙުމަދު 1 ސެޕްޓެމްބަރ 2025 (ހޯމަ)   23:20
މިއަދު އަޅުގަނޑުމެން ކުރިމަތީގައި އޮތް އެންމެ ބިރުވެރި އެއްކަމަކީ ނޫސްވެރިކަމާއި އިދިކޮޅަށް ނޫސްވެރިކަން ނައްތާލުމަށްޓަކައި ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލު ކަމަށާ، އެ ބިލުގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މުޅި ނޫސްވެރިކަން ގެނެސް، ވަކިވަކި ނޫސްވެރިންނަށް ބޭނުން ވަގުތެއްގައި ފިޔަވަޅު އެޅުމުގެ ބިރުވެރި ފުރުސަތު ހޯދުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގައި އޮތް އެންމެ މިނިވަން ބާރު ކަމަށާ، އަމިއްލަ ފަރުދުންނަކީ ވަކި ބައެއްގެ ނުފޫޒެއް ނެތި އަމިއްލައަށް ނުކުމެ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވާ ބައެއް ކަމަށް ވިދާޅުވެ، މިއަދު ރައީސް މުއިއްޒު އެ އުޅުއްވަނީ، ޖުމްލަކޮށް ހުރިހާ ނޫސް މީޑިއާތަކަށް، ފިޔަވަޅު އެޅުމުގެ ބާރު ސީދާ އެމަނިކުފާނުގެ އަތްޕުޅަށް ނެންގެވުމަށް ކަމަށެވެ.

"މިއަދު (ރައީސް މުއިއްޒު) އެ ނުކުންނެވީ ނޫސްވެރިކަން މަރާލަން. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން، މަރާލަންވީ ގޮތްވެސް އެބަ ސާފުކޮށް ހާމަކުރޭ. މިއަދު އެމްޑީޕީން ނުކުންނަންވީ އެކަން ހުއްޓުވަން. އަޅުގަނޑު ރައީސް މުއިއްޒުއަށް އިލްތިމާސްކޮށް ދަންނަވަނީ ބިލު އަނބުރާ ގެންދަވާށޭ. އެއީ އިސްލާހު ކުރެވޭނެ ބިލެއް ނޫން. އޭގައި އިސްލާހުކޮށްގެން ބޭނުން ހިފޭނެ އެންމެ ތަންކޮޅެއްވެސް ނެތް." ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ސަރުކާރަށް މިހާރު 1 އަހަރާއި 10 މަސްވީއިރު ރާއްޖޭގައި ކަންބޮޑުނުވާ ހަމަ އެކަކުވެސް އަދި ދާއިރާއެއްވެސް ނެތް ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީން މިރޭގެ ޖަލްސާ އަށް އެ ޕާޓީގެ މަނަދޫ ދާއިރާގެ ރައީސް މުޙައްމަދު ތޯރިގު، ހުށަހެޅުއްވި ގަރާރަށް އެމަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.

މާލޭގައި މުޒާހަރާތައް ފެށުމަށް ގޮވާލާ ތޯރިގު ހުށަހެޅުއްވި ގަރާރަކީ ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބު ވަންދެން މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެދި ހުށަހަޅުއްވާފައިވާ ގަރާރެކެވެ.

އެ ގަރާރުގައި ޖުމްލަގޮތެއްގައި ބުނެފައިވަނީ މި ސަރުކާރުން ކުރަމުންދާ ވައްކަންތަކާ، ކޮރަޕްޝަނާއި ފަސާދަ އާއި، އަދުލު އިންސާފަށް އަތް ބޭނުމާއި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރަސްއެޅުމާ، ރައްޔިތުންގެ އާންމު ހާލަތު ދަށްވުމާއި، އަދި މި ކަންކަމުގެ މައުލޫމާތު ފެތުރުމަށް އޮތް މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވަންޖެހޭ ކަމަށެވެ.

އެކަމަށް އަލިއަޅުއްވާ ލައްވާ ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ އިން ފާސްކުރި ގާރާރުގައި އޮތް ގޮތަށް ފަށާ މުޒާހަރާ، ރައްޔިތުން އެދޭ އެދުންތަކާއި، ނޫސްވެރިން އެދޭ އެދުންތަކާއި، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުން އެދޭ އެދުންތަކާއި، މަސްވެރިން އެދޭ އެދުންތައް ފުރިހަމަވަންދެން މެދުނުކެނޑި ކުރިއަށް ގެންދަންވާނެ ކަމަށެވެ.

ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އަޑު އުފުލާ ބަސްބުނެ އިސްވެ ނުކުންނަ ޕާޓީއަކީ އެމްޑީޕީ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ، އެހެންކަމުން މިފަދަ ދަނޑިވަޅުތަކުގައި އެމްޑީޕީގެ ފަރާތުން ރައްޔިތުން އުންމީދުކުރާ ކަންތައްތަކެއް ވެސް އޮންނަ ކަމަށެވެ.

އެހެންކަމުން މިއަދު މިވަނީ އެ ހާލަތަށް ގައުމު ގޮސްފައި ކަމަށާ، މި ސަރުކާރަށް އެއް އަހަރާއި 10 މަސްވީ އިރު ރާއްޖޭގައި ކަންބޮޑުނުވާ އެކަކުވެސް އަދި ދާއިރާއެއްވެސް ނެތް ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ، އާއިލާއެއްގައި ދެމީހަކު ރެއާއި ދުވާލު ބުރަކޮށް މަސައްކަތްކޮށްގެން ގޭތެރޭގެ ހަރަދުތަކެއް ނުބެލެހެއްޓި މިއަދު ދަރާ ވިކެންފަށައިފި ކަމަށެވެ.

"މިއަށް ސަރުކާރުން ޖަވާބުދާރީއެއް ނުވޭ. ހަމަގައިމު ދުނިޔޭގައި ތަކެތީގެ އަގުތައް މައްޗަކަށް ނުދޭ. ތެލުގެ އަގު މައްޗަކަށް ނުދޭ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީން މިރޭ ފާސްކުރި ގަރާރުގައި ރައްޔިތުން އުޅެމުންދާ ހާލަތާއި، މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އުޅޭ ފަރާތްތަކާއި، ނޫސްވެރިން ހިމެނޭހެން ހުރިހާ ދާއިރާއެއް މިހާރު އޮތް ހާލަތު ވަރަށް ސާފުކޮށް އެނގޭ ކަމަށާ، ޖުމްލަކޮށް ވަރަށް ސާފުކޮށް ގައުމުގެ ހާލަތު އެގަރާރުގައި ބަޔާންކޮށްދީފައިވާ ކަމަށެވެ.

ކޮމެންޓް