ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.-- ފޮޓޯ: މަޖިލިސް
މަޖިލިސް މެންބަރުންގެ މާލީ ބަޔާން އާންމު ކުރަން ފަށައިފި
ޖުނާން އަޙުމަދު 3 ސެޕްޓެމްބަރ 2025 (ބުދަ)   10:56
ރައްޔިތުންގެ މަޖިލީހަށް އެ މަޖިލީހުގެ މެންބަރުން ހުށަހަޅަންޖެހޭ، މެންބަރުންގެ މާލީ ބަޔާންތައް މިއަދު އާންމު ކުރަން ފަށައިފި ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

މަޖިލީހުގެ މެންބަރުންގެ ތެރެއިން މާލީ ބަޔާން ހުށަހެޅި މެންބަރުންނާއި ހުށަނާޅާ މެންބަރުން ތަފްސީލުކޮށް އެ އިދާރާއިން އަދި ހާމަ ނުކުރި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިބޭއިރު މަޖިލީހުގެ ރަސްމީ ވެބްސައިޓުން މިހާރު ގިނަ މެންބަރުންގެ މާލީ ބަޔާންތައް ފެންނަން އެބަހުއްޓެވެ.

ނަމަވެސް 12 މެންބަރެއްގެ މާލީ ބަޔާން ފެންނާކަށް ނެތެވެ.

އެ މެންބަރުން ތިރީގައި އެވަނީއެވެ:

  • ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު
  • ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް
  • ނައިފަރު ދާއިރާގެ މެންބަރު ޔާސީން ޢަބްދުﷲ
  • ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު
  • ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު
  • ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް
  • ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
  • ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު
  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް
  • މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް
  • މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު
  • ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު

އެގޮތުން، މަޖިލީހުގެ ވެބްސައިޓަށް މިވަގުތު އަޕްލޯޑުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، އެ ބަޔާންތަކުގައި ހިމަނާފައި ވަނީ އަހަރެއްގެ ތެރޭގައި ލިބުނު އާމުދަނީ އާއި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި އަމިއްލަ ނަމުގައި ހުރި ދަރަންޏާއި ލޯނުތަކާއި އަމިއްލަ ނަމުގައި ހުރި މުދަލެވެ.

އެހެންކަމުން، އާދަޔާ ހިލާފު މުއްސަނދިކަމެއް ލިބިފައިވާ އެއްވެސް މެންބަރެއް، މިހާތަނަށް އަޕްލޯޑުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު ފާހަގައެއް ނުވެއެވެ. އެއާ ހިލާފަށް، ގިނަ އަދަދެއްގެ މެންބަރުންގެ ބޭންކު އެކައުންޓުގައި ހުރީ ނިސްބަތުން މަދު ފައިސާއެއްކަން އެނގެން ހުރިއިރު، ގިނަ މެންބަރުން ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވާކަން ވެސް ފާހަގަ ކުރެވެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ބައެއް މެންބަރުންގެ މާލީ ބަޔާންތަކަށް ބާލައިލާ އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް މި އަހަރުގެ ތެރޭގައި ހަދިޔާގެ ގޮތުގައި ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަން އެބޭފުޅާގެ މާލީ ބަޔާނުން ހާމަވެއެވެ. އެގޮތުން، ދަތުރުފަތުރު ކުރުމަށާއި ކްރެޑިޓު ކާޑުގެ ފައިސާ ދެއްކުމަށް އެކި ފަރާތްތަކުން އޭނާއަށް 958،982ރ. މި އަހަރު ލިބުނު ކަމަށް މާލީ ބަޔާނުގައި ވެއެވެ.

ޢަބްދުއްރަހީމަށް މުސާރައިގެ ގޮތުގައި ލިބުނީ 658،894ރ. ކަމަށް ވާއިރު، ހެޔޮ އެދޭ އެކި ފަރާތްތަކުން އޭނާއަށް ލިބުނު ފައިސާގެ އަދަދު މުސާރައަށް ވުރެ ބޮޑުކަން ފާހަގަވާއިރު، އޭނާގެ ބޭންކު އެކައުންޓުގައި، ޖުލައި 2، 2025، އާ ހަމައަށް ހުރީ އެންމެ 101،698ރ. އެވެ.

