ސަރުކާރުން ބައެއް ވިޔަފާރިތަކަށް ވަންނަން ޖެހެނީ ވިޔަފާރިވެރިން ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްތުގައި ރައްޔިތުންނަށް ދެރަދޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ މިފަހުން ދެއްކެވި ވާހަކައަށް ރައްދުދެއްވާ އަމީރު ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައި، ރާއްޖޭގެ ބާޒާރުގައި އާފަލުގެ އަގު އުފުލެން މެދުވެރިވެދާނެ ސަބަބުތައް ދައްކުވައިދޭ ޗާޓެއް ހިއްސާކުރައްވާ ވިދާޅުވީ، ވިޔަފާރިތަކުން ސިޔާސީ ބޭނުމަކަށްޓަކައި ގަސްދުގައި އަގު ބޮޑުކުރުމާ، މިހާރު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން ދިޔުމާ އެއްވެސް ގުޅުމެއް ނެތްކަން އެ ޗާޓުން ދޭހަވާނެ ކަމަށެވެ.
ތަކެތީގެ އަގު ބޮޑުވަމުން ދިޔުމާ ގުޅޭގޮތުން އަމީރު ހިއްސާކުރެއްވި ޗާޓު
މި ފަހުން ބާޒާރުގައި އާފަލާއި އޮރެންޖުގެ އަގު އުފުލުނު ހާލަތު މިސާލެއްގެ ގޮތުގައި ނަންގަވައި، ވިޔަފާރިވެރިން ތަކެތީގެ އަގުބޮޑުކުރަނީ ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްތުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ވ. ފެލިދޫގައި ހުންނަވާ ހުކުރު ދުވަހުގެރޭ އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރު މާރުކުރަން މަޖުބޫރުކުރަން ސަރުކާރުން ނިންމުމާއެކު ލިބޭ ޑޮލަރު އިތުރުވެ، ބޭންކުތަކުން ވިޔަފާރިތަކުން މުދާ އެތެރެކުރުމަށް ދޫކުރާ ޑޮލަރު އިތުރުކޮށްފައިވާ ކަމަށާ، އެކަމުގެ ސަބަބުން ތަކެތީގެ އަގު ދަށްވަމުންދާ ކަމަށާއި އަގުބޮޑުކުރަނީ ގަސްތުގައި ކަމަށެވެ.
"ބައެއް ފަރާތްތަކުން ސިޔާސީ ބޭނުމަށް ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތި ކުރުމަށް ބައެއް ކަންތައް ކުރިޔަސް ސަރުކާރުން އެ ފުރުސަތެއް ނުދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަމީރުގެ މީސްމީޑިއާ ޕޯސްޓްގައި ވިދާޅުވެފައިވަނީ ރައީސް މުއިއްޒުއަކީ ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެއްކަމަށް ވާއިރު، އަމީރު ހިއްސާކުރެއްވި ޗާޓު ބައްލަވާލެއްވުމުން އަގު ބޮޑުވުމުގެ އަސްލު ސަބަބުތައް އެމަނިކުފާނަށް ސާފުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.