މިދިޔަ މަހު ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރަން ފެށި އީސީޕީއައި (އެސެންޝަލް ކޮމޯޑިޓީ ޕްރައިސް އިންޑެކްސް) ގެ ދެވަނަ އަދަދުގައިވާ ގޮތުގައި އަހަރުންއަހަރަށް މި އިންޑެކްސްގައި ބަލާ އަސާސީ ބާވަތްތަކުގެ އިންފްލޭޝަން ވަނީ 1.9 އިންސައްތަ މަތީގައެވެ. މަހުންމަހަށް އަޅާބަލާއިރު އަގުތައް 1.1 އިންސައްތަ އިތުރުވެފައި ވެއެވެ.
އެގޮތުން ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މޭވާ އާއި ތެލާއި ފެޓްގެ ބާވަތްތަކަކީ އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތައް ކަމަށް އައިސީޕީގައި ފާހަގަކޮށްފައި ވާއިރު، މޭވާގެ އަގު 10.20 އިންސައްތަ އުފުލި، ތެލާއި ފެޓްގެ ބާވަތްތަކުން 5.38 އިންސައްތަ އުފުލިފައިވާ ކަމަށް އެ ސާވޭއިން ވަނީ ދައްކާފައެވެ. ޒަރޫރީ ތަކެތީގެ ތެރެއިން އަގަށް ބަދަލެއް އައިސްފައިނުވަނީ ގޭހާއި ތެލަށެވެ.
ބުއިމުގެ ބާވަތްތަކަށް ބަލާއިރު ވޭތުވި އަހަރުގެ މުއްދަތުގެ ތެރޭގައި އެންމެ ބޮޑަށް އަގު އުފުލުނީ ކޮފީ އާއި ކޮފީ ވައްތަރު ބުއިންތައް ކަމަށްވާއިރު އެތަކެތިން 8.22 އިންސައްތަ އުފުލި، މޭވާ އާއި ތަރުކާރީ ޖޫސްތަކުން ވެސް 6.9 އިންސައްތަ ވަނީ އުފުލިފައި ކަމަށާ، ރީތިވާ ސާމާނާއި އެ ނޫން ވެސް "ޕާސަނަލް ކެއާ" ކެޓަގަރީގައި ހިމެނޭ ތަކެތީގެ އަގު ވެސް މިދިޔަ އަހަރަށް ވުރެ 4.33 ޕަސެންޓް ބޮޑުވެފައިވާ ކަމަށް ވެސް އީސީޕީއައި އިން ދައްކަ އެވެ.
ރާއްޖޭގައި ތަކެތީގެ އަގު އުފުލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ޑޮލަރު ތާށިކަމުގެ ސަބަބުން ކަމަށް މުދާ އިމްޕޯޓު ކުރާ ފަރާތްތަކުން ބުނާއިރު، ސްޓެޓިސްޓިކްސް ބިއުރޯއިން އީސީޕީއައި ޝާއިއުކުރަނީ އަސާސީ ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް އަވަހަށް ދެނެގަނެ، އެއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ މަގުފަހިކުރުމުގެ ގޮތުން ކަމަށް އެ ބިއުރޯއިން ބުނެއެވެ. މިއީ ތަކެތީގެ އަގުތައް، ހާއްސަކޮށް ކާބޯތަކެތީގެ އަގުތައް، އުފުލެމުން ދާތީ އާންމުންގެ ޝަކުވާ ގިނަ ދުވަސްވަރެއްގައި ޝާއިއުކުރަން ފެށި އިންޑެކްސްއެއްކަން ވެސް ފާހަގަކޮށްލެވެއެވެ.