ޑެމްބެލޭ އެވޯޑާއެކު.-- ފޮޓޯ: ގެޓީއިމޭޖަސް
ޔަމާލްއާ ވާދަކޮށް ޑެމްބެލޭ ބެލޮންޑިއޯ ކާމިޔާބުކޮށްފި
ފިޔެސް 23 ސެޕްޓެމްބަރ 2025 (އަންގާރަ)   08:35
ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ބެލޮންޑިއޯ، ޕީއެސްޖީގެ ފްރާންސް ފޯވާޑް އޮސްމާނޭ ޑެމްބެލޭ ހާސިލްކޮށްފި އެވެ.

ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ މަޖައްލާ "ފްރާންސް ފުޓްބޯލް" އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ މި އެވޯޑް ޑެމްބެލޭ ކާމިޔާބުކުރީ ޕެރިހުގައި ރޭ އޮތް ހަފުލާގައި، ބާސެލޯނާގެ ސްޕެއިން ފޯވާޑް ލަމީން ޔަމާލްއާ ވާދަކޮށްގެންނެވެ.

އުމުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ބެލޮންޑިއޯ އެވޯޑްގައި ދޭ ކޮޕަ ޓްރޮފީ ދެ ވަނަ ފަހަރަށް ހޯދި 18 އަހަރުގެ ޔަމާލް، ބެލޮންޑިއޯ އެވޯޑްގެ ދެ ވަނަ އަށް ދިޔައިރު، ތިން ވަނަ އަކީ ޕީއެސްޖީގެ ވިޓީނިއާ އެވެ. އަދި، ހަތަރެއްގައި، ލިވަޕޫލްގެ މުހައްމަދު ސަލާހު އޮތްއިރު، ފަސް ވަނަ އަކީ، ބާސެލޯނާގެ ރަފީނިއާ އެވެ.

ބެލޮންޑިއޯ އެވޯޑް ހޯދި، ޑެމްބެލޭ، 28، އަކީ މިދިޔަ ސީޒަނުގައި ޕީއެސްޖީގެ ކާމިޔާބީގައި މުހިންމު ކުޅުންތެރިއެކެވެ. ޕީއެސްޖީން ފްރާންސްގެ ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދި ސީޒަނުގައި ޑެމްބެލޭ ވަނީ، 53 މެޗުން 35 ގޯލު ޖަހައި، 14 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. ފްރެންޗް ލީގުގައި އެކަނި 21 ލަނޑު ޖެހި އެވެ.

"އަހަރެން މިހިރީ ބަސްހުއްޓިފައި،" އުމުރުން 28 އަހަރުގެ ޑެމްބެލޭ ބުންޏެވެ. "މިއީ އިންޑިވިޖުއަލް އެވޯޑެއް އެކަމަކު ޓީމުގެ މަސައްކަތުން އަހަންނަށް އެވޯޑް ލިބުނީ."

މި އެވޯޑް 2005 ގައި ކާމިޔާބުކުރި ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯގެ އަތުން އެވޯޑް ހާސިލްކުރި ޑެމްބެލޭ ބުނީ ބެލޮންޑިއޯ އެއްވެސް އިރެއްގައި ޓާގެޓެއް ނޫން ކަމަށާއި، މަސައްކަތްކުރީ ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ހޯދައިދޭން ކަމަށެވެ.

ބާސެލޯނާގައި ހޭދަކުރި ދުވަސްވަރު ސިލްސިލާކޮށް އަނިޔާގެ މައްސަލަ ދިމާވެ ކެރިއަރު އިތުރަށް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު ވެސް ހީވި ޑެމްބެލޭ އޭނާގެ ކުރީގެ ފޯމަށް އެޅުނީ ޕީއެސްޖީ އަށް 2023 ގައި ބަދަލުވި ހިސާބުންނެވެ.

އެންމެ މޮޅު ކޯޗަކަށް ޕީއެސްޖީގެ ލުއިސް އެންރީކޭ ހޮވުނުއިރު، އެންމެ މޮޅު ކީޕަރަށް ދޭ ޔަޝިން ޓްރޮފީ ހޯދީ ޕީއެސްޖީ ދޫކޮށް މެންޗެސްޓާ ސިޓީ އަށް ބަދަލުވި، ޖިއަންލުއީޖީ ޑޮނަރުންމާ އެވެ. މިއީ، ޑޮނަރުންމާ މި މަގާމު ހޯދި ދެ ވަނަ ފަހަރެެވެ.

އަދި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ގާޑް މުލާ ޓްރޮފީ ހޯދީ، ސްޕޯޓިން ލިޒްބަން ދޫކޮށް، އާސެނަލާ ގުޅުނު ވިކްޓަ ޔޯކެރޭޝް އެވެ.

ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން، 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ.

ކޮމެންޓް