އަދި އަމިއްލައަށް އެއްކުރި ފައިސާ އާއި ހެޔޮ އެދޭ ފަރާތްތަކުން ދިން އެހީތެރިކަމާއެކު، 2017 ވަނަ އަހަރު ރެހެންދި ފްލެޓު އޭނާ ބައްލަވައިގަތީ 4.5 މިލިއަން ރުފިޔާއަށް ކަމަށާ، އޭނާގެ އަތުގައި 3.5 މިލިއަން ރުފިޔާގެ ކަނޑު އުޅަނދަކާއި، 67،000ރ. ގެ ސައިކަލެއް ވެސް އޭނާގެ ނަމުގައި އޮތްކަން ޢަބްދުއްރަހީމުގެ މާލީ ބަޔާނުގައި ވެއެވެ.

ޢަބްދުއްރަހީމްގެ އިތުރުން، މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ ނަމުގައި ދެ ބިމާއި ފްލެޓަކާއި ހިލޭ ލިބުނު ކަމަށް ބުނާ ރޯހައުސްއެއް އޮތްކަން އޭނާގެ މާލީ ބަޔާނުން ހާމަވެއެވެ.

އެ ބަޔާނުގައިވާ ގޮތުން އޭނާގެ ނަމުގައި ބިމާއި ފްލެޓާއި ރޯހައުސް ރަޖިސްޓްރީ ކުރީ 2015 ވަނަ އަހަރާއި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރާއި 2024 ވަނަ އަހަރެވެ. އެގޮތުން 2015 ވަނަ އަހަރު ޝުޖާއުގެ ނަމުގައި ރަޖިސްޓްރީ ކުރީ ހުޅުމާލެއިން ރޯހައުސްއެއް ކަމަށާ، ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާގެ އަގުހުރި އެ ރޯހައުސްއަކީ އޭނާ ވަޒީފާ އަދާ ކުރާ ކުންފުނިން ދިން ހަދިޔާއެއް ކަމަށް މާލީ ބަޔާނުގައި ވެއެވެ.

އަދި 2022 ވަނަ އަހަރު 300،000 ރުފިޔާއަށް ބާރަށުން ގަތް ބިމެއް ގަނެފައިވަނީ ލޯނުގެ ގޮތުގައި ހޯދި ފައިސާއިން ކަމަށާ، ހުޅުމާލެއިން ލަގްޒަރީ ފްލެޓެއް ސުޖާއުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އެބަ އޮތްކަމަށް ވެސް ޝުޖާއުގެ ބަޔާނުގައި ވެއެވެ.

ހުޅުމާލޭ ރެއިންޕާލް ރެޒިޑެންސުން އެ ފްލެޓު 2023 ވަނަ އަހަރު ގަތީ 7.2 މިލިއަން ރުފިޔާއަށް ކަމަށް ވާއިރު، އެ ފްލެޓު ވެސް ގަތީ ލޯނުގެ ގޮތުގައި ލިބުނު ފައިސާއިން ކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މިދިޔަ އަހަރު، 9.4 މިލިއަން ރުފިޔާއަށް، ހުޅުމާލެއިން ބިމެއް ގަނެ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައި ވަނީ ވެސް ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިން ކަމަށް އޭނާގެ މާލީ ބަޔާނުގައި ވާއިރު، އޭނާއަށް ދެ މިލިއަން ރުފިޔާ ވެސް މިއަހަރުތެރޭ ލިބިފައި ވެއެވެ. އެއީ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބުނު 1.8 މިލިއަން ރުފިޔާ އާއި ގެދޮރު ކުއްޔަށް ދީގެން ލިބުނު 210،000 ރުފިޔާ ކަމަށް ވެއެވެ.

މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމުގެ ގަވާއިދަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް، އެއް އަހަރު ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސާ ނިންމާފައި ވަނީ، ބަޔާން ދޭންޖެހޭނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ކޮމެންޓް